25 ސެޕްޓެމްބަރ 2016 - 13:53

މޯލްޑިވިއަން އަށް 220 މީހުންގެ ޖާގައިގެ އެއާބަސް އޭ 321ގެ މަތިންދާބޯޓަކާއި ސީ ޕްލޭނެއް ހޯދަން ނިންމައިފި އެވެ.

ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދޭ ސަރުކާރުގެ ކުންފުނި، އައިލެންޑް އޭވިއޭޝަނުން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ އެ ކުންފުނިން އެއާބަސް އޭ 321ގެ ބޯޓެއް ބޭނުން ވަނީ އަންނަ ޖެނުއަރީން ފެށިގެން މަދުވެގެން ހަ އަހަރު ދުވަހަށް ކަމަށެވެ. އަދި އެ ބޯޓަކީ ދިހަ އަހަރަށް ވުރެ މަދުން ބޭނުންކޮށްފައިވާ ބޯޓަކަށް ވާން ޖެހޭ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.
މިއީ އެ ކުންފުނީގެ އޮޕަރޭޝަންތަކުގައި ބޭނުންކުރަން ގެންނަ އޭ 321ގެ ދެވަނަ މަތިންދާބޯޓެވެ. އޭގެ އިތުރުން އެ ކުންފުނީގައި 152 މީހުންގެ ޖާގައިގެ އޭ 320ގެ މަތިންދާބޯޓެއް ވެސް އޮވެ އެވެ.
އެ އިއުލާނުގައިވާ ގޮތުން ބޯޓު ކުއްޔަށްދޭން ޝައުގުވެރިވާ ފަރާތްތަކުން މާދަމާގެ މެންދުރު 2:00ގެ ކުރިން ހުށަހަޅަން ޖެހެ އެވެ.
އެ ކުންފުނީގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު މިއަދު ވިދާޅުވީ އެ ކުންފުންޏަށް އިތުރު ބޮޑު ބޯޓެއް ހޯދަން ނިންމީ އޮޕަރޭޝަން އިތުރަށް ފުޅާކުރަން ބޭނުންވެގެން ކަމަށެވެ.
"އަޅުގަނޑުމެން މިހާރު ވެސް ޗައިނާގެ ހަ ސިޓީއަކަށް ވެސް އެބަ ދަތުރުކުރަން. އޮޕަރޭޝަން އިތުރަށް ފުޅާކުރެވެން އޮތީ އިތުރު ބޯޓުތައް ހޯދައިގެން،" އޭނާ ވިދާޅުވި އެވެ.
އެ ކުންފުނިން ޗައިނާގެ ހަ ސިޓީއެއްގެ އިތުރުން ތައިލެންޑްގެ ބެންކޮކަށާއި އިންޑިއާގެ ޓްރިވެންޑްރަމާއި ޗެންނާއީ އަދި ބަންގްލަދޭޝްގެ ޑާކާއަށް ދަތުރުތައްކުރެ އެވެ.
އައިލެންޑް އޭވިއޭޝަނުން ވަނީ އެ ކުންފުންޏަށް އިތުރު ސީ ޕްލޭނެއް ގަންނަ ބޭނުންވެގެން ވެސް އިއުލާންކޮށްފަ އެވެ. މިއީ އެ ކުންފުނިން ގަންނަ ދެވަނަ ސީ ޕްލޭނެވެ. އެ ކުންފުނީގެ މިހާރު ވެސް އަށް ސީ ޕްލޭން ބޭނުންކުރެ އެވެ.
އެ އިއުލާނުގައިވާ ގޮތުން އެ ބޯޓު އަންނަ މަހުގެ 31ގެ ކުރިން އިންސްޕެކްޓްކުރަން ފުރުސަތު ދޭން ޖެހޭނެ ކަމަށެވެ. އަދި އެ ބޯޓު ވިއްކަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ އޮކްޓޯބަރު ހަވަނަ ދުވަހުގެ 2:00ގެ ކުރިން ހުށަހަޅަން ޖެހޭ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.