ގާސިމަށް ހުކުމް ކުރުން ނޮވެމްބަރަށް ފަސްކޮށްފި
ގާސިމަށް ހުކުމް ކުރުން ނޮވެމްބަރަށް ފަސްކޮށްފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތާ ގުޅޭ މައުލޫމާތުތަކެއް ލީކުކުރި މައްސަލާގައި ހައްޔަރުކޮށް، ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހޯދައި ހާމަކުރި ކަމުގެ ތުހުމަތުގެ ދައުވާ ކޮށްފައިވާ ބީއެމްއެލްގެ ކުރީގެ މުވައްޒަފު ގާސިމް އަބްދުލްކަރީމްގެ މައްޗަށް ހުކުމް ކުރުން އަންނަ ނޮވެމްބަރު މަހަށް ފަސްކޮށްފި އެވެ.

ބީއެމްއެލްގެ ފ. ނިލަންދޫ ބްރާންޗްގެ ކުރީގެ އެސިސްޓެންޓް މެނޭޖަރަކަށް ހުއްޓާ ހައްޔަރުކުރި ގާސިމްގެ މައްޗަށް ކްރިމިނަލް ކްރިމިނަލް ހުކުމް ކުރަން ކުރިން ހަމަޖައްސާފައި ވަނީ މިއަދެވެ. އޭނާގެ ވަކީލް ނާޒިމް ސައްތާރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާސިމަށް ހުކުމް ކުރުން ނޮވެމްބަރަށް ފަސްކޮށްފައިވާ ކަމަށެވެ.

ގާސިމް ވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބީއެމްއެލްގެ އެކައުންޓެއްގައި ބަހައްޓައިގެން، އެ ފައިސާ ދައުރު ކުރިގޮތުގެ މައުލޫމާތު އާންމުކޮށްފަ އެވެ. އެ މައްސަލާގައި އޭނާގެ މައްޗަށް ކުރަނީ ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ދައުވާ އާއި ހުއްދަ ނޫން ގޮތުގައި މައުލޫމާތު އާންމު ކުރުމުގެ ދައުވާ އެވެ.

ގާސިމާ ދެކޮޅަށް ކުރާ ޖިނާއީ ދައުވާ އަނބުރާ ގެންދަން ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލުން ވަނީ ގޮވާލާފަ އެވެ. އެތަނުން ބުނެފައި ވަނީ ގާސިމް ކުރި އަމަލަކީ މުޅި މުޖްތަމައުގެ ހައްގުގައި ކުރި ކަމެއް ކަމަށާއި އޭނާގެ މައްޗަށް ދައުވާ ކުރުމުގެ ބަދަލުގައި އޭނާއަށް ޖެހޭނީ ހިމާޔަތް ދޭން ކަމަށެވެ. ދިވެހި ރައްޔިތުންގެ ފައިސާ ނުހައްގުން ބޭނުން ކުރަމުންދިޔަކަން ފަޅާ އަރުވާލުމަކީ ރަނގަޅު ކަމެއް ކަމަށާއި އެފަދަ ޚިޔާނާތްތައް ފަޅާ އަރުވަން ހިތްވަރު ދޭންޖެހޭނެ ކަމަށް ޓްރާންސްޕޭރެންސީން ބުނެފައިވެ އެވެ.