ސަަސުއޯލޯ ބަލިކޮށް އިންޓަ އިން ޔުވެންޓަަސްގެ ލީޑުކުޑަކޮށްފި
ސަަސުއޯލޯ ބަލިކޮށް އިންޓަ އިން ޔުވެންޓަަސްގެ ލީޑުކުޑަކޮށްފި

މިލާން (އޮކްޓޫބަރު 21) - އިޓާލިއަން ލީގުގައި އިއްޔެ ރަށުން ބޭރުގައި ސަސުއޯލޯ އަތުން 4-3 އިން މޮޅުވެ އިންޓަ މިލާނުން ލީގުގެ އެއް ވަނައިގައި އޮތް ޔުވެންޓަސްގެ ލީޑުކުޑަކޮށްފި އެވެ.

ލީގުގައި ހޮނިހިރު ދުވަހުގެރޭ ބޮލޯނިއާ އަތުން މޮޅުވެ ޔުވެންޓަސް އިން ލީޑުފުޅާކޮށްފައި އޮތުމުން ރޭގެ މެޗުން ސަސުއޯލޯ ބަލިކޮށް ޕޮއިންޓްގެ ފަރަގު ކުޑަކުރަން އިންޓަ އިން އޮތީ ކެތްމަދުވެފަ އެވެ. ލީގުގެ އެއް ވަނައިގައި އަށް މެޗުން 22 ޕޮއިންޓާ އެކު އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް އޮތްއިރު، ދެ ވަނައިގައި އިންޓަ އޮތީ އަށް މެޗުން 21 ޕޮއިންޓާ އެކު އެވެ.

މެޗުގެ ދެ ވަނަ މިނިޓްގައި އާޖެންޓީނާގެ ފޯވާޑް ލަޓާރޯ މާޓިނޭޒްގެ ގޯލުން އިންޓަ އިން ލީޑުނަގާފައިވަނިކޮށް ސަސުއޯލޯ އަށް އެއްވަރުކޮށްދިނީ ޑެމިނީކޯ ބެރާޑީ އެވެ. އިންޓަ އަށް ދެ ވަނަ ފަހަރަށް ލީޑުނަގައިދިނީ ރޮމެލޫ ލުކާކޫ އެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ލިބުނު ޕެނަލްޓީ އަކުން ލުކާކޫ ވަނީ އިންޓަ އަށް ތިން ވަަނަ ލަނޑެއް ޖަހައިދީފަ އެވެ. މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް މި ފަހަރުގެ ޓްރާންސްފާގައި އިންޓައާ ގުޅުނު ލުކާކޫ މިހާތަނަށް ވަނީ ލީގުގައި ފަސް ގޯލު ޖަހައިފަ އެވެ.

ދެ ވަނަ ހާފްގައި އިންޓަ އިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ހަތަރު ވަނަ ލަނޑެއް މެޗުގެ 71 ވަނަ މިނިޓްގައި ކާމިޔާބުކުރި އެވެ. މި ލަނޑު ލިބުނު ޕެނަލްޓީ އަކުން ޖެހީ މާޓިނޭޒް އެވެ. ބޮޑު ލީޑެއް ލިބުމުން އިންޓަ އިން މާ ބޮޑަށް ހަމަޖެހިލުމުގެ ފައިދާ ނަގައި ސަސުއޯލޯ އިން ވަނީ ދެ ގޯލު ޖަހައިފަ އެވެ. މި ދެ ގޯލު ޖެހީ ފިލިޕް ޖުރިޗިޗް އާއި ޖެރެމީ ބޯގާ އެވެ. ނަތީޖާ ހަމަހަަމަކުރަން ސަސުއޯލޯ އިން މަސައްކަތް ކުރި ނަމަވެސް ކާމިޔާބެއްނުވި އެވެ.

ލީގުގައި ރޭ އޭސީ މިލާން އަމިއްލަ ދަނޑުގައި ލެޗޭއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ހަކަން ޗަނޮނޮގްލޫގެ ގޯލުން މިލާން ލީޑުނަގާފައިވަނިކޮށް ލެޗޭ އަށް އެއްވަރުކޮށްދިނީ ކޫމާ ބަބަކާރް އެވެ. މިލާނަށް ދެ ވަނަ ފަހަރަށް ލީޑުނަގައިިދިނީ ކްރިސްޓޮފް ޕިއޮންޓެކް އެވެ. މިލާން މޮޅުވާން ދަނިކޮށް މެޗުގެ އިތުރުވަގުތުގައި ލެޗޭ ބަލިނުވެ ސަލާމަތްކޮށްދިނީ މާކޯ ކަލްޑެރޯނީ އެވެ. އާ ކޯޗު ސްޓެފާނޯ ޕިއޮލީއާ އެކު ނުކުތް މިލާން އޮތީ 10 ޕޮއިންޓާ އެކު 12 ވަނައިގަ އެވެ.

ކްލައުޑިއޯ ރަނިއޭރީގެ އިރުޝާދުގެ ދަށުން ސަމްޑޯރިއާ ކުޅުނު ފުރަތަމަ މެޗުން ރޭ ވަނީ ރޯމާއާ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެފަ އެވެ.