21 އޮކްޓޯބަރ 2019 - 11:03

ދުވުމާއި ބައިސިކަލް ދުއްވުން އަދި ފެތުން ހިމެނޭ އަޔަންމެން ޓްރައިތެލޯންގެ "އަޔަންމެން 70.3 ވޯލްޑް ޗެމްޕިއަންޝިޕް (ހާފް އަޔަންމެން)" އަށް ކޮލިފައިވި ފުރަތަމަ ދިވެއްސަށް، މަޝްހޫރު ގާނޫނީ ވަކީލް އަދި ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ހުސެއިން ޝަމީމް ވެއްޖެ އެވެ.

އަންނަ އަހަރުގެ ނޮވެމްބަރު މަހު ނިއު ޒީލެންޑުގައި އޮންނަ ވޯލްޑް ޗެމްޕިއަންޝިޕަށް އޭނާ ކޮލިފައިވީ އިންޑިއާގައި ގޯއާގައި އިއްޔެ އޮތް އަޔަންމެން ޓްރައިތެލޯންގައި 35-39 އަހަރާ ދެމެދުގެ ކެޓަގަރީގައި ވާދަކުރިި 168 ޓްރައެތުލީޓުންގެ ތެރެއިން 16 ވަނަ އަށް ގޮސްގެންނެވެ. ކޮލިފައިވާ ގޮތަށް އޮތީ އެ ކެޓަގަރީގެ ގަދަ 12 ޓްރައެތުލީޓުން ކަމަށްވީ ނަމަވެސް އޭގެ ތެރެއިން ބައެއް ޓްރައިތެލީޓުން އޭގެ ކުރީ އަޔަންމެންތަކުން ވޯލްޑް ޗެމްޕިއަންޝިޕަށް ކޮލިފައިވެފައިވާތީ ޝަމީމަށް ފުރުސަތު ލިބުނީ އެވެ. ވޯލްޑް ޗެމްޕިއަންޝިޕަށް އަބަދުވެސް ކޮލިފައިވާނީ ދުނިޔޭގެ އެކި ހިސާބުތަކުގައި ބާއްވާ އަޔަންމެން ޓްރައިތެލޯންތަކުން، މުބާރާތެއްގެ ކުޑަބޮޑުމިނަށް ބަލައި ދޭ ސްލޮޓްތަކަކަށް ފެތޭ ޓްރައެތުލީޓުންނަށެވެ.

ޝަމީމް އިއްޔެގެ ރޭހުގައި 1.9 ކިލޯމީޓަރުގެ ފެތުން ނިންމައިލިއިރު އޮތީ ތިން ވަނައިގަ އެވެ. އޭގެ ފަހުން 90 ކިލޯމީޓަރުގެ ބައިސިކަލް ދުއްވުން ނިންމާލީ ހަތް ވަނައިގަ އެވެ. އެކަމަކު 21.2 ކިލޯމީޓަރަށް ދުވެ ނިންމާލިއިރު 15 ވަނަ އަށް ސޮއްސާލީ އެވެ.

އޭނާގެ ރޭސް ނިންމީ 6 ގަޑި 18 މިނެޓުންނެވެ. ޝަމީމް ވަނީ 2017 ވަނަ އަހަރުގެ ބަހުރޭން އަޔަންމެންގައި މިއަށް ވުރެ މާ ރަނގަޅު ޓައިމިން އަކުން، 5 ގަޑި 16 މިނެޓުން ނިންމައިފަ އެވެ. އެކަމަކު އެ ޓްރައިތެލޯންގައި ނިސްބަތުން ފެންވަރު މަތީ ޓްރައެތުލީޓުން ވާދަކުރުމުން ޝަމީމުގެ އެ ޓައިމިންއާ އެކު ވޯލްޑް ޗެމްޕިއަންޝިޕަށް އޭރު ކޮލިފައިނުވި އެވެ.

