26 ސެޕްޓެމްބަރ 2016 - 11:48

މިދިޔަ އަހަރު ކުރީކޮޅު ދަރުބާރުގެ ކައިރިން މަރާލި އަހުމަދު ޖައިލަމްގެ މަރުގެ މައްސަލާގައި ފުލުހުން ހޯދަމުން ދިޔަ މުހައްމަދު ހުމައިދު ރާއްޖެއިން ބޭރުގައި ގިނަ ދުވަސްތަކެއް ވަންދެން ފިލައިގެން އުޅުމަށް ފަހު އަމިއްލައަށް ފުލުހުންނާ ހަވާލުވެއްޖެ އެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ހ. ހަންޑްރެޑްފްވާލާ، ޖައިލަމަށް ގްރޫޕަކުން ހަމަލާދީ މަރާލި މައްސަލާގައި ގއ. ވިލިނގިިލީ ފިޔަޖަހާގޭ. ހުމައިދު ހޯދަން އިއުލާންކޮށް، އިންޓަޕޯލް ރެޑް ނޯޓިސް ވެސް އޮތީ ނެރެފަ އެވެ. ރެޑް ނޯޓިސް ނެރުނުތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން މިދިޔަ ހޮނިހިރު ދުވަހު ހުމައިދު ފުލުހުންނާ ހަވާލުވީ ސްރީލަންކާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނަށް ގޮސް، އެތަން މެދުވެރިކޮށެވެ.
ރާއްޖޭގެ ހައި ކޮމިޝަނަށް ހުމައިދު އަމިއްލައަށް ގޮސް އޭނާ ފުލުހުންނާއި ހަވާލުވާން ބުނުމުން އެކަން ދިވެހި ފުލުހުންނަށް އަންގައި، އޭނާއަށް ރާއްޖެ އާދެވޭ ގޮތް ހަމަޖެއްސީ ހައި ކޮމިޝަނުންނެވެ. އޭނާ ރާއްޖެ އައުމާ އެކު އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން އޭނާ ވަނީ ހައްޔަރުކޮށްފަ އެވެ.
ހުމައިދު 15 ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން މިހާރު ވަނީ އަމުރު ވެސް ނެރެފަ އެވެ.
ޖައިލަމްގެ މަރާ ގުޅިގެން އެހެން ތިން މީހަކަށް ވަނީ ދައުވާ އުފުލައި، ޝަރީއަތް ފަށައިފަ އެވެ. އެއީ ސ. ފޭދޫ ވީނަސްވިލާ ނަސީބު ސައީދާއި ޏ. ފުވައްމުލަކު ޖަމްނާ، އަލީ އިރުފާނުގެ އިތުރުން ވ. ސިނަމާލޭ ފްލެޓް އިސްމާއިލް އަނީގުގެ މައްޗަށެވެ.