21 އޮކްޓޯބަރ 2019 - 13:04

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކޮންމެ އަހަރަކު ދިރާގުން ބާއްވާ "ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް" އަންނަ ބުދަ ދުވަހު ބާއްވަން ނިންމައިފި އެވެ.

ރާއްޖޭގެ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އެހީވެދޭ ޖަމިއްޔާތަކާއި ސްކޫލްތަކާ ގުޅިގެން ދިރާގުން ކުރިއަށްގެންދާ މި ފެސްޓިވަލްގައި ހަތަރު ޖަމިއްޔާއަކާއި 14 ސްކޫލަކުން ވަނީ ބައިވެރިވެފަ އެވެ. މިއީ ދިރާގުން މި ފެސްޓިވަލް ބާއްވާ އަށް ވަނަ އަހަރެވެ.
ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ މެނޭޖަރު ބިޝާރާ ހަމީދު ވިދާޅުވީ މި ފެސްޓިވަލް ބޭއްވި ފުރަތަމަ އަހަރު 17 ކުދިން ބައިވެރިވި ނަމަވެސް މިހާރު މި ފެސްޓިވަލްގައި ބައިވެރިވާ ކުދިންގެ އަދަދު އިތުރުވަމުން އަންނަ ކަމަށެވެ. އެގޮތުން، މި އަހަރަކީ އެންމެ ގިނަ ސްކޫލްތަކުން މި ފެސްޓިވަލްގައި ބައިވެރިވި އަހަރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މި އަހަރުގެ ފެސްޓިވަލްގައި 400 އަށްވުރެ ގިނަ ކުދިން ބައިވެރިވެ އެވެ.
ބިޝާރާ ވިދާޅުވީ މި ފެސްޓިވަލްގައި އެ ކުންފުނިން ބަލަނީ ސްޕެޝަލް އޮލިމްޕިކްސްގައި ހުންނަ ކުޅިވަރުތަކަށް ކުދިން ހޭލުންތެރިކުރުވުމަށް ކަމަށެވެ. އެގޮތުން، މިހާރު ވެސް އެ ފެސްޓިވަލްގައި ބައިވެރިވާ ކުދިން ސްޕެޝަލް އޮލިމްޕިކްސްގައި ފަހުރުވެރި ވަނަތައް ހޯދާކަން ބިޝާރާ ވަނީ ފާހަގަކުރައްވާފަ އެވެ.
"ވޭތުވެދިޔަ އަހަހރުތަކުގައި ވެސް އަޅުގަނޑުމެން އެންމެ ބޮޑު އިސްކަމެއް ދިނީ ސްޕެޝަލް އޮލިމްޕިކްސްގަ ހިމެނޭ އިންޓަނޭޝަނަލް ގޭމްތައް މި ފެސްޓިވަލް ތެރެއިން ތައާރަފްކޮށްދިނުން. މީގެ ތެރެއިން ކޮމްޕެޓިޓިވް ރަނިން އާއި ބޮޝިއާ ތައާރަފްކުރި އިރު މިއަހަރު ވެސް ހާއްސަ ގޭމެއް ތައާރަފް ކުރާނެ،" ބިޝާރާ ވިދާޅުވި އެވެ.
މި މަހުގެ 23 ވަނަ ދުވަހު ހެންވޭރު ދަނޑުގައި ކުރިއަށްގެންދާ މި ފެސްތިވަލްގެ ތެރެއިން ސްޕެޝަލް އޮލިމްޕިކްސްގައި ބައިވެރިވާން ޝައުގުވެރިވާ ކުދިންނަށް އެ ފުރުސަތު ވެސް ލިބޭނެ އެވެ. އެމްއޭޕީޑީގެ ޗެއާމަން އަހުމަދު މުހައްމަދު ވިދާޅުވީ ފެސްޓިވަލްގެ ތެރެއިން ހުނަރުވެރި ކުދިން ފާހަގަކޮށް އެ ކުދިން ސްްޕެޝަލް އޮލިމްޕިކްސް އަށް ތައްޔާރު ކުރާނެ ކަމަށެވެ. އަދި އެ ކުދިންގެ ރަޖިސްޓްރޭޝަންގެ ކަންތައް ވެސް މި ހަރަކާތުގެ ތެރެއިން ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
- މޯލްޑިވްސް އެސޯސިއޭޝަން ފޯ ޕާސަންސް ވިތް ޑިސެބިލިޓީސް (އެމްއޭޕީޑީ).
- ބިއުޓިފުލް އައިސް ޑައުންސިންޑްރޯމް އެސޯސިއޭޝަން.
- ކެއާ ސޮސައިޓީ.
- މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން.
- އަމީރު އަހުމަދު ސްކޫލް.
- ކަލާފާނު ސްކޫލް.
- އިމާދުއްދީން ސްކޫލް.
- ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް.
- ރެހެންދި ސްކޫލް.
- މުހިއްޔުއްދީން ސްކޫލް.
- ޣާޒީ ސްކޫލް.
- ހިރިޔާ ސްކޫލް.
- މާފަންނު މަދުރަސާ.
- ގަލޮޅު މަދުރަސާ.
- ހުރަވީ ސްކޫލް.
- ތާޖުއްދީން ސްކޫލް.
- އިސްކަންދަރު ސްކޫލް.