21 އޮކްޓޯބަރ 2019 - 15:15

ސަރުކާރުން ހުޅުމާލޭ ފޭސް އެކެއްގައި އަޅާ 185 މިލިއަން ރުފިޔާގެ އޮފީސް އިމާރާތް ހަދަން ޗައިނާގެ ހުނާން އިންޖިނިއަރިންއާ، ނެޝަނަލް ޕްލޭނިން މިނިސްޓްރީން މިއަދު ހަވާލުކޮށްފި އެވެ.
ކުރީ ސަރުކާރުން ޗައިނާގެ ކުންފުނިތައް މެދުވެރިކޮށް ހިންގި މަޝްރޫއުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދެވި އޭރުގެ އިދިކޮޅު ލީޑަރުންގެ މައްޗަށް ބިނާވެފައިވާ އާ ސަރުކާރުން ޗައިނާގެ ކުންފުންޏާ މި މަސައްކަތް ހަވާލުކުރީ އެއް އަހަރުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ހުނާން އިންޖިނިއަރިން އަކީ ކުރީ ސަރުކާރުން ހެދި ހުޅުލޭ/ހުޅުމާލެ ގުޅުވައިދޭ އާ ލިންކް ރޯޑް، 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) އަށް ހަދައިދިން ކުންފުންޏެވެ.
މިއަދު އޮތް ރަސްމިއްޔާތުގައި ހުނާން އިންޖިނިއަރިންގެ ފަރާތުން ސޮއިކުރެއްވީ ލީގަލް ރެޕްރެޒެންޓޭޓިވް ވަންގް ހީ އެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދެވެ.
ޕްލޭނިން މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ 25،000 އަކަފޫޓުގެ ބޮޑު ބިމެއްގައި، ހަ ބުރީގެ އާ އޮފީސް އިމާރާތް ހަދަނީ ޓްރީ ޓޮޕް ހޮސްޕިޓަލް ކައިރީގަ ކަމަށެވެ.
މި އިމާރާތް ނިމުމުން، މާލޭގައި މިހާރު ހުރި ބައެއް އޮފީސްތައް އެތަނަށް ބަދަލުކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
ކުރީ ސަރުކާރުން މެލޭޝިއާގެ ކުންފުންޏަކާ ހަވާލުކޮށް ހުޅުމާލޭ ދެވަނަ ފޭހުގައި 25 ބުރީގެ އޮފީސް އިމާރާތެއް ހެދުމުގެ މަސައްކަތް އޮތީ ފަށައިފަ އެވެ. އެކަމަކު 123 މިލިއަން ޑޮލަރު (1.8 ބިލިއަން ރުފިޔާ)ގެ މަޝްރޫއުގައި މިހާތަނަށް ކޮށްފައިވާ މަސައްކަތަށް ސަރުކާރުން ފައިސާ ދީފައި ނުވާތީ އެ ކުންފުނިން ވަނީ 60 މިލިއަން ޑޮލަރު ހޯދަން އާބިޓްރޭޝަނަށް ހުށައަޅައިފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ މިހާތަނަށް ކޮށްފައިވާ މަސައްކަތަށް ސަރުކާރުން ދައްކަން ޖެހޭނެ ކަމަށް އެ ކުންފުންނަށް ފެންނަ 30 މިލިއަން ޑޮލަރާއި މަޝްރޫއު ކުރިއަށް ނުގެންގޮސްފި ނަމަ ބަދަލުގެ ގޮތުގައި 30 މިލިއަން ޑޮލަރެވެ.
ޑަބްލިއުޒެޑްއާރު ޕްރޮޕަޓީ ސެންދްރިއަން ބަރްހާދު ގްރޫޕުން ބުނެފައިވާ ގޮތުގައި މަސައްކަތުގެ 20 ޕަަސެންޓް ވަނީ ނިމިފަ އެވެ.