އެމްޑީޕީ އަށް ނައިބު ރައީސަކު ހޮވުން: އަސްލަމާއި ޝިފާޒްގެ ކުރިމަތިލުމެއް
އެމްޑީޕީ އަށް ނައިބު ރައީސަކު ހޮވުން: އަސްލަމާއި ޝިފާޒްގެ ކުރިމަތިލުމެއް

އެމްޑީޕީގެ ނައިބު ރައީސް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ކުރިމަތިލެއްވުމާ ގުޅިގެން އެ އިންތިޚާބުގެ ވާދަވެރިކަން ބޮޑުވެއްޖެ އެވެ.

ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ އެންމެ އިސް އެއް މަގާމުގެ ވާދަވެރިކަން ބޮޑުވީ އަސްލަމް އެ މަގާމަށް ވާދަ ކުރައްވަން ނިންމެވުމާއި އެ މަގާމުގައި މިހާރު ހުންނެވި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް ދެ ވަނަ ދައުރަކަށް ނުކުންނަވަން ނިންމެވުމާ ގުޅިގެންނެވެ.

އަސްލަމް "މިހާރު" އަށް މިރޭ ވިދާޅުވީ، އެމްޑީޕީގެ ނައިބު ރައީސް ކަމަށް ކުރިމަތިލައްވަން ނިންމެވީ މިއަދު ކަމަށެވެ. އެމްޑީޕީގެ ނައިބު ރައީސްކަމަށް އަލުން ވާދަކުރައްވާނެ ކަން ޝިފާޒް އިއުލާން ކުރެއްވީ މީގެ ދުވަސްކޮޅެއް ކުރިންނެވެ.

އަސްލަމް ވަނީ މިދިޔަ ރައްޔިތުންގެ މަޖިލިހުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުކަން ކުރައްވައިފަ އެވެ. ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަސްލަމް ވަނީ އެމަނިކުފާނުގެ ކެމްޕެއިން މެނޭޖަރު ކަން ވެސް ކުރައްވައިފަ އެވެ.

މީގެ އިތުރުން އެމްޑީޕީގެ އެތެރޭގެ ބައެއް މަގާމުތައް ވެސް އޭނާ އަދާކުރެއްވި އެވެ. އަދި 19 ވަނަ މަޖިލިހުގެ ރައީސް ކަމަށް ވަޑައިގަތުމަށް އޭނާ ވަނީ ވަރުގަދަ ކެމްޕެއިންތަކެއް ކުރައްވައިފަ އެވެ. އެކަމަކު، ފަހު ވަގުތު އަސްލަމް ވަނީ އެމްޑީޕީގެ މަސްލަހަތު އިސް ކުރައްވައި ނަޝީދު އެ މަގާމަށް ކުރިމަތިލެއްވުމަށް ދައުވަތު ދެއްވައިފަ އެވެ. އަދި ނަޝީދު ވަނީ އެ ދައުވަތު ގަބޫލުފުޅު ކުރައްވައިފަ އެވެ.

އެމްޑީޕީގެ ރައީސްގެ ކަމަށް އިތުރު ދައުރަކަށް ކުރިމަތިލާން ނިންމަވާފައިވާ ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އެމަނިކުފާނު ވަނީ ތާއީދު ހޯއްދެވުމުގެ މަސައްކަތްޕުޅު ފައްޓަވައިފަ އެވެ.

އެމްޑީޕީގެ ރައީސް ކަމުގެ މަގާމަށް ނަޝީދު ކުރިމަތިލައްވާނެ ކަމަށް އިއުލާން ކުރުމާ ގުޅިގެން ވަޒީރުންނާއި މަޖިލިހުގެ މެމްބަރުންނާއި އާންމުންގެ ގިނަ ބަޔަކު ދަނީ އެމަނިކުފާނަށް އޮތް ތާއީދު ހާމަކުރަމުންނެވެ.

އެމްޑީޕީގެ ރައީސް ކަމާއި ނައިބު ރައީސްކަމުގެ މަގާމު ހުސްވެފައިވާތީ މި ދެ މަގާމަށް ބޭފުޅުން ހޮވުމަށް ބާއްވާ އިންތިހުބުގައި ވާދަކުރުމަށް ޝައުގުވެރިވާ މީހުންނަށް އެ ފުރުސަތު ހުޅުވާލީ މިދިޔަ ހޯމަ ދުވަހު އެވެ. ދެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު މާދަމާ މެންދުރު ހަމަވާނެ އެވެ.