"މި ކާމިޔާބުވީ 2016 ވަނަ އަހަރުން ފެށިގެން ކުރަމުން އަންނަ މަސައްކަތެއް،" ޝަމީމް "މިހާރު" އަށް ބުންޏެވެ.
ހާފް އަޔަންމެންގެ ގައުމީ ރެކޯޑް ޝަމީމް އަތުގައި އޮތްއިރު ފުލް އަޔަންމެންގެ ރެކޯޑް އޮތީ 2017 ވަނަ އަހަރުގެ މޭ މަހު އޮސްޓްރޭލިއާގައި އަޔަންމެން ޓްރައިތެލޯން 12 ގަޑި 30:12 މިނެޓުން ފުރިހަމަކުރި އަހުމަދު އާތިފް (އާތީ) އަތުގަ އެވެ. އޭނާގެ އިތުރުން، ދުނިޔޭގެ އެންމެ ވަރުގަދަ އަދި އުނދަގޫ އެއް ކުޅިވަރު ރޭސް ފުރިހަމަ ކުރި ހަމައެކަނި ދިވެއްސަކީ ކުރީގެ އެއް ވަނަ މެރެތަން ދުވުންތެރިޔާ ޑރ. ހުސެއިން ހަލީމް (ކުޑަހުސެން) އެވެ. އާތިފް ރެކޯޑް މުގުރާލީ ދެކުނު އެފްރިކާގެ ނެލްސަން މަންޑޭލާ ބޭގައި އޮތް އަޔަންމޭން އެފްރިކަން ޗެމްޕިއަންޝިޕް 15 ގަޑިއިރާއި 23:38 މިނެޓުން ފުރިހަމަކޮށް ރާއްޖޭގެ ފުރަތަމަ އަޔަންމެންގެ ޝަރަފް ކުޑަހުސެން ހޯދިތާ މަހެއްހާ ދުވަހުގެ ތެރޭގަ އެވެ.
ފުލް އަޔަންމެންގައި ހިމެނެނީ 3.8 ކިލޯމީޓަރު ފެތުމާއި 180 ކިލޯމީޓަރު ބައިސިކަލް ދުއްވުން އަދި 42.2 ކިލޯމީޓަރު ދުވުމެވެ. އޭގެ ވޯލްޑް ޗެމްޕިއަންޝިޕަށް ކޮލިފައިވުމަކީ ދިވެއްސަކަށް ކައިރި މުސްތަގުބަލެއްގައި ކުރެވިދާނެ ކަމެއް ކަމަށް ތަޖުރިބާކާރުން ލަފައެއް ނުކުރެ އެވެ.
އާތިފާއި ކުޑަހުސެން ފަދައިން ޝަމީމަކީ ވެސް އަޔަންމެންގައި ހިމެނޭ އެއް އިވެންޓް ކަމަށްވާ ދުވުމަށް ކުރިން ހާއްސަވި މީހެކެވެ. ފުޓްބޯޅަ ކުޅެނިކޮށް ކަކުލަށް އަނިޔާވެ ހުއްޓާލައިގެން ހުއްޓާ ފަލަވެ ޑޮކްޓަރުގެ ލަފާގެ މަތިން ދުވަން ނުކުތް ޝަމީމަކީ ރާއްޖޭގައި ރިކްރިއޭޝަނަލް ދުވުމުގެ ފޯރި ގެނައުމުގައި ހިއްސާވި އެކަކެވެ. އެގޮތުން ޑރ. އަސީލް ޖަލީލާއި އައިމަން ރަޝީދާ އެކު 2010 ވަނަ އަހަރުގެ ކޮލަމްބޯ މެރެތަންގައި ދުވުމަކީ އާއްމުން ބޭރުގެ މެރެތަންތަކަށް ދިއުމުގެ ފެށުމެވެ. މިހާރު ޝަމީމް ފަދަ ޕްރޮފެޝަނަލް ވަޒީފާތަކުގައި މަސައްކަތްކުރާ މީހުން، ދުވެ މެރެތަންތަކުގައި ވާދަކުރުމަކީ ރާއްޖޭގައި އާއްމު ކަމެކެވެ.
އެކަމަކު ފަހުން ޝަމީމް ބޮޑަށް ޝައުގުވެރިވީ ފެތުމަށެވެ. ގޯއާ އަޔަންމެންގައި އޭނާގެ ނަތީޖާ އެންމެ ރަނގަޅީ ވެސް ފެތުމުގަ އެވެ. އޭނާ ވަނީ ފެތުމަށް އާއްމުން ފޯރި ޖެއްސުމަށް، އާއްމުންނަށް ހުޅުވާލައިގެން ރާއްޖޭގައި ބޭއްވި ފުރަތަމަ ފެތުމުގެ މުބާރާތް މިދިޔަ ހޮނިހިރު ދުވަހު މާލޭގައި ބާއްވައިފަ އެވެ. ޝަމީމް ބުނި ގޮތުގައި ބޭނުމަކީ، ކަސްރަތުގެ ތެރޭގައި ވެސް ވާދަވެރި މާހައުލެއް އުފެއްދުމެވެ.
ޓްރައިތެލޯނާ އެކު އޭނާ އަށް އެޑްވާންޓޭޖަކީ ތިން ވައްތަރުގެ އެންޑިއުރެންސް ތަމްރީން ހަދަން ފުރުސަތު ލިބުމެވެ. ދުވާ ހިތްނުވާ ދުވަހު ފަތަންދާންވީ އެވެ. ނުވަތަ ބައިސިކަލަށް އަރަންވީ އެވެ. ޝަމީމް ވަނީ ބައިސިކަލް ދުއްވުންތެރިޔެއްގެ ގޮތުގައި ސްރީ ލަންކާ ޓީމަކާ އެކު 2017 ވަނަ އަހަރުގެ ސުބިކް ބޭ އަޔަންމެންގައި ވާދަކޮށް އެއް ވަނަ ހޯދައިފަ އެވެ. އެކަން ލަންކާ ސަރުކާރުން ވެސް ފާހަގަކުރި އެވެ.
އޭނާ އަންނަ އަހަރުގެ ނޮވެމްބަރު މަހު ނިއު ޒީލެންޑުގައި ނުކުންނާނީ އެއަށް ވުރެ ބޮޑު ޝަރަފެއް ހޯދާށެވެ. ދުނިޔޭގެ ދެހާހެއްހާ ޓްރައެތުލީޓުންނާ އެއް ރޭހެއްގައި ވާދަކުރާއިރު އޭގެ ތެރޭގައި ދުނިޔޭގެ ޗެމްޕިއަނުން ވެސް ތިބޭނެ އެވެ. ވަނައެއް ނުލިބުނަސް، ކޮލިފައިވެގެން ވޯލްޑް ޗެމްޕިއަންޝިޕެއްގައި ވާދަކޮށްލުމަކީ ޝަމީމް ދެކޭ ގޮތުގައި ވަރަށް ބޮޑު ކާމިޔާބެކެވެ.
"ކިޕްޗޯޖާ އެކު ދުވެލެވިދާނެ ބާލިން މެރެތަންގައި ރަޖިސްޓްރީވެލައިގެން. އެކަމަކު އަޔަންމެން ވޯލްޑް ޗެމްޕިއަންޝިޕުގައި ވޯލްޑް ޗެމްޕިއަނުންނާ ވާދަކޮށްލަން ފުރުސަތު މި ލިބެނީ ސީދާ ކޮލިފައިވެގެން. އެއީ ބޮޑު އުފަލެއް،" ޝަމީމް ބުންޏެވެ.