ޝްވެއިންސްޓެއިގާ މައްސަލައިގައި ޕޮޑޮލްސްކީ ފާޑުކިޔައިފި
ޝްވެއިންސްޓެއިގާ މައްސަލައިގައި ޕޮޑޮލްސްކީ ފާޑުކިޔައިފި

މިއުނިކް (ސެޕްޓެމްބަރު 26) - ބަސްޓިއަން ޝްވެއިންސްޓެއިގާ އަށް މެންޗެސްޓާ ޔުުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ ފުރުސަތު ނުދޭތީ، ޖަރުމަން ގައުމީ ޓީމުގެ ކުރީގެ ފޯވާޑް ލޫކަސް ޕޮޑޮލްސްކީ ފާޑުކިޔައިފި އެވެ.

ބަޔާން މިއުނިކް ދޫކޮށް މިދިޔަ ސީޒަނުގައި ޔުނައިޓެޑާ ގުޅުނު ޝްވެއިންސްޓެއިގާ އަށް އަނިޔާގެ ސަބަބުން މިދިޔަ ސީޒަނުގައި ރަނގަޅު ކުޅުމެއް ނުދެއްކުނެވެ. މި ސީޒަނުގައި އާ ކޯޗު މޮރީނިއޯ ހަވާލުވެ ބުނީ ޝްވެއިންސްޓެއިގާ އަށް ފުރުސަތެއް ނެތް ކަމަށާއި އޭނާގެ ޕްލޭނުގައި ޝްވެއިންސްޓެއިގާ ނުހިމެނޭ ކަމަށެވެ. އެކަމަކު ޕްރިމިއާ ލީގުގައި ވާދަކުރާ ސްކޮޑުގައި އޭނާގެ ނަން ވަނީ ޖަހައިފަ އެވެ.

"ޝްވެއިންސްޓެއިގާގެ ކެރިއަށް އަށް ބަލާއިރު، ޔުނައިޓެޑުގައި އޭނާ އަށް ކަންތައް ވަމުން އެދަނީ އޭނާ ފަދަ ކުޅުންތެރިޔަކާ މެދު ކަންތައް ވާން ޖެހޭނެ ގޮތަކަށް ނޫން. ޝްވެއިންސްޓާއާ އެކު މޮރީނިއޯ ކުރި މަޝްވަރާއެއް އަހަންނަށް ނޭގޭ. އެކަމަކު އެނގޭ ކަމަކީ އޭނާ ފަދަ ކުޅުންތެރިޔަކު ޔޫތު ޓީމަށް ލައިގެން ނުވާނެކަން،" ޕޮޑޮލްސްކީ ބުންޏެވެ.

ޖަރުމަނާ އެކު 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ކުޅުންތެރިޔާ ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފަ އެވެ. ޔުނައިޓެޑަށް ބަދަލުވުމުގެ ކުރިން އޭނާ ވަނީ ބަޔާން މިއުނިކާ އެކު ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފަ އެވެ.