ފަހު މެޗުން ރާއްޖެ ބަލިވެއްޖެ، ތަށި ބަންގްލަދޭޝަށް
ފަހު މެޗުން ރާއްޖެ ބަލިވެއްޖެ، ތަށި ބަންގްލަދޭޝަށް

ބަންގްލަދޭޝްގައި ކުރިއަށްދިޔަ ޔުއެފާ އެސިސްޓް 16 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ލީގު ބުރުގެ ފަހު މެޗުގައި ރޭ ރާއްޖެ އަތުން 6-0 އިން މޮޅުވެ ބަންގްލަދޭޝް އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

އެ ޓީމު ތަށި ހޯދީ ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާ އެކު އެވެ. މުބާރާތުގެ ދެ ވަނަ ހޯދީ ދެ މެޗުން މޮޅުވެ ހަ ޕޮއިންޓް ހޯދި ފެރޯ އައިލެންޑްސް އެވެ. އެ ޓީމު ވަނީ ފަހު މެޗުގައި އިއްޔެ ކެމްބޯޑިއާ އަތުން 2-0 އިން މޮޅުވެފަ އެވެ. ރާއްޖެ އާއި ކެމްބޯޑިއާ އަށް އެއް ޕޮއިންޓް ލިބުނުއިރު ލަނޑުގެ ތަފާތުން ތިން ވަނަ ހޯދީ ކެމްބޯޑިއާ އެވެ. ރާއްޖެ ދިޔައީ ހަތަރު ވަނަ އަށެވެ.

ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ފެރޯ އައިލެންޑްސް އަތުން 10-3 އިން ބަލިވިއިރު ދެ ވަނަ މެޗުގައި ކެމްބޯޑިއާއާ 2-2 އިން އެއްވަރުކުރި އެވެ.

އިއްޔެގެ މެޗުގައި ބަންގްލަދޭޝް އިން ހަތް ވަނަ މިނެޓުގައި ނެގި ލީޑާ އެކު ރާއްޖެ ކޮޅަށް ފުރަތަމަ ހާފުގައި ހަތަރު ލަނޑު ޖެހި އެވެ. ދެ ވަނަ ހާފުގެ ކުރީކޮޅު ބަންގްލަދޭޝް އިން ފަސް ވަނަ ލަނޑު ޖަހާފައިވަނިކޮށް ކޮންމެވެސް ވަރެއްގެ ހަމަނުޖެހުމެއް ހިނގި އެވެ. އެގޮތުން ފައުލަކާ ގުޅިގެން ރާއްޖޭގެ މުހައްމަދު ރާއިފް ފަޒީލާއި ބަންގްލަދޭޝްގެ ކުޅުންތެރިންނާ ހިނގި ހަމަނުޖެމެއްގައި ރާއިފަށް ރެފްރީ ރަތްކާޑެއް ދެއްކި އެވެ. އަދި ފަހުން ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ވެސް ބެންޗުން ފޮނުވާލި އެވެ. ބަންގްލަދޭޝް އިން ހަ ވަނަ ގޯލް ވައްދާލީ ރާއްޖޭގެ އެއް ކުޅުންތެރިޔަކު މަދުވި ފަހުންނެވެ.

މި ޓީމު ވަނީ އިބްރާހިމް ހަލީމް (ޖަޑާ) ގެ ކޯޗުކަމުގައު ޖުލައި މަހު ރާއްޖޭގައި އޮތް ޔުއެފާ އެސިސްޓް މުބާރާތުގައި ވެސް ވާދަކޮށްފަ އެވެ. އެ ފަހަރު ލެޓްވިއާ، ބޫޓާން އަދި ސައުދީ އަރަބިއާ އަތުން ބަލިވީ އެވެ.

އެފްއޭއެމުން މި ޓީމު ބޭނުންކުރަނީ 2023 ވަނަ އަހަރު ރާއްޖޭގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ވާންވާއިރަށް 23 އަހަރުން ދަށުގެ ޓީމެއް ބިނާކުރާށެވެ. ކޯޗު ނިޒާމްބެގެ މައިގަނޑު ޓާގެޓަކީ އެ ގޭމްސް އާށް ތައްޔާރުކުރުމާއި އެދެމެދުން އަންނަ ސަރަހައްދީ މުބާރާތްތަކުން ރަނގަޅު ނަތީޖާ ނެރުމެވެ. މިދިޔަ އޯގަސްޓް މަހު ހަވާލުވި ނިޒާމްބެ ބުނެފައިވަނީ ދެ އަހަރުގެ ތެރޭގައި، ތަފާތު ބޮޑު ނަތީޖާތައް ބަދަލުކުރެވޭ ވަރަށް ޓީމު ތައްޔާރުކުރާނެ ކަމަށެވެ.