25 ސެޕްޓެމްބަރ 2016 - 17:54

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ވިކްޓަރީ އަތުން 3-0 އިން ކްލަބް އީގަލްސް ބަލިވުމާ އެކު، ލީގު ޗެމްޕިއަންކަން މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަނަށް ކަށަވަރުވެއްޖެ އެވެ.

މާޒިޔާގެ ތާރީހުގައި އެ ކްލަބުން ފުރަތަމަ ފަހަރަށް ލީގު ކާމިޔާބުކުރީ ބާކީ ތިން މެޗު އޮއްވާ 43 ޕޮއިންޓާ އެކު އެވެ. މާޒިޔާ އަށް ލީގު ކަށަވަރުވީ، މިއަދުގެ މެޗުން އީގަލްސް ބަލިވުމާ އެކު ބާކީ އޮތް ތިން މެޗުން އެ ޓީމަށް މާޒިޔާއާ ހަމަކުރެވޭނެ ގޮތެއް ނެތުމުންނެވެ. ކުރިއަށް އޮތް ތިން މެޗުން މޮޅުވިޔަސް އީގަލްސް އަށް ހޯދޭނީ ގިނަވެގެން 41 ޕޮއިންޓެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކޯޗު އަލީ ސުޒޭނުގެ އިރުޝާދުގެ ދަށުން މާޒިޔާ ލީގު ހޯދިއިރު މިހާރު އެ ޓީމު ވަނީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ތިން މުބާރާތުގެ ތަށި ހަމަކޮށްފަ އެވެ. އެފްއޭ ކަޕް ދެ ފަހަރު ކާމިޔާބުކޮށްފައިވާއިރު މިދިޔަ އަހަރު އެ ޓީމުން ވަނީ ފުރަތަމަ ފަހަރަށް ގައުމީ ޗެމްޕިއަންކަން ހޯދައިފި އެވެ.
މާޒިޔާ އިން މި އަހަރުގެ ސީޒަނަށް ނުކުތްއިރު އެންމެ ބޮޑު ޓާގެޓަކަށް ހަދާފައި އޮތީ ވެސް ލީގު ކާމިޔާބުކުރުމެވެ. އެގޮތުން ގައުމީ ޓީމުގެ ގިނަ ކުޅުންތެރިން ގެނެސް ޓީމު ވަރުގަދަކުރިއިރު ޖޫން ޓްރާންސްފާގައި ވަނީ ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ވެސް ގެނެސްފަ އެވެ.
ބައިބަލާ އިން މަޝްހޫރުކަން ހޯދި ނަމަވެސް، 1996 ވަނަ އަހަރު އުފެދުނު ކްލަބުން އައީ ފެށުނީއްސުރެ ފުޓްބޯޅައިގެ ތިން ވަނަ ޑިވިޝަނާއި ދެ ވަނަ ޑިވިޝަނުގައި ވާދަކުރަމުންނެވެ. ފުރަތަމަ ޑިވިޝަނަށް 2007 ވަނަ އަހަރު ކޮލިފައިވި މާޒިޔާ އިން ވަނީ މިދިޔަ 10 އަހަރުގެ ތެރޭގައި ބޮޑު ކުރިއެރުމެއް ހޯދައި ދިވެހި ފުޓްބޯޅައިގެ ގަދަބާރަކަށް ވެފަ އެވެ.
މާޒިޔާ އަކީ 2000 ވަނަ އަހަރު ތައާރަފްކުރި ދިވެހި ލީގުގެ ޗެމްޕިއަންކަން ހޯދި ފަސް ވަނަ ކްލަބެވެ. މީގެ ކުރިން ލީގު ޗެމްޕިއަންކަން ހޯދާފައިވަނީ ފަސް ފަހަރު ކާމިޔާބުކޮށްފައިވާ ނިއު ރޭޑިއަންޓާއި ވެލެންސިއާގެ އިތުރުން ތިން ފަހަރު ލީގު ކާމިޔާބުކުރި ވީބީ އައްޑޫ އެފްސީ އާއި ދެ ފަހަރު ޗެމްޕިއަންކަން ހޯދި ވިކްޓަރީގެ އިތުރުން އެއް ފަހަރު ތަށި ހޯދި ހުއްރިއްޔާ އެވެ.
މާޒިޔާ ލީގު ޗެމްޕިއަންކަން ހޯދިއިރު، އެ ޓީމާ މިހާރު ވާދަވެރި އަދި މިދިޔަ ހަތަރު އަހަރު ލީގު ހޯދި ނިއު އޮތީ މި ވަގުތު ހަ ވަނައިގަ އެވެ. މާޒިޔާ އަށް މި ސީޒަނުގައި އެންމެ ބޮޑު ފައިޓެއް ދެމުން އައި އީގަލްސް އަށް މި ބުރުގައި އެކަށީގެންވާ ނަތީޖާތަކެއް ނުނެރެވުނެވެ.
