26 ސެޕްޓެމްބަރ 2016 - 09:04

ދުނިޔެ ބަލައިގަންނަ ފަދަ މާލީ މަރުކަޒެއްގެ ގޮތުގައި ރާއްޖެ ތަރައްގީކުރުމުގެ އަމާޒާ އެކު، ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ހޮން ކޮންގާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރެވޭނެ ކަމަށް ސަރުކާރުން ރޭ ބުނެފި އެވެ.
މިިނިވަން ވިޔަފާރީގެ މަޝްވަރާތައް ފެށުމަށް ހޮން ކޮންގަށް ފުރާވަޑައިގަތުމުގެ ކުރިން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި ހޮން ކޮންގް އަކީ އެންމެ ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ މާލީ މަރުކަޒަކަށް ވާއިރު، އެއީ ރާއްޖެ ފަދަ ހިދުމަތަށް ބަރޯސާވެފައިވާ އިގްތިސާދެކެވެ. އެހެންވެ، އެ ތަނާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވައިލުމުން ރާއްޖެ ވެސް މާލީ މަރުކަޒަކަށް ހެދުމަށް ކުރާ މަސައްކަތުގައި ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ހޮން ކޮންގް އަކީ ރާއްޖޭން އެންމެ ގިނަ އަދަދަކަށް ފަރުމަސް ބޭރުކުރާ އެއް ތަނެވެ. އެހެންވެ، ހޮން ކޮންގަށް ބޭރު ކުރާ މަހުން ޑިއުޓީ ކަނޑައިލަން މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ހިމެނުމަށް ހުށަހަޅުއްވާނެ ކަމަށް އޭނާ ވިދާޅުވި އެެވެ.
ރާއްޖެ އިން އަންނަނީ ހޮން ކޮންގުގެ މައި ގައުމު ކަމަށް ވާ ޗައިނާއާ އެކު ވެސް މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ދާން މަސައްކަތް ކުރަމުންނެވެ. އެ މަޝްވަރާތަކުގެ އެންމެ ފަހު ބުރު ވެސް މިނިސްޓަރުގެ މި ދަތުރުގައި ކުރިއަށް ގެންދާއިރު، އެ އެއްބަސްވުމުގައި އަންނަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ސޮއިކުރަން ވަނީ ނިންމައިފަ އެވެ.
ޗައިނާއާ އެކު ކުރާ މަޝްވަރާތަކުގައި ހޮން ކޮންގުން އޮބްޒާވަރެއްގެ ގޮތުން ބައިވެރިވެ އެވެ. އެހެންވެ، މިނިސްޓަރު ސައީދު ރޭ ވިދާޅުވީ ހޮން ކޮންގްއާ އެކު އެކު ކުރާ މަޝްވަރާތައް ނިމި ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި އެ އެއްބަސްވުމުގައި ވެސް ސޮއިކުރެވޭނެ ކަމަށެވެ.
"މުސްތަގުބަލުގައި އެހެން ބާޒާރުތަކާ އެކު ވެސް މިފަދަ މަސައްކަތްތައް ނުކުރާކަށް ނޫން އަޅުގަނޑުމެން މިތިބީ. އަޅުގަނޑުމެން ކުރާނަން،" އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގެ އިތުރުން ޖޯޖިއާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހެދުމަށް ނިންމާފައިވާކަން ހޮން ކޮންގުން ވަނީ މިދިޔަ މޭ މަހު އިއުލާންކޮށްފަ އެވެ. ހޮން ކޮންގުން އޭރު ބުނި ގޮތުގައި ރާއްޖެއާ އެކު ހަދާ އެއްބަސްވުމުގެ ދަށުން ޑިއުޓީ ކުޑަކުރުމާއި މުދާ އެތެރެކޮށް ބޭރުކުރަން ފަސޭހަ ކުރުމާއި އިންވެސްޓްމަންޓް އިތުރުކުރަން ހާއްސަ ސަމާލުކަމެއް ދޭނެ އެވެ.
ޗައިނާގެ އިތުރުން ހޮން ކޮންގާ އެކު ކުރާ މިނިވަން ވިޔަފާރީގެ މަސައްކަތަކީ ވަކި ގައުމަކާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ރާއްޖޭން އެކުލަވައިލާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ރާއްޖޭން ބައިވެރިވެފައި ވަނީ ދެކުނު އޭޝިއާ ސަަރަހައްދުގެ މިނިވަން ވިޔަފާރީގެ އެއްބަސްވުން (ސަފްޓާ)ގަ އެވެ. އެއީ ސާކުގެ ހުރިހާ ގައުމެއް ބައިވެރިވާ، ސަރަހައްދީ އެެއްބަސްވުމެކެވެ.