30 މެއި 2016 - 10:57

ލ. ކުނަހަންދު އަށް ރޭ ގިނަ އަދަދެއްގެ ފުލުހުންތަކެއް އަރައި، އެ ރަށު ސްކޫލުގެ ލީޑިން ޓީޗަރަކު ހައްޔަރު ކޮށްފި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ ސްކޫލުގެ ލީޑިން ޓީޗަރު އަބްދުﷲ މައުރޫފް ހައްޔަރު ކުރީ ރޭ ދަންވަރު 12 ޖަހާކަށްހާ އިރެވެ. އަދި ތިރީހަކަށް ފުލުހުން އެ ރަށަށް އަރައި އޭނާ ހައްޔަރު ކުރަނިކޮށް އެ މަންޒަރު ފޮޓޯ ނެގި މީހަކު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.

ކުނަހަންދޫ ކައުންސިލްގެ ރައީސް އަސްމާއު އަބޫބަކުރު ވިދާޅުވީ ރޭ ފުލުހުން އަރައި، ޓީޗަރު ހައްޔަރު ކުރުމުގެ ކުރިން، އިއްޔެ އޭނާ ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށެވެ. އެނގިފައިވާ ގޮތުގައި ވަޒީފާ އިން ވަކި ކުރި ކަމުގެ ޗިޓު ސިވިލް ސާވިސް އިން އޭނާ އަށް ފޮނުވީ އިއްޔެ އޭނާ ސްކޫލުގައި ހުއްޓަ އެވެ.
"ހައްޔަރު ކުރީ ވަކި ސީދާ ކޮން ތުހުމަތެއްގައި ކަމެއް ޔަގީންކޮށް ބުނާކަށެއް ނޭނގޭ. އެކަމަކު ރަށު ތެރޭގައި ވާހަކަ ދެކެވޭ ގޮތުން ޓެރަރިޒަމާ ގުޅުން ހުރި ކުށެއްގައި ހައްޔަރު ކުރީ،" އަސްމާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ "ކޮންމެވެސް ބޮޑު ތުހުމަތެއްގައި" މީގެ ދެމަހެއް ވަރު ކުރިން އޭނާގެ ލެޕްޓޮޕާއި ޕެންޑްރައިވް ފަދަ ތަކެތި ފުލުހުން ގެންގޮސްފައިވާ ކަމަށެވެ. އަދި ސްކޫލުގައި ހުރި ކޮމްޕިއުޓާ ސިސްޓަމަކާއި ހާޑް ޑްރައިވެއް ވެސް ފުލުހުން ގެންގޮސްފައިވާ ކަމަށް ވިދާޅުވި އެވެ.
ރަށު ތެރޭގައި ވާހަކަ ދެކެވޭ ގޮތުން ޓީޗަރު ހައްޔަރު ކުރީ ބޭރުގެ ޓެރަރިސްޓު ގުރޫޕަކާ ގުޅުން ހުރި ކަމެއްގަ އެވެ. އެކަމަކު ފުލުހުން މިކަން ޔަގީންކޮށެއް ނުދެ އެވެ.
ލީޑިން ޓީޗަރު ހައްޔަރު ކުރުމުން ބެލެނިވެރިން ވަނީ ރުޅިގަދަ ވެފަ އެވެ. އެގޮތުން ޓީޗަރު ހައްޔަރު ކުރުމާ ދެކޮޅަށް ބެލެނިވެރިން މިހާރު ދަނީ ސްކޫލު ދޮށުގައި މުޒާހަރާ ކުރަމުންނެވެ.
"އެ މީހުން [ފުލުހުން] ބުނަނީ އޭނާ ޓެރަރިޒަމާ ގުޅުން އޮވެއޭ. އެކަމަކު އަޅުގަނޑުމެން އެކަން ގަބޫލެއް ނުކުރަން. އެއީ ދީނީ ކަންކަމަށް އިސްކަންދޭ، ރަނގަޅު މީހެއް،" ބެލެނިވެރިއަކު ބުންޏެވެ.
ޓީޗަރު ހައްޔަރު ކުރުމާ ގުޅިގެން، ބައެއް ބެލެނިވެރިން ވަނީ އެ މީހުންގެ ދަރިން މިއަދު ސްކޫލަށް ފޮނުވަން ދެކޮޅު ހަދާފަ އެވެ. ފުރަތަމަ ޓާމުގެ ޓެސްޓު މިހާރު ކުރި އަށް ދާއިރު، މިއަދު ޓެސްޓަށް ދިޔައީ މަދު ދަރިވަރުންކޮޅެއް ކަމަށް ކައުންސިލުން ބުންޏެވެ.