20 އޮކްޓޯބަރ 2019 - 16:06

ރާއްޖޭގެ ހުރިހާ ރަށެއްގައި "ވިނަވި" އެޕްލިކޭޝަން ބޭނުން ކުރަން ފެށުމަކީ ސިއްހީ ހިދުމަތަށް ލިބުނު ބޮޑު އާރޯކަމެއް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

"ވިނަވި" އެޕްލިކޭޝަން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ތައާރަފް ކުރުމުގެ ގޮތުން ލ. ގަމުގައި ބޭއްވި ޖަލްސާގައި އަމީން ވިދާޅުވީ އެޕްލިކޭޝަން ތައާރަފް ކުރުމަކީ ސިއްހީ މައުލޫމާތުގެ ބާރުވެރިކަން، ހިދުމަތް ލިބިގަންނަ މީހުންނަށް ލިބުނު ވަރަށް ވަރުގަދަ ތަޅުދަނޑިއެއް ކަމަށެވެ.

ޑޮކްޓަރު ދޭ ފަރުވާ އާއި ބޭހާއި އެ ނޫން ގޮތް ގޮތުން ހޯދާ ސިއްހީ ހިދުމަތްތަކާ ބެހޭ އެންމެހައި މައުލޫމާތެއް ވިނަވި އެޕްލިކޭޝަން ގައި ވަގުތުން ވަގުތަށް ރައްކާ ކުރެވޭނެ ކަމަށް އަމީން ވިދާޅުވި އެވެ. އަދި މައުލޫމާތުތަކުގެ މައްޗަށް ޕޮލިސީ ލެވެލްގައި ކަންކަން ނިންމަން މަގުފަހިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، ޑޮކްޓަރުންގެ ފަރުވާ އާއި ދޭ ބޭހާ ދޭތެރޭ، އުފެދޭ ސުވާލުތަކަށް ވެސް ޖަވާބުދާރީވުމަށް ވަރަށް ބޮޑަށް މަގުފަހިވާނެ ކަމަށް އަމީން ވިދާޅުވި އެވެ. ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ވެސް މި އެޕްލިކޭޝަންގެ ބޭނުން ހިފޭނެ ކަމަށް އަމީން ވިދާޅުވި އެވެ.
"މިއީ ސިއްހީ ހިދުމަތް ފޯރުކޮށްދޭ ތަންތަނާއި ހިދުމަތް ލިބިގަންނަ ފަރާތްތަކާ ދޭތެރޭގައި އޮންނަ ގުޅުމާއި ހަރަދުތައް ދެނެގަތުމާއި ހާމަކަން ބޮޑު ގޮތެއްގައި ސިއްހީ މައުލޫމާތުތައް ރައްކާ ކުރެވުމާއި އެ މައުލޫމާތުގެ ބޭނުން ހިފުމަށް އަޅުގަނޑުމެންނަށް ލިބުނު އެންމެ ބޮޑު ފުރުސަތު،" އަމީން ވިދާޅުވި އެވެ.
އަމީން ވިދާޅުވީ ސިއްހީ ދާއިރާގެ ހުރިހާ ތަނެއްގައި އިންވެންޓްރީ މެނޭޖްމަންޓް ގާއިމުކޮށް މިހާރު މެނުއަލްކޮށް ކުރާ ހުރިހާ މަސައްކަތެއް ސޮފްޓްވެއާ މެދުވެރިކޮށް ކުރެވޭ ގޮތަށް ބަދަލު ކުރެވޭނެ ކަމަށެވެ. އަދި އެ ސިސްޓަމް ގާއިމު ކުރުމުގެ ބޮޑު ބައި ނިމިފައިވާ ކަމަށް އަމީން ވިދާޅުވި އެވެ.
"ކުރިއަށް އޮތް ތަނުގައި ހުރިހާ ރަށެއްގައި ސޮފްޓްވެއާ ބޭނުން ކުރަން ފަށާނެ،" އަމީން ވިދާޅުވި އެވެ.
އޭރުން އަމީން ވިދާޅުވި ގޮތުގައި ސިއްހީ ހިދުމަތްދޭ ތަންތަނަށް ބޭނުންވާ ސާމާނާއި ވަސީލަތާއި ބޭހާއި މި ނޫން ވެސް ސާމާނު ގެންގުޅުމަށް މިހާރު ގެންގުޅޭ މެނުއަލް ނިޒާމް އެއްކޮށް ދޫކޮށް، ސޮފްޓްވެއާ އަށް ބަދަލުވާނެ އެވެ. އެކަމުގެ ސަބަބުން މަސައްކަތް އަވަސްވެ، ހަރަދު ކުޑަވެ، މުވައްޒަފުންނަށް އެތައް ގޮތަކުން މަސައްކަތް ކުރަން ފަސޭހަ ވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ވިނަވި އެޕްލިކޭޝަނަކީ އާސަންދަ ސްކީމުގެ ދަށުން ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ލުއި ފަސޭހަތަކެއް ގާއިމުކޮށްދީ، ހިދުމަތް ދިނުމުގައި ވީހާވެސް ދެފުށް ފެންނަ ގޮތަކަށް ހިދުމަތް ކުރިއަށް ގެންދިއުމަށް ހެދި އެޕްލިކޭޝަނެކެވެ.
އަމީން ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމު އެއް ވިއުގައަކުން ގުޅާ ނުލެވޭ ނަމަ، ސިއްހީ ހިދުމަތުގެ ތެރެއިން އަންނަންވީ ޒަމާނީ ވަސީލަތްތައް ފުރިހަމަ ގޮތުގައި ނާންނާނެ ކަމަށެވެ.