ސިޓީ އަށް މޮޅެއް، ޓޮޓެންހަމް މެޗުގައި ވީއޭއާރްގެ ގޯހެއް
ސިޓީ އަށް މޮޅެއް، ޓޮޓެންހަމް މެޗުގައި ވީއޭއާރްގެ ގޯހެއް

ލަންޑަން (އޮކްޓޫބަރު 20) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކްރިސްޓަލް ޕެލަސް އަތުން 2-0 އިން މެންޗެސްޓާ ސިޓީ މޮޅުވިއިރު، ޓޮޓެންހަމާއި ވަޓްފޯޑް 1-1 އިން އެއްވަރުވި މެޗުގައި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ މައްސަަލައެއް ކުރިމަތިވެއްޖެ އެވެ.

ސިޓީ އަށް މޮޅެއް، ޓޮޓެންހަމް މެޗުގައި ވީއޭއާރްގެ ގޯހެއް
ސިޓީ އަށް މޮޅެއް، ޓޮޓެންހަމް މެޗުގައި ވީއޭއާރްގެ ގޯހެއް

ރޭ ޓޮޓެންހަމް ދަނޑުގައި ކުޅުނު މެޗުގެ ހަ ވަނަ މިނިޓްގައި އަބްދުﷲ ޑޮކޫރޭ ޖެހި ގޯލުން ވަޓްފޯޑް ލީޑުނަގާފައިވަނިކޮށް މެޗުގެ ފަހު ވަގުތު ޑެލެ އަލީ ވަނީ ޓޮޓެންހަމަށް އެއްވަރުކޮށްދީފަ އެވެ. އަލީ އެ ލަނޑު ޖެހިއިރު އަތުގައި ޖެހުނުތޯ ބަލަން ވީއޭއާރްގެ އެހީ ހޯދުމަށް ފަހު ބޯޅަ ޖެހުނީ އޭނާގެ ކޮނޑުގައި ކަމަށްވުމުން ރެފްރީ ނިންމީ އެ ލަނޑު ގަބޫލުކުރާށެވެ. އެހެން ނަމަވެސް ޓޮޓެންހަމް ދަނޑުގައި ހުންނަ ސްކްރީނަށް ވީއޭއާރް ރޫމް އިން އެރުވީ އެއީ ގޯލެއް ނޫން ކަމަށެވެ.

އެ މެޗަށް ފަހު ޕްރިމިއާ ލީގުގައި ވީއޭއާރްގެ ހިދުމަތް ދެމުން އަންނަ ހޯކް އައި ކޮމްޕެނީ އިން ވަނީ ދިމާވި މައްސަލައިިގެ ސަބަބުން މެޗު ކުޅުނު ޓޮޓެންހަމާއި ވަޓްފޯޑްގެ އިތުރުން ސަޕޯޓަރުންގެ ކިބައިން މައާފަށް އެދިފަ އެވެ. އެ ކުންފުނިން ބުނީ އެ ވަގުތު ގޯލެއް ނޫން ކަމަށް ވީއޭއާރް ރޫމެއް އެ ސްކްރީނަށް އެރުވުނީ އޮޅުމަކުން ކަމަށެވެ.

ރޭ ސިޓީ ކުޅުނު މެޗުން މޮޅުވުމުން ލިވަޕޫލްގެ ލީޑު ވަނީ ފަސް ޕޮއިންޓަށް ކުޑަވެފަ އެވެ. ލީގުގައި 8 މެޗުން 24 ޕޮއިންޓާ އެކު އެއް ވަނައިގައި ލިވަޕޫލް އޮތްއިރު، ދެ ވަނައިގައި ސިޓީ އޮތީ ނުވަ މެޗުން 19 ޕޮއިންޓް ހޯދައިގެންނެވެ.

ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން އަމިއްލަ ދަނޑުގައި ވުލްވްސް އަތުން ބަލިވެފައި ވުމުން ރޭގެ މެޗަށް ސިޓީން ނުކުތީ ވަރަށް ރަނގަޅަށް ތައްޔާރުވެގެންނެވެ. މެޗުގައި ސިޓީން ޖެހި ދެ ގޯލު ވެސް ކާމިޔާބުކުރީ ފުރަތަމަ ހާފުގަ އެވެ. ފުރަތަމަ ލަނޑު ޖެހީ މެޗުގެ 39 ވަނަ މިނިޓްގައި ގަބްރިއެލް ޖީސޫސް އެވެ. އޭގެ ދެ މިނިޓް ފަހުން ޑޭވިޑް ސިލްވާ ވަނީ ސިޓީ އަށް ލީޑުފުޅާކޮށްދީފަ އެވެ.

ދެ ވަނަ ހާފްގައި ތިން ވަނަ ލަނޑެއް ޖަހަން ސިޓީ އަށް ގިނަ ފުރުސަތުތަކެއް ލިބުނުއިރު ބޭނުމެއް ނުކުރެވުނެވެ. ކްރިސްޓަލް ޕެލަސް އަށް ލަނޑެއް ޖަހައިދޭން ކްރިސްޓިއަން ބެންޓެކޭ އާއި ވިލްފްރެޑް ޒަހާ ފޮނުވާލި ހަމަލާތައް ސިޓީ ގޯލުގައި ހުރި ބްރެޒިލްގެ ކީޕަރު އެޑަސަން ވަނީ މަތަކޮށްފަ އެވެ.