18 އޮކްޓޯބަރ 2019 - 23:56

އެމްޑީޕީގެ ނައިބު ރައީސް ކަމަށް ދެ ވަނަ ދައުރަކަށް އިންތިހާބުވެ ވަޑައިގެންފި ނަމަ، އެންމެ ބޮޑު އެއް އަމާޒަކަށް ހައްދަވާނީ އެ ޕާޓީގެ ތެރޭގައި އޮތް އެއްބައިވަންތަކަމާއި ހަމަޖެހުން ދެމެހެއްޓުން ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރައީސް ކަމާއި ނައިބު ރައީސްކަމުގެ މަގާމު ހުސްވެފައިވާތީ މި ދެ މަގާމަށް ބޭފުޅުން ހޮވުމަށް ބާއްވާ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އެންމެ ބޮޑު ވާދަވެރިކަމެއް މިހާރު އުފެދިފައި ވަނީ އެމްޑީޕީގެ ނައިބު ރައީސް ކަމުގެ މަގާމަށެވެ. ނައިބު ރައީސަކަށް މިހާރު ހުންނެވި ޝިފާޒްގެ އިތުރުން އެ މަގާމަށް ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު މުހައްމަދު އަސްލަމެވެ.
ޝިފާޒް "މިހާރު" އަށް ވިދާޅުވީ މިދިޔަ ފަސް އަހަރު ޕާޓީއާ އެކީގައި މަސައްކަތްކުރަން ލިބިވަޑައިގެންނެވި ފުރުސަތުގައި އުޅުއްވީ މުޅިންހެން މަގުމަތީގައި ކަމަށެވެ. ހައްގުތައް އަނބުރާ ހޯދަން 24 ގަޑިއިރު މަގުމަތީ އުޅެން ޖެހުނީ އަނިޔާވެރި ވެރިކަމުން ރައްޔިތުން ސަލާމަތްކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު މިއޮތީ އެކަމުން އަރައިގަނެވިފައި،" ޝިފާޒް ވިދާޅުވި އެވެ.
ޝިފާޒް ވިދާޅުވި ގޮތުގައި އެމްޑީޕީ އޮތީ "ޓީނޭޖް" މަރުހަލާގަ އެވެ. އަދި ކުރިއަށް އޮތް ފަސް އަހަރު މަސައްކަތް ކުރައްވާނީ ޕާޓީގެ ހިންގުން ހަރުދަނާކޮށް ރަށްރަށުގައި ޕާޓީގެ ހަރަކާތްތައް އިތުރުކޮށް ވަރުގަދަކޮށް، މެމްބަރުންގެ ބައިވެރިވުން އިތުރު ކުރަން ކަމަށް ވެސް ޝިފާޒް ވިދާޅުވި އެވެ.
"އެމްޑީޕީ އަކީ ހިޔާލަށް ޖާގަ އޮންނަ، ހިޔާލު ތަފާތުވިޔަސް، ހިޔާލުތައް އެއްގޮތްކޮށް އެންމެ ފަހުން އެކުލަވާލި މެނިފެސްޓޯ ތަންފީޒު ކުރަން މަސައްކަތް ކުރާނެ ބައެއް،" ރައްޔިތުންގެ މަޖިލިހުގެ 17 ވަނަ ދައުރުގައި ބާރަށު ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި ޝިފާޒް ވިދާޅުވި އެވެ.
ބޯހިޔާވަހިކަމާއި އާމްދަނީ ދެ ގުނަ ކުރުމާއި ހައްގުތައް ހިމާޔަތްކޮށް މާތްވެގެންވާ އިސްލާމް ދީނުގެ އުސޫލުތައް ދެމެހެއްޓުމަކީ ވެސް ފަސް އަހަރުގެ އަމާޒެއް ކަމަށް ޝިފާޒް ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާ އެކުގައި މަސައްކަތް ކުރެއްވޭނެ ކަމަށް ވެސް ޝިފާޒް ވިދާޅުވި އެވެ. އަދި އެމްޑީޕީގެ ލީޑަޝިޕާއި އާންމުންގެ އިތުބާރު އޭނާ އަށް އެބައޮތް ކަމަށް ވެސް ޝިފާޒް ވިދާޅުވި އެވެ.
ޝިފާޒް ވަނީ އެމްޑީޕީގެ ނައިބު ރައީސް ކަމަށް އަސްލަމް ކުރިމަތިލެއްވުމާ ގުޅިގެން އެކަމާ މަރުހަބާ ވިދާޅުވެފަ އެވެ. އެމްޑީޕީގެ މަގާމުތަކަށް ކުރިމަތިލާ އިރު، ގިނަ ބަޔަކު އެކަމުގައި ބައިވެރިވާން ޖެހޭނެ ކަމަށް ވެސް ޝިފާޒް ވިދާޅުވި އެވެ.
އެކަމަކު، ކެމްޕެއިން ކުރައްވާ އިރު، އޭނާ އާއި އަސްލަމް ވެސް ފިތުނަވެރިކަމެއްގެ ތެރޭގައި ޕާޓީ ބާއްވައިގެން އެކަން ނުކުރައްވާނެ ކަމަށް ޝިފާޒް ވިދާޅުވި އެވެ.
"އަޅުގަނޑު ހަމަ ގައިމުވެސް އެކަމެއް ނުކުރާނަން. އެއަށް ވުރެ ހަމަ ޖެހޭ ބައެއް އަޅުގަނޑުމެންނަކީ. ކަންކަމާ މެދުގައި ވިސްނާ ބައެއް މިއީ. ކެމްޕެއިންގެ ވައްޓަފާޅި ދާނީ ވާދަވެރިކަމުގެ ތެރެއިން. އެކަމަކު ޕާޓީގެ އެއްބައިވަންތަކަން ދެމެހެއްޓޭނެ ގޮތަކަށް،" ޝިފާޒް ވިދާޅުވި އެވެ.