"ޝަރަފަށް އޮތީ ފުރިހަމަ ޕްލޭނެއް، ބޮޑު މަންޒަރެއް"
"ޝަރަފަށް އޮތީ ފުރިހަމަ ޕްލޭނެއް، ބޮޑު މަންޒަރެއް"

ބާލިން މެރެތަންގައި މިއަދު ވާދަކޮށް ގައުމީ ރެކޯޑް މުގުރާނުލެވުނަސް، އަހުމަދު ޝަރަފް މިދިޔަ ހަތް މަސް ދުވަހުގެ ތެރޭގައި ބޮޑު ކުރިއެރުމެއް ހޯދައިފި ކަމަށާއި އޭނާ އަމާޒު ހިފާފައިވަނީ އެއަށް ވުރެ މާބޮޑު ކާމިޔާބަކަށް ކަމަށް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) ވިދާޅުވެއްޖެ އެވެ.

މީގެ ހަތަރު އަހަރު ކުރިން ދުވުމުގެ ތެރެއަށް ނުކުތް ޝަރަފް އަންނަނީ މި އަހަރުން ފެށިގެން އޮލިމްޕިކް ކޮމިޓީން ދިން ސްކޮލަޝިޕެއްގައި އިތިއޯޕިއާގައި ތަމްރީން ހަދަމުންނެވެ. ޝަރަފް މިދިޔަ މަހު ގައުމީ ހާފް މެރެތަން ރެކޯޑް މުގުރާލުމާ އެކު އަދި އޭނާގެ މެރެތަން ޓައިމިން ވެސް ބޮޑުތަން ރަނގަޅުވުމާ އެކު ގިނަ ބަޔަކު އުއްމީދުކޮށްގެން ތިބީ މިއަދު އޭނާ 27 އަހަރުވީ މެރެތަން ރެކޯޑް މުގުރާލާނެ ކަމަށެވެ. އެކަމަކު 1989 ވަނަ އަހަރުގެ ސާފް ގޭމްސްގައި ޑރ. ހުސެއިން ހަލީމް (ކުޑަހުސެން) 2 ގަޑި 45 މިނެޓުން ހެދި ރެކޯޑަށް ވުރެ ޝަރަފް ލަސްވީ އެންމެ ދެ މިނެޓެވެ.

މަރުޒޫގު ވިދާޅުވީ ޝަރަފް ތަމްރީން ފުރިހަމަކުރަން ފެށިތާ ހަތް މަސް ދުވަހުގެ ތެރޭގައި އޭނާ ގައުމީ ރެކޯޑް މުގުރާލުމަކީ، އާއްމުން ކުރި އުއްމީދެއް ކަމަށާއި އޭނާގެ އަމާޒު ހުރީ އެއަށް ވުރެ މަތީގައި ކަމަށެވެ.

"ޝަރަފް އަދި އަންނަނީ ވަރަށް ރަނގަޅަށް މަސައްކަތްކުރަމުން. ހަތް މަސް ދުވަހުގެ ތެރޭގައި 3 ގަޑި 12 މިނެޓުން 2 ގަޑި 48 މިނެޓަށް ޓައިމިން އަވަސްކުރުމަކީ ފާހަގަކުރަންޖެހޭ ކުރިއެރުމެއް،" މަރުޒޫގު ފޭސްބުކުގައި ލިޔެފައިވެ އެވެ.

"އަހަރެމެންގެ އެބައޮތް އޭނާ އަށް މާ ފުރިހަމަ ޕްލޭނެއް. ދައްކައިދޭން އޮތީ މާބޮޑު މަންޒަރެއް. އޭނާގެ ޓާގެޓަކީ 2018 ވަނަ އަހަރުގެ ކޮމަންވެލްތު ގޭމްސް އަށް ކޮލިފައިވުން އަދި 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން މެޑަލެއް ހޯދުމަށް ފަހު 2020 ވަނަ އަހަރުގެ އޮލިމްޕިކްސް އަށް ކޮލިފައިވުން،" ރެކޯޑް މުގުރާނުލެވުމަކީ މާޔޫސްކަމެއް ނޫންކަން ފާހަގަކުރަމުން މަރުޒޫގު ލިޔެފައިވެ އެވެ.