ދައުލަތުން ހުށަހެޅި އިސްތިއުނާފު ހައި ކޯޓަށް ނުފޮނުވާ އަހަރަކަށް ވުރެ ގިނަ ދުވަސްވި މައްސަލައެއް ފެންމަތިވެއްޖެ
ދައުލަތުން ހުށަހެޅި އިސްތިއުނާފު ހައި ކޯޓަށް ނުފޮނުވާ އަހަރަކަށް ވުރެ ގިނަ ދުވަސްވި މައްސަލައެއް ފެންމަތިވެއްޖެ

ހައުސިން ޔުނިޓްތަކެއްގެ މައްސަލާގައި ދަށު ކޯޓަކުން ކުރި ހުކުމެއް ދައުލަތުން އިސްތިއުނާފް ކުރަން ހުށަހެޅުމުން ދޮޅު އަހަރެއްހާ ދުވަސް ވަންދެން އެ މައްސަލަ ހައި ކޯޓަށް ނުފޮނުވާ އޮތް މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ގއ. ގެމަނަފުށީ ކޯޓުން 2017 ވަނަ އަހަރު ނިންމި މައްސަލައެއްގެ އިސްތިއުނާފް ލިޔުންތައް ހައި ކޯޓަށް ނުފޮނުވާ ގިނަ ދުވަސްތަކެއް ވަންދެން އޮތް މައްސަލަ ފެންމަތިވީ އެ ހުކުމް ބާތިލްކޮށް، މިދިޔަ ހަފުތާގައި ހައި ކޯޓުގެ ދެކުނު ގޮފިން ކުރި ހުކުމުންނެވެ.

ހައި ކޯޓުގެ ހުކުމުގައިވާ ގޮތުން އޮކްޓޫބަރު، 2017 ގައި އެރަށު ކޯޓުން ނިންމި އެ މައްސަލަ އިސްތިއުނާފުކުރަން ބޭނުންވާ ލިޔުންތައް ބަންޑާރަ ނައިބުގެ އޮފީހުން ނޮވެމްބަރު 2017 ގައި އެ ކޯޓަށް ހުށަހެޅި ކަމަށެވެ. އަދި އިސްތިއުނާފް ލިޔުންތައް އެ ކޯޓުން ބަލައިގެންފައި އޮތުމަށް ފަހު އެ ލިޔުންތައް ހައި ކޯޓަށް ފޮނުވީ އޭގެ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން މިދިޔަ މާޗް މަހު ކަމަށް އެ ހުކުމުގައިވެ އެވެ. އެހެންވެ، އެކަމުގައި ދަށު ކޯޓުގެ ބޮޑު އިހުމާލެއް އޮތް ކަމަށް ބެލެވޭ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

ގެމަނަފުށީގައި އިމާރާތް ކޮށްފައިވާ ހަތަރު ހައުސިން ޔުނިޓެއްގެ މައްސަަލާގައި އެރަށު މީހަކު އެރަށު ކޯޓުގައި ދައުވާކުރީ އެ މީހާ ބައިވެރިނުކޮށް އެތަންތަން އެހެން ބަޔަކަށް ދޭން ހައުސިން މިނިސްޓްރީން ނިންމި ނިންމުން ބާތިލްކޮށް، އެ މީހާ ގުރުއަތުގައި ބައިވެރި ކުރުވައިގެން ހައުސިން ޔުނިޓް ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމުގެ އަމުރަކަށް އެދި އެވެ. އެކަމަކު އެރަށު ކޯޓުން ހުކުމްކުރީ އެ ހައުސިން ޔުނިޓްތަކާ ބެހޭގޮތުން ހައުސިން މިނިސްޓްރީން ނިންމާފައިވާ ހުރިހާ ނިންމުންތަކާއި މުއާމަލާތްތައް ބާތިލް ކަމަށެވެ.

އެ މައްސަލާގައި ހައި ކޯޓުގެ ހުކުމުގައިވަނީ ހައުސިން މިނިސްޓްރީން އެތަންތަނާ ބެހޭގޮތުން ނިންމާފައިވާ ހުރިހާ ނިންމުންތައް ދަށު ކޯޓުން ބާތިލް ކަމަށް ނިންމާފައިވަނީ ދައުވާގައި އެކަމަށް އެދިފައި ނުވަނީސް ކަމަށާއި އެކަން ސުޕްރީމް ކޯޓުން ކުރިން ނިންމާފައި ހުރި ނިންމުންތަކާ ޚިލާފް ކަމަށެވެ. އަދި ދަށު ކޯޓުގައި ދައުވާކުރި މީހާ ހައުސިން ޔުނިޓް ހޯދަން ހުށަހެޅި ފޯމް ހައުސިން މިނިސްޓްރީން ބާތިލް ކޮށްފައިވަނީ ރަނގަޅަށް ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

އެހެންވެ، ހައި ކޯޓުގައި އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ދަށު ކޯޓުގެ ހުކުމް ބާތިލްކޮށްފަ އެވެ.

އެ މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު އަލީ ސަމީރުގެ އިތުރުން ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ.

އިސްތިއުނާފަށް ހުށަހެޅި ލިޔުންތައް ހައި ކޯޓަށް ނުފޮނުވާ އޮތް މައްސަލައެއް ފެންމަތިވިއިރު، ސުޕްރީމް ކޯޓުން 2015 ގައި އިސްތިއުނާފް ކުރުމުގެ އުސޫލަށް ގެނައި ބަދަލުގައިވާ ގޮތުން އިސްތިއުނާފް ލިޔުންތައް 10 ދުވަސް ތެރޭގައި އެ މައްސަލައެއް ނިންމި ކޯޓަކަށް ހުށަހެޅުމުން ހަތް ދުވަހުގެ ތެރޭގައި އެ ކޯޓަކުން އެ ލިޔުންތައް ހައި ކޯޓަށް ފޮނުވަން ޖެހޭނެ އެވެ.