19 އޮކްޓޯބަރ 2019 - 18:59

މެޑްރިޑް (އޮކްޓޫބަރު 19) - ސްޕެނިޝް ލީގުގައި މިއަދު ހަވީރު ރަށުން ބޭރުގައި އެއިބާ އަތުން 3-0 އިން ހޯދި ފުރިހަމަ މޮޅާ އެކު އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ ހަމަޖެހިލައިފި އެވެ.
ސީޒަނުގެ ކުރީކޮޅުގައި ފޯމު ދަށްވުމުގެ ސަބަބުން ނަތީޖާ ނެރުމުގައި މައްސަލަތަކެއް ދިމާވި ނަމަވެސް ލީގުގައި އެންމެ ފަހުން ކުޅުނު މެޗުތަކުގައި ބާސެލޯނާ ވަނީ ނަތީޖާ ނެރެފަ އެވެ. އެއިބާ އަތުން ހޯދި މޮޅާ އެކު ބާސެލޯނާ ވަނީ ލީގުގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ. ނުވަ މެޗުން ބާސެލޯނާ އަށް 19 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް އަށް މެޗުން ވަނީ 18 ޕޮއިންޓް ލިބިފަ އެވެ. ލީގުގައި މިރޭ ރަށުންބޭރުގައި މަޔޯކާ އަތުން މޮޅުވެގެން ރެއާލަށް އަލުން އެއް ވަނަ މަގާމު ދިފާއުކުރެވޭނެ އެވެ.
އެއިބާގެ ދަނޑުގައި ކުޅުނު މެޗު ފަށައިގެން އެ ޓީމުން ކުރިއަށް ޖެހިގެން ކުޅެމުން ދަނިކޮށް މެޗުގެ 13 ވަނަ މިނިޓްގައި ބާސެލޯނާ އަށް ލީޑުނަގައިދިނީ ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން އެވެ. އޭރިއާތެރެއަށް ބޯޅަ ހިފައިގެންވަދެ ގްރީޒްމަން ޖެހި ބޯޅަ ގޯލަށް ވަނީ ދަނޑީގައި ޖެހިފަ އެވެ.
ބާސެލޯނާ އިން އަނެއް ދެ ގޯލު ޖެހީ ދެ ވަނަ ހާފްގަ އެވެ. މެސީ ލީޑުފުޅާކޮށްދިންއިރު ފަހު ގޯލު ޖަހަން ލުއިސް ސުއަރޭޒަށް ފުރުސަތު ތަނަވަސްކޮށްދިނީ މެސީ އެވެ. މި މެޗުގައި ބާސެލޯނާގެ ކުރިއަށް ކުޅޭ ތިން ކުޅުންތެރިން ކަމަށްވާ މެސީ އާއި ސުއަރޭޒް އަދި ގްރީޒްމަން ފުރަތަމަ ފަހަރަށް އެއް މެޗެއްގައި ގޯލު ޖެހިއިރު، ތިން ކުޅުންތެރިންގެ ކޮމްބިނޭޝަން ވެސް ފެނިގެންދިޔަ އެވެ.
އަނިޔާގެ ސަބަބުން ސީޒަންގެ ކުރީކޮޅުގެ މެޗުތައް މެސީ އަށް ގެއްލުމުން އޭނާ އަށް އެންމެ މޮޅު ކުޅުން ދައްކަން އުނދަގޫތަކެއް ހުރިކަން މީގެ ކުރިން ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ވަނީ ފާހަގަކޮށްފަ އެވެ. އެކަމަކު ފަހަކަށް އައިސް މެޗުތަކުގައި މެސީ ދައްކަމުން އަންނަ ކުޅުން ރަނގަޅުވަމުން އަންނަ ކަމަށާއި އެންމެ ރަނގަޅު ފޯމަށް އެޅެން ބޭނުންވަނީ ގޯލުތަކެއް ޖެހުން ކަމަށް ވަލްވޭޑޭ ބުންޏެވެ.
އަންނަ ހަފްތާގައި ބާސެލޯނާ ދަނޑުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅެން އޮތް ސީޒަނުގެ ފުރަތަމަ އެލް ކްލަސިކޯ މެޗު ވަނީ، ކެޓަލޫނިއާ ސަރަހައްދުގައި އުފެދިފައިވާ ސިޔާސީ ހަމަނުޖެހުންތަކުގެ ސަބަބުން އަންނަ ޑިސެމްބަރު މަހަށް ފަސްކުރެވިފަ އެވެ.