26 ސެޕްޓެމްބަރ 2016 - 06:30

ކީބޯޑުގައި ހުރި ހުރިހާ އަކުރުތައް މަސްހުނިކުރުމުން ވެސް އެ ޕާސްވޯޑެއް މުގުރާލުން ހެކަރުންނަށް ދާދި ފަސޭހަ އެވެ. ދެވަނަ ފަހަރަށް ލިޔަން ނޭނގޭހާ ދިގު ޕާސްވޯޑްތައް ވެސް އެއްޗަކަށް ނުވި އެވެ. ހެކަރުންގެ ކިބައިން ސަލާމަތްވުމަށް "ކޮމްޕިއުޓާ ސެކިޔުރިޓީ" ދެން ގެނެސްދިނީ "ބަޔޮމެޓްރިކްސް" އެވެ.
ބަޔޮމެޓްރިކްސް އަކީ ކޮން އެއްޗެއްކަން ބުނެދިނުމުގެ ކުރިން ވެގެން މިއުޅޭ ގޮތް ބުނެދޭނަމެވެ. ބަޔޮމެޓްރިކް ނިޒާމް ފޫދުއްވާލުމަށްޓަކައި ތަފާތު އުކުޅުތައް ބޭނުންކުރަމުން އަންނަ ކަމަށް ސެކިޔުރިޓީ ފާމްތަކުން ބުނެފި އެވެ.
ބަޔޮމެޓްރިކްސް އަކީ ޖިސްމާނީ ސިފަތަކަށް އިތުބާރުކޮށް ކަމެއް ކުރުމަށް ހުއްދަ ދިނުމެވެ. އިންސާނެއްގެ ކިބައިގައި ނުވަތަ ގުނަވަންތަކުގައި ހުންނަ ސިފަތަކަކަށް ބަރޯސާކޮށް، ދޮރެއް ހުޅުވަން ނުވަތަ ސްވިޗެއް ޖައްސަން އިޒުނަދިނުމެވެ. މިއީ ކޮމްޕިއުޓާ ސެކިޔުރިޓީ ދާއިރާގައި ބަޔޮމެޓްރިކްސް މާނަކުރާ ގޮތެވެ.
ބަޔޮމެޓްރިކްސް ދާއިރާގައި ބޭނުންހިފުމަށް ގުނަވަންތަކެއް ނުވަތަ ހަށިގަނޑުގެ ބައިތަކެއް ޚާއްސަކޮށްފައި ހުރެ އެވެ. މިސާލަކަށް އިނގިލި، މޫނު، ލޮލުގެ ކަޅި، ލޮލުގެ ރެޓިނާ، އަތްތިލަ، ނާރުތައް، އަޑު އަދި އެ މީހަކު ސޮއިކުރާ ގޮތް ހިމެނެ އެވެ.
އިނގިލި ބޭނުންކުރަނީ "ފިންގާޕްރިންޓް" ސްކޭނާތަކުގަ އެވެ. ސަރުކާރު އޮފީސްތަކާއި އާންމު ގެދޮރުގައި ފިންގާޕްރިންޓް ސްކޭނާ ބޭނުންކުރުން މިހާރު ވަރަށް އާންމެވެ.
އިންސާނުންގެ މޫނަށް ޚާއްސަ ސިފަތަކެއް ލިބިފައި ހުރެ އެވެ. އެ ގޮތުގައި އެވެނި މިވެނި މީހަކު ވަކިކޮށް ހުނިޖަހާލަން "ބަޔޮމެޓްރިކްސް" ގައި މޫނު ބޭނުންހިފަ އެވެ.
ލޮލުގެ ކަޅި އަށް ބަލައި ހުއްދަކުރުމަށް "އައިރިސް ސްކޭނާ" އެވެ. ރެޓިނާ ސްކޭންކުރަނީ "ރެޓިނަލް ސްކޭނާ" އިންނެވެ.
އެކި މީހުންގެ އަތްތިލަ ވެސް ތަފާތެވެ. އިނގިލިތަކުގެ ދިގުމިނާއި ބަދަތަކުގެ ދުރުމިން، ނާރުތައް ތަރުތީބުވެފައި ހުންނަ ގޮތް ވެސް ތަފާތެވެ.
ކިތަންމެ ވައްތަރުކޮށް ވާހަކަދެއްކި ނަމަވެސް ބަޔޮމެޓްރިކްސްގެ ޒަރިއްޔާއިން އަޑުގެ ހަގީގީ ވެރިޔާ ދެނެގަނެވެ އެވެ. އެކި މީހުން ސޮއިކުރާއިރު އަތަށް އަރާ ލޮޅުމުން ވެސް ވަކި މީހަކު ދެނެގަނެވެ އެވެ.
ބަޔޮމެޓްރިކްސް އަށް ބަދަލުވީ، އަކުރުތަކާއި އަދަދުތަކުން ޕާސްވޯޑްތައް ޖަހާޖަހައި ބަލިވެގެންނެވެ. އެކަމަކު ސެކިޔުރިޓީ ފާމްތަކުން މިހާރު އެ ބުނަނީ އެއީ ވެސް ހެކަރުންނަށް ފޮރުވެން ނެތް ނިޒާމެއް ކަމަށެވެ. ސިފަތަކާއި ފާހަގަތައް ނަކަލުކުރުމަށްޓަކައި ހެކަރުން ތިބީ ތައްޔާރަށް ކަމަށެވެ. އެއީ ވަރަށް ކަންބޮޑުވާ ކަމެއް ނަމަވެސް ކުރާނެ ކަމެއް އަދި ނެތް ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ބަޔޮމެޓްރިކްސް ފޫވައްޓާލައި ހެކަރުން ވަދެގަތުން ނުރައްކާ ވަނީ، ޕާސްވޯޑް ބަދަލުކުރާހެން އިންސާނަކަށް ލިބިފައި ހުރި ސިފަތައް ބަދަލުނުކުރެވޭތީ އެވެ. މީހެއްގެ ފިންގާޕްރިންޓް ވަގަށް ނަގައިފި ނަމަ ޒަމާން ދިއައީ އެވެ.
ސެކިޔުރިޓީ ފާމްތަކުން ބުނާ ގޮތުގައި ވަކި މީހެއްގެ ސިފަ އަށް ބަދަލުވެގަތުމަށްޓަކައި މޫނު މާސްކްކުރުމަށް ހެކަރުން ދަނީ "ތްރީޑީ ޕްރިންޓް" ޓެކްނޮލޮޖީ ވެސް ބޭނުންހިފަމުންނެވެ. އެ ގޮތުގައި ހެކަރުން މަސައްކަތްކުރާ ނަމަ ލަސްތަކެއް ނެވެ ބަޔޮމެޓްރިކްސް ނިޒާމް ބޭނުން ނެތް އެއްޗަކަށް ހަދާނެ އެވެ.