25 ސެޕްޓެމްބަރ 2016 - 13:15

ނިއު ދިއްލީ (ސެޕްޓެމްބަރު 25) - އުރުދޫ ބަހުން ލިޔުންތަކެއް ލިޔެފައިވާ ހުދު ކުލައިގެ ކޮތަރެއް އިންޑިއާ އިން ހިފައިފި އެވެ.

އިންޑިއާގެ އުތުރުގެ ހަރިޔާނާ ސްޓޭޓުގެ އަވަށެއްގެ ގެއެއްގައި އިންދާ ހިފި މި ކޮތަރަކީ އިންޑިއާ އިން ބުނި ގޮތުގައި ޖާސޫސް ކުރަން ޕާކިސްތާނުން ފޮނުވާފައިވާ އެއްޗެކެވެ. ގޭގެ ވެރި ފަރާތުން ވަނީ ފިޔަގަނޑުގައި އުރުދޫ ބަހުން އެއްޗެއް ލިޔެފައިވާ ހުދު ކޮތަރެއް އޭނާގެ ގެ އިން ހިފާފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފަ އެވެ. ފުލުހުން ވަނީ ކޮތަރުގައި ލިޔެފައިވާ އެއްޗެއް ތަރުޖަމާކޮށްފަ އެވެ. އަދި ކޮތަރުގައި ލިޔެފައި ވަނީ ހަފުތާގެ ދުވަސްތައް ކަމަށް ވެސް ފުލުހުން ބުންޏެވެ.
"އެކަމަކު ކޮތަރުގައި އިތުރު އެއްޗެއް ފޮރުވާފައި ވެދާނެ ކަމަށް ވަނީ އެކްސް ރޭ ވެސް ނަގާފައި. އެކަމަކު ޝައްކު ކުރެވޭ އެއްވެސް އެއްޗެއް ނުފެނޭ. އަދި ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ކޮތަރު ވަނީ ފުލުހުންގެ ބެލުމުގައި ބައިންދާ ގޮތަށް ނިންމާފައި،" ފުލުހުންގެ ޑިޕިއުޓީ ސްޕްރިންޓެންޑެންޓް ބުޕިންދަރު ސިންގް ހިންދުސްތާން ޓައިމްސް އަށް ވިދާޅުވި އެވެ.
ކަޝްމީރުގެ އުރީގެ އިންޑިއާ ސިފައިން ތިބޭ ވައިގެ މަރުކަޒަކަށް ދިން ހަމަލާއާ ގުޅިގެން، ކޮތަރު ފެނުނު މުކެރިއަންގައި ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ.
މީގެ ކުރިން ވެސް ވަނީ ޕާކިސްތާނުން ފޮނުވާފައިވާ ކަމަށް ބުނާ ޖާސޫސީ ކޮތަރުތައް އިންޑިއާ އިން ހިފައިފަ އެވެ.