ޗެލްސީ ކުޅުންތެރިންނަށް ކޯޗުގެ އިންޒާރެއް
ޗެލްސީ ކުޅުންތެރިންނަށް ކޯޗުގެ އިންޒާރެއް

ލަންޑަން (ސެޕްޓެމްބަރު 26) - ޗެލްސީގެ ކުޅުން ވަރަށް ބޮޑަށް ރަނގަޅުކުރަން ޖެހޭ ކަމަށާއި އެހެން ނޫނީ މިދިޔަ ސީޒަން ފަދައިން ވަރަށް ދަށްކޮށް ލީގު ނިންމާލަން ޖެހިދާނެ ކަމަށް އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

މިދިޔަ ސީޒަން 10 ވަނައިގައި ނިންމާލިއިރު، ޗެލްސީން ކޮންޓޭ ގެނައީ ދަށްވެގެން ގަދަ ހަތަރަކަށް އަރައި ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދާށެވެ. ފުރަތަމަ ތިން މެޗުން މޮޅުވި ނަމަވެސް ފަހު މެޗުތަކުން އެކަށީގެންވާ ނަތީޖާއެއް ނުހޯދުނެވެ. އާސެނަލް އަތުން ހޮނިހިރު ދުވަހު 3-0 އިން ބަލިވިއިރު ޑިފެންސް ލައިން ފެނުނީ ވަރަށް ދަށްކޮށެވެ.

"ތާވަލުގެ ކުރީގައި އޮންނަން ބޭނުމިއްޔާ ވަރަށް ބޮޑުތަން ރަނގަޅުކުރަން ޖެހޭ،" ކޮންޓޭ ބުންޏެވެ.

އިޓަލީ ގައުމީ ޓީމުގެ ކުރީގެ ކޯޗު ބުނީ އާސެނަލް އަތުން 3-0 އިން ބަލިވި މެޗުގައި ފެނިގެން ދިޔައީ ވަރަށް ދަށް ކުޅުމެއް ކަމަށާއި އެ ދުވަހު ދެއްކި ކުޅުމާ މެދު އޭނާ ވެސް ކުޅުންތެރިން ވެސް ހިތްހަމަނުޖެހޭ ކަމަށެވެ.

"އެފަދަ މެޗުތަކަށް ފަހު އަހަންނަށް ނުނިދޭ. ދެރޭ ވަންދެއް އަހަރެން ނުނިދަން. އެކަމަކު މުހިއްމީ އަހަރެމެން މި ދައްކާ ވާހަކައެއް ނޫން. ދަނޑުމަތީގައި ކުރާ މަސައްކަތް މުހިއްމީ. ދަނޑުމަތީގައި ކުޅުންތެރިން އެބަޖެހޭ ރަނގަޅުކުރަން،" ކޮންޓޭ ބުންޏެވެ.