ކޮކްޕިޓަށް ބަތަލަކު ވެއްދުމުން ޕައިލެޓް އުމުރަށް ސަސްޕެންޑްކޮށްފި
ކޮކްޕިޓަށް ބަތަލަކު ވެއްދުމުން ޕައިލެޓް އުމުރަށް ސަސްޕެންޑްކޮށްފި

ގާހިރާ (އޮކްޓޯބަރު 19) - މިސްރުގެ މަޝްހޫރު ބަތަލެއް ކަމަށްވާ މުހައްމަދު ރަމަދާން މަތިންދާ ބޯޓުގެ ކޮކްޕިޓަށް ވަނުމުގެ ހުއްދަ ދިން ޕައިލެޓް އުމުރަށް ސަސްޕެންޑްކޮށްފި އެވެ.

ސައުދީ އަރަބިއާ އަށް ކުރި ދަތުރެއްގައި ސްމާޓް އޭވިއޭޝަންގެ ބޯޓެއްގެ ކޯ-ޕައިލެޓުގެ ސީޓުގައި ރަމަދާން އިނދެ ނަގާފައިވާ ވީޑިއޯއެއް އޭނާ ވަނީ ޕޯސްޓްކޮށްފަ އެވެ. އެ ހާދިސާއާ ގުޅިގެން ކޯ-ޕައިލެޓް ވެސް އެއް އަހަރަށް ސަސްޕެންޑްކޮށްފައިވާ ކމަށްވެ އެވެ. އަދި އެއާލައިނުގެ ޗީފް އެގްޒެކެޓިވް ވެސް އިސްތިއުފާ ދެއްވާފައިވާ ކަމަށްވެ އެވެ.

"މިސްރުގެ އޭވިއޭޝަން ގަވާއިދާ ޚިލާފުވެފައިވާތީ، ޕައިލެޓާ ދެކޮޅަށް ވާނީ ފިޔަވަޅު އަޅާފައި،" މިސްރުގެ ސިވިލް އޭވިއޭޝަން މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެ އެވެ.

މަތިންދާ ބޯޓު ދުއްވަމުންދާ ވަގުތު އެއްވެސް ޕަސިންޖަރަކު ކޮކްޕިޓަށް ވަނުމަކީ މިސްރުގެ އޭވިއޭޝަން ގަވާއިދުގައި މަނާ ކަމެކެވެ.

ޔޫޓިއުބް ޗެނަލުން ހަތް މިލިއަން މީހުން ފޮލޯކުރަމުންދާ ރަމަދާން، 31، އެ ވީޑިއޯ އޭނާގެ ޓްވިޓާ އާއި އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައި ވަނީ މި މަހު 13 ވަނަ ދުވަހު އެވެ. ކެޕްޝަނަކަށް އޭނާ ބުނެފައި ވަނީ ބޯޓު ދުއްވަނީ ކަމަށެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި އޭނާ އިނީ ކޮންޓްރޯލް ވީލްގައި ހިފަހައްޓައިގެންނެވެ. ބޯޓު މިހާރު ދުއްވަނީ ރަމަދާން ކަމަށް ކޮންމެ ވެސް މީހަކު ބުނާ އަޑު ވެސް އެ ވީޑިއޯ އިން އިވެ އެވެ.

އެ ވީޑިއޯ އަށް ބައެއް ކަމެއް މީހުން ކުރި ކޮމެންޓުގައި ވަނީ ބަތަލާ ބޮއިކޮޓް ކުރުމަށް ގޮވާލައިފަ އެވެ.