26 ސެޕްޓެމްބަރ 2016 - 06:21

ދުނިޔޭގެ އެންމެ ބާރު ގަދަ ގައުމުގެ ގޮތުގައި، އެމެރިކާ އާއި އެ ގައުމުގެ ރައީސާ ބެހޭގޮތުން ހަދާފައިވާ ފިލްމުތަކާއި ސީރީޒްތައް އަބަދުވެސް ގިނަ ބަޔަކަށް މަގުބޫލެވެ. މަޝްހޫރު ސީރީޒް "ހައުސް އޮފް ކާޑްސް" އަކީ ވެސް އެމެރިކާގެ ވެރިކަމާއި ސިޔާސީ މަސްރަހާ ބެހޭގޮތުން ހަދާފައިވާ ސީރީޒް އެކެވެ.

ހައުސް އޮފް ކާޑްސްއަށް ނިމުމެއް ނާންނަނީސް އެފަދަ އެހެން ސީރީޒެއް މިވަނީ ނެރެފަ އެވެ. "ޑެޒިގްނޭޓެޑް ސަވައިވާގެ" ނަމުގައި މިދިޔަ ހަފުތާގައި ނެރެން ފެށި އެ ސީރިޒަކީ އެމެރިކާގެ ރިޔާސަތާ ބެހޭގޮތުން އުފެއްދި ފިލްމުތަކާއި ސީރީޒްތަކާއި ބަލާއިރު ވަރަށް ތަފާތު ވާހަކައަކަށް ބިނާކޮށްފައިވާ ސިލްސިލާއެކެވެ.
ޑްރާމާގައި ދައްކުވައިދޭނީ ވަރަށް އާދައިގެ މީހަކަށް ކުއްލި ގޮތަކަށް އެމެރިކާގެ ރައީސްކަން ލިބި، އޭނާ ކުރިމަތިލާން ޖެހޭ ކަންކަމެކެވެ. ބޮޑު ޓެރަރިސްޓް ހަމަލާއެއްގައި އެމެރިކާގެ ރައީސާއި ނައިބު އަދި ކޮންގްރެސްގެ ރައީސް އަވަހާރަވުމުން ދެން އެ މީހާ ވެރިކަމާ ހަވާލުވެގެން ކުރިމަތިލާން ޖެހެނީ އޭނާއަށް ދުވަހަކު ވެސް ކުރިމަތިނުވާ ފަދަ ކަންކަމާ އެވެ. ޑޭވިޑް ގެގިންހެމް ޕްރޮޑިއުސްކޮށް، އުފައްދާފައިވާ އެ ފިލްމުގައި އެމެރިކާ ރައީސްގެ ވެރިކަމާ ހަވާލުވާނީ މަޝްހޫރު އެކްޓަރު ކީފާ ސަތަލަންޑް އެވެ.
ޓޮމް ކާކްމަންގެ ނަމުން އެ ޑްރާމާގައި މުޚާތަބު ކުރާ ކީފާއަށް އެމެރިކާގެ ވެރިކަމަށް އާދެވެނީ "ޑެޒިގްނޭޓެޑް ސަވައިވާ" ގެ މަގާމަށް އޭނާ އައްޔަންކޮށްފައި ހުއްޓާ ރައީސާއި ނައިބު ރައީސް އަދި ކޮންގްރެސްގެ ރައީސް އަވަހާރަވުމުންނެވެ. ޑެޒިގްނޭޓެޑް ސަވައިވާ އަކީ އެ ތިން ބޭފުޅުން އެއްފަހަރާ އަވަހާރަވެއްޖެ ނަމަ އެމެރިކާގެ ވެރިކަމާ ވަގުތީ ގޮތުން ހަވާލުވާ މީހާ އެވެ. އެއީ އަސްލު ވެސް އެމެރިކާގައި އޮންނަ މަގާމެކެވެ.
