ޒުވާން ޓީމު ކެމްބޯޑިއާއާ އެއްވަރުކޮށްފި
ޒުވާން ޓީމު ކެމްބޯޑިއާއާ އެއްވަރުކޮށްފި

ބަންގްލަދޭޝްގައި ކުރިއަށްދާ ޔުއެފާ އެސިސްޓް 16 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި ރާއްޖެ ކުޅުނު ދެ ވަނަ މެޗުގައި އިއްޔެ ކެމްބޯޑިއާއާ 2-2 އިން އެއްވަރުކޮށްފި އެވެ.

ފުރަތަމަ މެޗުން ޔޫރަޕުގެ ގައުމެއް ކަމަށްވާ ފެރޯ އައިލެންޑްސް އަތުން 10-3 އިން ބަލިވި ރާއްޖޭގެ ޓީމުން އިއްޔެ ކެމްބޯޑިއާއާ އެއްވަރުކުރީ ފަހަތުން އަރަ އެވެ.

ކެމްބޯޑިއާގެ ސާ އުސޯސް 16 ވަނަ މިނެޓުގައި ކުރި ހޯދާފައިވަނިކޮށް ރާއްޖެ އަށް 25 ވަނަ މިނެޓުގައި އެއްވަރުކޮށްދިނީ ކުރީ މެޗުގައި ހެޓްރިކް ހެދި މުހައްމަދު ހައްނާން އާދަމެވެ. ކެމްބޯޑިއާ އިން ދެ ވަނަ ފަހަރަށް އެއްވަރުކުރީ 47 ވަނަ މިނެޓުގައި ކޮއާން ސޮބެންގެ ލަނޑުންނެވެ. ރާއްޖެ އަށް ދެ ވަނަ ފަހަރަށް އެއްވަރުކޮށްދިނީ 56 ވަނަ މިނެޓުގައި މުހައްމަދު ރާއިފް ފަޒީލެވެ.

މިއީ ރާއްޖެ އާއި ކެމްބޯޑިއާ އިން އެއްވެސް ލެވެލެއްގައި ވާދަކުރި ހަތަރު ވަނަ ފަހަރެވެ. މީގެ ކުރިން ސީނިއާ ޓީމު ވަނީ ތިން ފަހަރެއްގެ މަތިން ކެމްބޯޑިއާއާ ވާދަކޮށްފަ އެވެ. އެގޮތުން ވޯލްޑް ކަޕް ކޮލިފައިންގައި 2001 ގައި މާލޭގައި ކެމްބޯޑިއާ އަތުން 6-0 އިން މޮޅުވިއިރު ރަށުން ބޭރުގައި 1-1 އިން އެއްވަރުވީ އެވެ. އޭގެ ފަހުން 2011 ވަނަ އަހަރު އެކުވެރިކަމުގެ މެޗެއްގައި ރާއްޖެ 4-0 އިން މޮޅުވި އެވެ.

މި މުބާރާތުގައި ރާއްޖެ ކުޅޭ ފަހު މެޗުގައި މާދަމާ ނުކުންނާނީ ބަންގްލަދޭޝާ ދެކޮޅަށެވެ. އެ ޓީމުން ވަނީ އިއްޔެ ފެރޯ އައިލެންޑްސް 3-1 އިން ބަލިކޮށްފަ އެވެ. މާނައަކީ، ހަ ޕޮއިންޓާ އެކު އެއް ވަނައިގައި އޮތް ބަންގްލަދޭޝަށް މާދަމާ ހަވީރު ރާއްޖެ އަތުން އެއް ޕޮއިންޓް ހޯދައިގެން ވެސް ޗެމްޕިއަންކަން ލިބޭނެ އެވެ. ފެރޯ އައިލެންޑްސް ތިން ޕޮއިންޓާ އެކު ދެ ވަނައިގައި އޮތްއިރު ރާއްޖެ އާއި ކެމްބޯޑިއާ އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.

އެފްއޭއެމުން 16 އަހަރުން ދަށުގެ ޓީމު ބޭނުންކުރަނީ 2023 ވަނަ އަހަރު ރާއްޖޭގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ވާންވާއިރަށް ޒުވާން ޓީމެއް ބިނާކުރާށެވެ. ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ގެ މައިގަނޑު ޓާގެޓަކީ އެ ގޭމްސް އާށް ތައްޔާރުކުރުމާއި އެދެމެދުން އަންނަ ސަރަހައްދީ މުބާރާތްތަކުން ރަނގަޅު ނަތީޖާ ނެރުމެވެ. މިދިޔަ އޯގަސްޓް މަހު ހަވާލުވި ނިޒާމްބެ ބުނެފައިވަނީ ދެ އަހަރުގެ ތެރޭގައި، ތަފާތު ބޮޑު ނަތީޖާތައް ބަދަލުކުރެވޭ ވަރަށް ޓީމު ތައްޔާރުކުރާނެ ކަމަށެވެ.