21 އޮކްޓޯބަރ 2019 - 15:25

އިންޑިއާ އިން ފިޔާ ލިބެން ފެށުމާ އެކު ބާޒާރުގައި ފިޔާ ކިލޯއެއްގެ އަގު 20ރ. އަށް ވެއްޓިއްޖެ އެވެ.
އިންޑިއާގެ ފިޔާ ދަނޑުތައް ހަލާކުވެ އެކްސްޕޯޓް ހުއްޓާލުމާ އެކު ކުރިމަތިވި ތާށިކަމުގައި ރާއްޖޭގެ ބާޒާރުން ފިޔާ މަދުވެ އަގު ވަރަށް ބޮޑުވި އެވެ.
ވިޔަފާރިވެރިން ބުނީ އަގު ދަށަށް ދިޔައީ އިންޑިއާ އިން ފިޔާ ގެންނަން ފެށުމާ އެކުގައި ކަމަށާއ ރާއްޖެއަށް ގިނަ އަދަދެއްގެ ފިޔާ މިހާރު ގެނެސްފައިވާ ކަމަށެވެ.
ބާޒާރުމަތީ ފިހާރަތަކުގައި ފިޔާ ކިލޯއެއް 20-22 އާ ދެމެދުގެ އަގުތަކެއްގައި ހުރި އިރު ފިޔާ ބަސްތާއެއްގެ އަގު މިހާރު އުޅެނީ 450ރ. - 500ރ. އާ ދެމެދުގަ އެވެ. ފިޔާގެ އަގު ބޮޑުވި ދުވަސްވަރު ބަސްތާއެއްގެ އަގު 1،200ރ. އަށް ވެސް އުފުލުނެވެ.
އިންޑިއާ އިން ފިޔާ އެތެރެކޮށް ވިއްކަމުން އަންނަ ވިޔަފާރިވެރިއަކު ބުނީ ފިޔާ ލިބުމުގައި އިންޑިއާ އިން ދަތިކަމެއް ނެތަސް އަގަށް ބަދަލެއް ނާންނަ ކަމަށެވެ. އަގަށް ބަދަލު ގެނައުމުން ކުރިން ހުރި ވަރަށް އަގު ބަދަލުވާނެ ކަމަށް އޭނާ ބުންޏެވެ. މީގެ ކުރިން ފިޔާ ކިލޯއެއް ލިބެނީ 12ރ. އަށެވެ.
"ފިޔާގެ އަގު އުފުލުނު އިރު އިންޑިއާ އިން 360 ޑޮލަރު އަގު ބޮޑު ކުރި. އަދިވެސް އެ އަގަކަށް އެމީހުން ބަދަލެއް ނުގެނޭ. އެކަމަކު ފިޔާ ލިބުމުގައި މިހާރު އެއްވެސް ދަތިކަމެއްނެތް. އިންޑިއާ އިން އަގު ކުޑަވީމަ މިކޮޅުން ވެސް އަގު ކުޑަކުރާނެ،" އޭނާ ބުންޏެވެ.
ބާޒާރުގައި ފިޔާގެ އަގު ކުޑަކުރި ނަމަވެސް ބައެއް ރީޓެއިލް ފިހާރަތަކުން އަދިވެސް ފިޔާ ކިލޯއެއް ލިބެނީ 30ރ. އަށެވެ. ނަމަވެސް ދެތިން ދުވަހުގެ ތެރޭގައި މިއަގަށް ބަދަލު އަންނާނެ ކަމަށް އެ ފިހާރަތަކުން ބުންޏެވެ.
"އަޅުގަނޑުމެން މި ވިއްކަނީ ކުރިން އަގުބޮޑުކޮށް ގަނެފަ ހުރި ފިޔާ. އެހެންވެ އަދި އަގު ބޮޑީ. މި ފިޔާތައް ހުސްވީމަ އަގު ހެޔޮވާނެ،" ރީޓެއިލް ފިހާރެއްގެ ސޭޓަކު ބުންޏެވެ.
އިންޑިއާ އިން ފިޔާ އެކްސްޕޯޓް ކުރުމުގައި ކޮންޓްރޯލެއް ކަނޑައެޅީ އެ ގައުމުގެ ފިޔާ ދަނޑުތައް ވިއްސާރައިގެ ސަބަބުން ހަލާކުވުމާ ގުޅިގެންނެވެ. ނަމަވެސް މިހާރު އެ ގައުމުން ވަނީ ފިޔާގެ ކޮންޓްރޯލް ދޫކޮށްލައިފަ އެވެ.