21 އޮކްޓޯބަރ 2019 - 12:10

އޭޝިއާގެ އެންމެ ޝަރަފްވެރި ކްލަބް ފުޓްބޯޅަ މުބާރާތް ކަމަށްވާ އޭޝިއަން ޗެމްޕިއަންޝިޕުގެ ލީގުގެ ފައިނަލް މެޗުގެ މެޗު ކޮމިޝަނަރަކަށް ރާއްޖޭގެ އަބްދުލްހަމީދު އަބްދުލްޣަފޫރު (އައްޑޯ) އަދި ސެމީ ފައިނަލުގެ ކޮމިޝަނަރަކަށް އަހުމަދު ޝާހިރު އޭއެފްސީން ހަމަޖައްސައިފި އެވެ.
އައްޑޯ މި ފަހަރު މެޗު ކޮމިޝަނަރުކަންކުރާނީ ފައިނަލުގެ ފުރަތަމަ ލެގުގަ އެވެ. އަދި ޝާހިދު ކޮމިޝަނަރުކަން ކުރާނީ ސެމީ ފައިނަލުގައި ޖަޕާނުގެ އުރާވާ ރެޑްޑައިމަންޑްސް އާއި ޗައިނާގެ ގުއަންޒޫ އެވަގްރެނޭޑުން ބުދަ ދުވަހު ވާދަކުރާ ދެ ވަނަ ލެގުގަ އެވެ.
އޭއެފްސީން ހޮވާ އަހަރުގެ އެންމެ މޮޅު މެޗު ކޮމިޝަނަރުގެ އެވޯޑް އެންމެ ފަހުން ދިން އަހަރު ކަމަށްވާ، 2010 ވަނަ އަހަރު އެ އެވޯޑް ހޯދި އައްޑޯ ވަނީ 2011 ވަނަ އަހަރުގެ އޭޝިއަން ކަޕުގުގެ އޯޕަނިން މެޗާއި ތިން ވަނަ ހޮވި މެޗުގައި ވެސް ކޮމިޝަނަރުކަންކޮށްފަ އެވެ.
ޝާހިރު ވަނީ 2015 ވަނަ އަހަރުގެ އޭޝިއަން ކަޕުގެ ފައިނަލުގައި އަދި 2008 އާއި 2012 ވަނަ އަހަރުގެ އޭޝިއަން ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގައި ކޮމިޝަނަރުކަން ކޮށްފަ އެވެ. އަދި އޭޝިއަން ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލުގައި ވެސް އޭނާ ކޮމިޝަނަރުކަންކުރި އެވެ.
މީގެ އިތުރުން ޝާހިރު ވަނީ އިންޑިއާގައި 2017 ވަނަ އަހަރު ބޭއްވި 17 އަހަރުން ދަށުގެ ވޯލްޑް ކަޕުގައި ވެސް މެޗު ކޮމިޝަނަރުކަންކޮށް ވޯލްޑް ކަޕެއްގެ ފައިނަލް ބުރުން އެ ފުރުސަތު ލިބުނު ރާއްޖޭގެ ފުރަތަމަ މެޗު ކޮމިޝަނަރުގެ ޝަރަފް ހޯދައިފަ އެވެ. މީގެ ކުރިން 2002 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ރާއްޖޭގެ އެސިސްޓަންޓް ރެފްރީ އަހުމަދު ސައީދު ވަނީ ރޮނގު ބަލަހައްޓައިފަ އެވެ. އެކަމަކު މެޗު ކޮމިޝަނަރަކަށް އެ ފުރުސަތެއް ލިބިފައެއް ނުވެ އެވެ. ފަހަކާ ޖެހެންދެއް ފީފާގެ މުބާރާތްތަކުގެ މެޗު ކޮމިޝަނަރުންނަށް ހަމަޖައްސަމުން އައީ ފީފާގެ އޮފިޝަލުންނެވެ. އެ ފުރުސަތު އެހެން ބައްރުތަކުގެ ކޮމިޝަނަރުންނަށް ދޭން ފެށިތާ ކައިރީގައި ދިވެއްސަކު، އެ މަގާމަށް ފީފާ އިން ހަމަޖެއްސުމަކީ ރާއްޖެ އަށް ލިބުނު ބޮޑު ޝަރަފެކެވެ.
މެޗު ކޮމިޝަނަރުގެ މަގާމަކީ ފުޓްބޯޅަ މެޗެއްގެ އެންމެ ޒިންމާ ބޮޑު މަގާމެވެ. ހާއްސަކޮށް ބައިނަލްއަގްވާމީ މެޗުތަކުގައި، މެޗުގެ ހުރިހާ ޒިންމާއެއް ނެގުމުގެ އިތުރުން ޓީމުތައް އެ ގައުމަކަށް އައުމާ ހަމައިން ފެށިގެން ތިބޭ ހޮޓަލާއި ސެކިއުރިޓީ އާއި ބްރޯޑްކާސްޓިން އާއި މީޑިއާ އާއި ސިއްހީ ކަންކަން ބަލަހައްޓައި އެކަންކަމުގެ ހުރިހާ ޒިންމާއެއް ނަގަން ޖެހޭނީ މެޗު ކޮމިޝަނަރެވެ.
އައްޑޯ އާއި ޝާހިރަކީ ރާއްޖޭގައި އެންމެ ސީނިއާ މެޗު ކޮމިޝަނަރުންގެ އިތުރުން އެންމެ ތަޖުރިބާކާރު ދެ އެޑްމިނިސްޓްރޭޓަރުން ވެސް މެ އެވެ. ޝާހިރަކީ ރާއްޖޭން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު އެފްއޭއެމް ހިންގި އިންޓަރިމް ކޮމިޓީގެ ޗެއާމަނެވެ. އައްޑޯ ވަނީ ކްލަބް ވެލެންސިއާގެ އިތުރުން އެފްއޭއެމްގައި ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.