މީގައި ދައްކުވައިދޭ ގޮތުން ކީފާ އަކީ މާބޮޑު ހަރުުދަނާ ކަމެއް ނެތް އަދި އެތައް ބައެއްގެ ނުރުހުމާއި ކުރިމަތިވެފައިވާ ކުރީގެ ކެބިނެޓް މެމްބަރެކެވެ. ކަން ދިމާވާ ގޮތުން އޭނާ ވެރިކަމާ ހަވާލުވާން ޖެހެނީ އޭނާގެ ގާބިލްކަން ދަށްވެގެން އޭނާ ކެބިނެޓުން ވަކިކުރި ދުވަހު ވެސް މެ އެވެ. އެކަމަކު ވެރިކަމާ ހަވާލުވެ، އެ ހުރިހާ ކަމަކާ ކުރިމަތިލައި، އޭނާއާ މެދު މީހުން ދެކެމުން އައި ގޮތް ބަދަލުކޮށް، އެތައް ބައެއްގެ ރުހުން އޭނާ ހޯދާ ގޮތް ޑްރާމާއިން ފެނިގެންދާނެ އެވެ.
ދުނިޔޭގެ ބާރުގަދަ ގައުމުތަކާ ދެކޮޅަށް ހަނގުރާމަ އިއުލާން ކުރަން ޖެހުން ފަދަ އެތައް އުނދަގޫ ނިންމުންތަކެއް ކީފާ ނިންމަންޖެހެ އެވެ. އެ ހުރިހާ ކަމަކާ އޭނާ ކުރިމަތިލާ ގޮތް ފެނިގެންދާނެ އެވެ.
މިހާރު ވެސް އެމެރިކާގެ ރިޔާސީ ލައިންގައި ތިއްބަވާ ބޭފުޅުން އެއް ރަސްމިއްޔާތަކަށް ނުވަތަ ހަފުލާއަކަށް ވަޑައިގަންނަވާ ނަމަ ޑެޒިގްނޭޓެޑް ސަވައިވާ އަކަށް ދުރާލައި، ބޭފުޅަކު އައްޔަން ކުރާނެ އެވެ. އެ ރަސްމިއްޔާތެއް ނިމެންދެން އެ މީހަކު ހުންނާނީ ރައްކާތެރި ތަނެއްގައި ފޮރުވައިފަ އެވެ.
އާންމުކޮށް އެ މަގާމަށް ބޭފުޅަކު އައްޔަން ކުރަނީ ކޮންމެ އަހަރެއްގެ ކޮންގްރެސްގެ ހުޅުވުމަށް ބާއްވާ ރަސްމިއްޔާތަށް އެމެރިކާގެ ރިޔާސީ ލައިންގެ ތިން ބޭފުޅުން ވަޑައިގަންނަވާއިރު އެވެ. އެންމެ ފަހުން އެ މަގާމު އަދާކުރީ އެމެރިކާގެ ސެކެޓްރީ އޮފް ހޯމް ލޭންޑް ސެކިއުރިޓީ ޖެން ޖޯންސަން އެވެ. އެކަމަކު އެ މައުލޫމާތުތަކަކީ އެމެރިކާ އިން އާންމުކުރާ މައުލޫމާތެއް ނޫނެވެ.
އެކަން އެގޮތަށް އެމެރިކާގައި ކުރަން ފެށީ ފިނި ހަނގުރާމައިގެ ދުވަސްވަރު އެމެރިކާއަށް ނިއުކްލިއާ ހަމަލާއެއް އަތުވެދާނެ ކަމުގެ ބިރު އޮތުމުންނެވެ. އޭގެފަހުން މިއަދާ ހަމައަށް ވެސް އެމެރިކާގައި އެކަން އެގޮތަށް ކުރަމުންދާއިރު އެ މަގާމަށް އައްޔަންކުރާ މީހަކަށް އެމެރިކާގެ ރައީސަށް ދެވޭ ފެންވަރުގެ ސެކިއުރިޓީ ދޭނެ އެވެ.
އެމެރިކާގެ ރައީސާއި އެ ގައުމުގެ ވެރިކަމާ ބެހޭގޮތުން މިހާތަނަށް ހަދާފައިވާ ގިނަ ފިލްމުތަކަކީ އާންމުންގެ މަގްބޫލު ކަން ލިބުނު ފިލްމުތަކެކެވެ. އެގޮތުން "ވައިޓް ހައުސް ޑައުން" އާއި "އޮލިމްޕަސް ހޭސް ފޯލެން" އާއި "ލަންޑަން ހޭސް ފޯލެން" އަދި "ވިންޓޭޖް ޕޮއިންޓް" ގެ އިތުރުން "އެއާފޯސް ވަން" ފަދަ ފިލްމުތައް ފާހަގަކޮށްލެވެ އެވެ.