މިއަދު ވިކްޓަރީ އަތުން އީގަލްސް ބަލިވިއިރު ދިމާވި އެންމެ ބޮޑު މައްސަލައަކީ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ގޯލްކީޕަރު ސުޖަން ޕެރޭރާ އަށް ރަތްކާޑު ދެއްކުމުން އެކަކު މަދުވުމެވެ. ސުޖަން އަށް ރަތްކާޑު ދެއްކީ ވިކްޓަރީގެ ގޮޑްފްރޭ ވެސްޓް އޭނާ ކައިރިން ނައްޓާލުމަށް ފަހު އޭރިއާ ތެރެއަށް ވަންނަން އުޅުމުން ހުރަސް އަޅައި ވައްޓާލުމުންނެވެ. އެ ފައުލާ އެކު ވިކްޓަރީ އަށް ލިބުނު ހިލޭ ޖެހުމުން ގޯލް ޖެހީ ކެޕްޓަން ރިލްވާން ވަހީދެވެ. އޭގެ ކުރިން ވިކްޓަރީން ފޮނުވާލި ތިން ހަމަލައެއް ލަންކާގެ ގައުމީ ކީޕަރު ސުޖަން މަތަކުރި އެވެ.
ސުޖަންގެ ފައުލަށް ގޮޑްފްރޭ ވެއްޓުނީ އޭރިއާ ތެރެއަށް ކަމަށާއި އެހެންވެ ޕެނަލްޓީއެއް ދޭން ޖެހޭނެ ކަމަށް ބުނެ ހިތްހަމަނުޖެހުން ފާޅުކުރުމުން ރެފްރީ ވަނީ ވިކްޓަރީގެ ކޯޗު ލާސްލޯ ކިސް ބެންޗުން ފޮނުވާލައިފަ އެވެ. ފަހު ހާފުގައި ވިކްޓަރީއަށް ކޯޗުކޮށްދިނީ ކިސްގެ ދަރިފުޅު ޗަބާ ކިސް އެވެ.
ދެ ވަނަ ހާފުގައި އީގަލްސް އިން ވަރަށް ބޮޑަށް ކުރިއަށް ޖެހި އެޓޭކްތައް އުފެއްދި އެވެ. އެ ޓީމުން އުފެއްދި ހަމަލައެއް ރޫޅާލަން އުޅުމުގެ ތެރޭ ވިކްޓަރީގެ ޑިފެންޑަރަކު ކުރި ފައުލަކަށް ރެފްރީ އީގަލްސް އަށް ޕެނަލްޓީއެއް 58 ވަނަ މިނެޓުގައި ދިނެވެ. އެކަމަކު މި ޕެނަލްޓީ އީގަލްސްގެ މުހައްމަދު ސެޑިކް ޖެހުމުން ވިކްޓަރީގެ ގޯލްކީޕަރު އިބްރާހިމް އިފްރާފް އަރީފް މަތަކުރި އެވެ.
އީގަލްސް އިން ކުރިއަށް ޖެހުމުން، ލިބުނު ހުސް ޖާގަތަކުގައި ބޭނުން ހިފައި ވިކްޓަރީން ވަނީ ކައުންޓާ އެޓޭކުގައި ފަހު ވަގުތު އިތުރު ދެ ލަނޑު ޖަހައިފަ އެވެ. ދެ ވަނަ ލަނޑު ގޮޑްފްރޭ ޖެހިއިރު ފަހު ލަނޑު ޖެހީ މުހައްމަދު ރިޝްވާނެވެ.
މި މޮޅާ އެކު ވިކްޓަރީ ވަނީ 16 ޕޮއިންޓާ އެކު ހަތް ވަނައިގައި ހަމަޖެހިލައިފަ އެވެ. އެންމެ ފުލުގައި އޮތް ބީޖީ ސްޕޯޓްސް އިން އިއްޔެ ވެލެންސިއާ އަތުން މޮޅުވުމާ އެކު ވިކްޓަރީ އަށް ޕްރެޝަރު ބޮޑުވި ނަމަވެސް މިހާރު އެ ޓީމުގެ ހާސްކަން ވަނީ ފިލައިފަ އެވެ. ބީޖީ އަށް ލިބިފައިވަނީ 12 ޕޮއިންޓެވެ.
ލީގު ރޭވިފައިވާ ގޮތުން އެންމެ ފުލަށްދާ ޓީމު ރެލިގޭޓްވާއިރު ހަތް ވަނަ އަށް ނިންމާ ޓީމު ޖެހޭނީ ދެ ވަނަ ޑިވިޝަނުގެ ދެ ވަނަ ޓީމާ އެކު ޕްލޭއޮފް މެޗެއް ކުޅޭށެވެ. އެ މެޗުން ބަލިވާ ޓީމެއް ރެލިގޭޓްވެ މޮޅުވާ ޓީމަކަށް ފުރަތަމަ ޑިވިޝަނުން ފުރުސަތު ލިބޭނެ އެވެ.