20 އޮކްޓޯބަރ 2019 - 23:36

މެންޗެސްޓާ (އޮކްޓޫބަރު 20) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި މެންޗެސްޓާ ޔުނައިޓެޑާ 1-1 އިން އެއްވަރުވެ ލީގުގައި ލިވަޕޫލުން ދަމަހައްޓަމުން އައި ސައްތަ އިން ސައްތަ ރެކޯޑް ނިމުމަކަށް އައިސްފި އެވެ.

މިރޭގެ ނަތީޖާއާ އެކު ލީގުގެ އެއް ވަނައިގައި ލިވަޕޫލްގެ ލީޑު ވަނީ ހަ ޕޮއިންޓަށް ކުޑަވެފަ އެވެ. ލިވަޕޫލް އެއް ވަނައިގައި އޮތީ 9 މެޗުން 25 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އަށް ލިބިފައިވަނީ 9 މެޗުން 19 ޕޮއިންޓެވެ.

ޔުނައިޓެޑް އަތުން މޮޅުނުވެވުމުން، ލީގުގެ ތާރީހުގައި ޖެހިޖެހިގެން 18 މެޗުން މޮޅު ހަމަކޮށް މެންޗެސްޓާ ސިޓީން ހަދާފައިވާ ރެކޯޑާ ހަމަކުރުމުގެ ފުރުސަތު ލިވަޕޫލަށް ގެއްލުނީ އެވެ. މި މެޗުގެ ކުރިން އެންމެ ފަހުން ލިވަޕޫލް ކުޅުނު 17 މެޗުން އެ ޓީމު ވަނީ މޮޅުވެފަ އެވެ. މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ކޮންމެ ރެކޯޑެއް ވެސް ނިމޭނެ ވަގުތެއް އަންނާނެ ކަމަށެވެ.
"މި ޓީމު ލިވަޕޫލްގެ ތާރީހުގައި ހިއްސާކުރާނެ ބައިވަރު ކަންތައްތަކެއް ހުންނާނެ. މިހާރު އަހަރެމެންވީ މި ވާހަކަ ހުއްޓާފައި އަލުން މޮޅުވާން ފަށަން. އަހަރެމެންނަށް މި މެޗުގައި މި އަށް ވުރެ ރަނގަޅު ނަތީޖާއެއް ނެރެވޭނެ. އެކަމަކު އިދިކޮޅު ޓީމުގެ ސްޓައިލް އޮތީ އަހަރެމެންނަށް ފަސޭހަ ގޮތަކަށް ނޫން. ހަގީގަތަކީ އަހަރެން އިންގްލެންޑަށް އައި ފަހުން ޔުނައިޓެޑް މުޅިން ކުޅެނީ މިހެން،" ކްލޮޕް ބުންޏެވެ.
ޔުނައިޓެޑްގެ އޯލް ޓްރެފޯޑްގައި ކުޅުނު މެޗަށް އެ ޓީމުން ނެރުނު ފުރަތަމަ އެގާރައިގައި އަނިޔާގެ ސަބަބުން މި މެޗުގައި ނުކުޅެވޭނެ ކަމަށް ކުރިން ބެލެވުނު ޑޭވިޑް ޑެހެއާ ހިމެނި އެވެ. އަނެއްކޮޅުން މި މެޗަށް ފިޓްވާނެ ކަމަށް މީޑިއާގައި ވާހަކަ ދެކެވުނު ލިވަޕޫލްގެ މިސްރު ފޯވާޑް މުހައްމަދު ސަލާހު ޓީމުގައި ނުހިމެނެ އެވެ.
ޔުނައިޓެޑުން ތިން ޑިފެންޑަރުން ލައިގެން ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ދިޔައީ ލިބޭ ފުރުސަތުތަކުގައި ކައުންޓަ އެޓޭކުގައި ލިވަޕޫލަށް ނުރައްކާ ކުރަމުންނެވެ. ޔުނައިޓެޑުން ކުޅެމުން ދިޔަ ސްޓައިލްގެ ސަބަބުން ލިވަޕޫލަށް މާ ރަނގަޅު ކުޅުމެއް ނުދެއްކުނެވެ.
