25 ސެޕްޓެމްބަރ 2016 - 21:06

ސިޔާސީ ޕާޓީތަކުގެ މެދުގައި ބާއްވާ މަޝްވަރާތަކުގައި އިދިކޮޅު އެމްޑީޕީ އާއި އަދާލަތު ޕާޓީން ބައިވެރިވާނެ ބޭފުޅުންގެ ނަންތައް ފޮނުވައި ދިނުމަށް އެ ދެ ޕާޓީގައި ސަރުކާރުން މިހާރު އެދިފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވެއްޖެ އެވެ.
މަޝްވަރާތައް އަލުން މި ފަށަނީ ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް)ގެ ރަސްމީ އެޖެންޑާގައި ރާއްޖެ ހިމަނައި ދެން އިސްލާހު ނުވެއްޖެ ނަމަ ކޮމަންވެލްތުން ރާއްޖެ ސަސްޕެންޑް ކުރަން ވިސްނާނެ ކަމުގެ އިންޒާރު ދީ އަދި ރާއްޖޭގެ ސިޔާސީ ޕާޓީތަކުން މަޝްވަރާކޮށް ހައްލު ހޯދުމަށް އަންގާފައި ވަނިކޮށެވެ.
މިދިޔަ ފެބްރުއަރީ މަހާއި އޭޕްރީލް މަހު ބޭއްވި ސީމެގްގެ ބައްދަލުވުމުގައި ރާއްޖެ އަށް ހުށަހެޅި ކަންކަން އިސްލާހު ކުރަން އެކަށީގެންވާ މަސައްކަތް ކޮށްފައި ނުވާ ކަމަށް ސީމެގުން ބުނެފައިވެ އެވެ. އޭގެ ތެރޭގައި ސިޔާސީ ހުރިހާ ފަރާތްތަކަށް ބައިވެރިވޭ ގޮތަށް، ވަކި މަގުސަދުތަކަކާއި ވަގުތުތަކެއް ކަނޑައަޅައިގެން މަޝްވަރާތައް އަލުން ފެށުން ހިމެނެ އެވެ.
ސީމެގުން ރާއްޖެއާ ދެކޮޅަށް ފިޔަވަޅު އެޅުމަކީ ގައުމަށް ލިބޭނެ ބޮޑު ގެއްލުމެއް ކަމަށާއި އެ ފިޔަވަޅުތަކުން ސަލާމަތްވާން އިދިކޮޅު ފަރާތްތަކާ ވާހަކަދައްކަން ފަށަން އެމްޑީން އިއްޔެ ވަނީ ސަރުކާރަށް ގޮވާލާފަ އެވެ.
ސިޔާސީ މަސްރަހު ފިނިކުރުމަށް މަޝްވަރާތައް ފެށީ މިދިޔަ އަަހަރު މެދު ތެރޭގަ އެވެ. އެކަމަކު، ޖަލަށް ހުކުމްކޮށްފައި ތިބި އިދިކޮޅު ލީޑަރުން މަޝްވަރާތަކުގެ ކުރިން ދޫކޮށްލަން އިދިކޮޅު ފަރާތްތަކުން ކުރި ޝަރުތަށް ސަރުކާރުން އެއްބަސް ނުވުމުން މިހާތަނަށް އެ މަޝްވަރާތައް ފެށޭ ގޮތެއް ނުވެ އެވެ.