އެއާޕޯޓުގެ ޓާމިނަލް ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ ލިބިއްޖެ: މިނިސްޓަރު
އެއާޕޯޓުގެ ޓާމިނަލް ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ ލިބިއްޖެ: މިނިސްޓަރު

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ) ގައި އަޅާ އާ ޓާމިނަލް ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިރޭ ވިދާޅުވެއްޖެ އެވެ.

އެއާޕޯޓުގެ ޓާމިނަލް ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ ލިބިއްޖެ: މިނިސްޓަރު
އެއާޕޯޓުގެ ޓާމިނަލް ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ ލިބިއްޖެ: މިނިސްޓަރު

ސައުދީ ފަންޑުން ދިން 100 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމުގައި މިރޭ ކުރުނބާ މޯލްޑިވްސްގައި ސޮއިކުރެއްވުމަށްފަހު "މިހާރު"އާ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެއާޕޯޓުގެ ޓާމިނަލް ޕްރޮޖެކްޓަށް ލޯނު ދިނުމަށް އެއްބަސްވެފައިވާ އެހެން ބައެއް ފަރާތްތަކާއެކު ވަރަށް އަވަހަށް ސޮއިކުރެވޭނެ ކަމަށެވެ.

"މި މަޝްރޫއަށް އަޅުގަނޑުމެން ބޭނުންވާ ފައިސާ ބޭރުގެ އެކި ފަރާތްތަކުން ދޭން ވަނީ އެއްބަސްވެފައި. އޭގެ އިތުރުން ސަރުކާރުގެ ބަޖެޓުން ވެސް ހޭދަކުރާނެ،" މުނައްވަރު ވިދާޅުވި އެވެ.

ސައުދީ ފަންޑުން 100 މިލިއަން ޑޮލަރުގެ ލޯނެއް ދިނީ ފަސް އަހަރުގެ ގްރޭސް ޕީރިއަޑަކާއެކު އަހަރަކު ދެ ޕަސެންޓް އިންޓަރެސްޓް ރޭޓުގައި 25 އަހަރު ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށެވެ. މިއީ އެއާޕޯޓުގެ ޓާމިނަލް ޕްރޮޖެކްޓަށް މިހާތަނަށް ދިން އެންމެ ބޮޑު ލޯނެވެ. މީގެ ކުރިން ކުވައިތު ފަންޑުން ވެސް ވަނީ 50 މިލިއަން ޑޮލަރުގެ ލޯނެއް ދީފަ އެވެ. އަދި އޯޕެކް ފަންޑުން ވެސް ދާދިފަހުން ވަނީ 50 މިލިއަން ޑޮލަރުގެ ލޯނެއް ދޭން އެތަނުގެ ބޯޑުން ނިންމައިފަ އެވެ.

ގާތްގަނޑަކަށް 300 މިލިއަން ޑޮލަރު ހަރަދުކޮށް، އަހަރަކު ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށް އެންމެ ޒަމާނީ ވަސީލަތްތަކާއެކު ހަދާ އެއާޕޯޓުގެ ޓާމިނަލް ޕްރޮޖެކްޓްގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ސައުދީގެ އެންމެ ބޮޑު ކޮންސްޓްރަކްޝަން ކުންފުނި، ސައުދީ ބިންލާދިން ގްރޫޕާ އެވެ.

ލޯނު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ އެ މަޝްރޫއަށް ބޭނުންވާ އެހެން ލޯނުގެ އެގްރިމަންޓްތަކުގައި މިއަހަރު ނިމުމުގެ ކުރިން ސޮއިކޮށް ނިމޭނެ ކަމަށެވެ. އަދި އެ މަޝްރޫއު 2018 ވަނަ އަހަރަށް ނިންމާލެވޭނެ ކަމަށް ވެސް މުނައްވަރު ވިދާޅުވި އެވެ.

"ސައުދީ ފަންޑުން އަޅުގަނޑުމެންނަށް މި ދެއްވީ ވަރަށް ދީލަތި އެހީއެއް. ކުރިމަގުގައި ސައުދީން މިފަދަ އެހީތައް އަޅުގަނޑުމެން ލިބެމުންދާނެ ކަމަށް އުއްމީދުކުރަން. އެ ފަންޑުން ވަނީ މި އަހަރުގެ ކުރީކޮޅު ހުޅުމާލޭގެ ޔޫތު ސިޓީ ޕްރޮޖެކްޓަށް ވެސް ވަރަށް ބޮޑު އެހީތެރިކަމެއް ދެއްވާފައި،" މިނިސްޓަރު ވިދާޅުވި އެވެ.

މުނައްވަރު ވިދާޅުވީ ސައުދީ ފަންޑުން ދޭ 100 މިލިއަން ޑޮލަރަކީ މިހާތަނަށް އެއް މަޝްރޫއަކަށް އެ ފަންޑުން ރާއްޖެއަށް ދިން އެންމެ ބޮޑު ލޯނު ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސައުދީ ފަންޑުގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް އަލް ބައްސާމް ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށް ހިންގާ 12 ޕްރޮޖެކްޓަކަށް އެ ފަންޑުން މިހާތަނަށް 266 މިލިއަން ޑޮލަރުގެ ލޯނު ދީފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ދެކޭ ގޮތުގައި އެއާޕޯޓުގެ ޓާމިނަލް މަޝްރޫއަކީ ރާއްޖޭގެ ތަރައްގީއަށް ހިންގޭ ވަރަށް މުހިންމު މަޝްރޫއެއް. އޭގެ ސަބަބުން އަހަރަކު ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ. އަދި ޓޫރިޒަމަށާއި އިމްޕޯޓް އަދި އެކްސްޕޯޓަށް ވަރަށް ބޮޑު ކުރިއެރުންތައް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.