މެޗުގައި ޔުނައިޓެޑުން ޖެހި ހަމައެކަނި ގޯލު 36 ވަނަ މިނިޓްގައި ޖެހީ މާކަސް ރެޝްފޯޑް އެވެ. ޑެނިއަލް ޖޭމްސް ނަގައިދިން ހުރަހަކުން ރެޝްފޯޑް ގޯލު ޖެހިއިރު، މި އެޓޭކް ފަށަން ޔުނައިޓެޑުން ބޯޅަ ހޯދީ ލިވަޕޫލްގެ ފޯވާޑް ޑިވޮކް އޮރީގީ އަށް ފައުލުކޮށްފައިކަމަށް އެ ޓީމުން އެޕީލް ކުރި އެވެ. އެކަމަކު ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ރެފްރީ ނިންމީ އެ ލަނޑު ގަބޫލުކުރާށެވެ. އެ ނިންމުމާ މެދު ލިވަޕޫލްގެ ކޯޗު ކްލޮޕް ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކުރި އެވެ.
ފުރަތަމަ ހާފް ނިމުމުގެ ކުރިން ލިވަޕޫލަށް ސަޑިއޯ މާނޭ ލަނޑެއް ޖަހައިދިން ނަމަވެސް ވީއޭއާރް އިން ބެލުމަށް ފަހު އެ ގޯލު ބަލައިނުގަންނަން ނިންމީ މާނޭ އަތުން ބޯޅަ ކޮންޓްރޯލް ކުރުމުންނެވެ.
އަނިޔާ އަށް ފަހު ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ބެކާ މި މެޗުގައި ކުޅުނުއިރު، އެ ޓީމުން ވަނީ ދެ ވަނަ ހާފްގައި އަލެކްސް އޮކްސްލޭޑް ޗެމްބަލެއިން، ނަބީ ކެއިޓާ އަދި އެޑަމް ލަލާނާ ކުޅެން އަރުވައިފަ އެވެ. ތިން ކުޅުންތެރިންނާ އެކު ލިވަޕޫލްގެ ކުރީގައި ގިނަ ވަގުތު ބޯޅަ ހިފެހެއްޓުމުގެ ނަތީޖާ އަކަށްވީ މެޗު ނިމެން ފަސް މިނިޓަށް ވެފައި ވަނިކޮށް ލަލާނާ ލިވަޕޫލަށް އެއްވަރުކޮށްދިނުމެވެ. މެޗުގެ 85 ވަނަ މިނިޓްގައި އެންޑީ ރޮބަޓްސަންގެ ހުރަހަކުން ލަލާނާ ޖެހި މި ގޯލަކީ ލީގުގައި މިދިޔަ ދެ އަހަރު ތެރޭ އޭނާ ޖެހި ފުރަތަމަ ގޯލެވެ.
މި މެޗުން ލިބުނު ޕޮއިންޓާ އެކު ވެސް ޔުނައިޓެޑް އޮތީ ލީގުގެ 13 ވަނައިގައި ނުވަ މެޗުން 10 ޕޮއިންޓާ އެކު އެވެ. ރެލިގޭޝަން ޒޯނަށް ވުރެ ޔުނައިޓެޑް އަތުގައި ގިނައީ ދެ ޕޮއިންޓެވެ. މިއީ ޕްރިމިއާ ލީގުގެ ތާރީހުގައި ޔުނައިޓެޑުން އެންމެ ދަށްކޮށް ސީޒަން ފެށި ފަހަރެވެ.
ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނީ މިއީ ޔުނައިޓެޑަށް ތިން ޕޮއިންޓް ލިބެން ޖެހޭނެ މެޗެއް ކަމަށާއި ކުޅުންތެރިން އެކަން ހާސިލްކުރަން ކުރި މަސައްކަތް ކާމިޔާބުނުވީ ކުޑަ ވަގުތުކޮޅަކަށް ސަމާލުކަން ގެއްލުމުން ކަމަށެވެ.
"އަހަރެމެންގެ ޕްލޭން ވަރަށް ރަނގަޅަށް މަސައްކަތްކުރި. މިއީ ތިން ޕޮއިންޓް ލިބެންޖެހޭ މެޗެއް. އެކަމަކު ޕޮއިންޓެއް ވެސް މިހާލަތުގައި ރަނގަޅު. އެއީ އަހަރެމެން ވަރަށް ގިނަ ޕޮއިންޓް އެބަ ބޭނުންވޭ. މި މެޗުގެ ކުޅުމަށް ބަލާއިރު މިއީ ކުރިއަށްދާން ހިތްވަރެއް،" ސޯލްޝެއާ ބުންޏެވެ.