އެމްޑީޕީގެ ރައީސް ކަމަށް ނަޝީދު ކުރިމަތިލައްވައިފި
އެމްޑީޕީގެ ރައީސް ކަމަށް ނަޝީދު ކުރިމަތިލައްވައިފި

ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ރައީސް ކަމަށް އެ ޕާޓީގެ މިހާރުގެ ވެސް ރައީސް، އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ކުރިމަތިލައްވައިފި އެވެ.

މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު އެމްޑީޕީގެ ރައީސް ކަމަށް ކުރިމަތިލެއްވުމަށް މިއަދު ހުށަހެޅުއްވި ފޯމާ ހަވާލުވެ ވަޑައިގަތީ އެ ޕާޓީ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރެވެ.

ދެވަނަ ދައުރަކަށް ކުރިމަތިލައްވާ ނަޝީދު ވިދާޅުވީ އޭނާގެ ފޯމާ އެކު ތާއީދު ކުރާ ގިނަ އަދަދެއްގެ ބައެއްގެ ފޯމް ވެސް ހުށަހަޅާފައިވާނެ ކަމަށެވެ.

އެމްޑީޕީގެ އިސް މަގާމުތަކަށް ކުތިމަތިލާ މީހުންގެ ފޯމާ އެކު އެ މީހަކަށް ތާއީދުކުރާ އެ ޕާޓީގެ ވަކި އަދަދެއްގެ މެމްބަރުންގެ ފޯމް ވެސް ހުށަހަޅަން ޖެހެ އެވެ.

އެމްޑީޕީގެ ރައީސްކަމާއި ނައިބު ރައީސްކަމުގެ މަގާމު ހުސްވެފައިވާތީ، އެ ދެ މަގާމުގެ އިންތިޚާބު އަންނަ މަހުގެ 22 ގައި ބާއްވަން އެ ޕާޓީން ވަނީ ނިންމައިފަ އެވެ. މަގާމުތަކަށް ކުރިމަތިލުމުގެ މުއްދަތު މިއަދު 12 އަށް ހަމަވެ އެވެ.

ރައީސް ކަމަށް ނަޝީދު ކުރިމަތިލެއްވިއިރު ނައިބު ރައީސް ކަމަށް ޝައުގުވެރިކަން ފާޅުކޮށްފައި ވަނީ މިހާރު ވެސް އެ މަގާމުގައި ހުންނެވި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ.