18 އޮކްޓޯބަރ 2019 - 20:06

ދިރާގުން "މަގޭ މެމޯ" ގެ ނަމުގައި، ޑޮކްޓަރަށް ދައްކަން އެޕޮއިންޓްމަންޓް ހައްދާނެ ފަސޭހަ ހިދުމަތެއް ތައާރަފްކުރަން ތައްޔާރުވެއްޖެ އެވެ.
މި ހިދުމަތް ދިރާގުން އިއުލާންކުރީ މިއަދު ފެށި މޯލްޑިވްސް މެޑިކަލް އެކްސްޕޯގަ އެވެ.
ދިރާގުން ބުނީ އެ ކުންފުނިން ތައްޔާރުކުރާ މި އެޕްލިކޭޝަނުން އެކި ކްލިނިކްތަކުގެ ޑޮކްޓަރުންނަށް ފަސޭހަކަމާ އެކު އެޕޮއިންޓްމަންޓް ހެއްދޭނެ ކަމަށެވެ. އަދި ހޮސްޕިޓަލުގައި ހޭދަކުރަންޖެހޭ ވަގުތު މަދުވާނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.
މި އެޕްލިކޭޝަން ބޭނުންކޮށްގެން އެޕޮއިންޓްމަންޓް ހައްދާ މީހުންނަށް އެޕް ބޭނުންކޮށްގެން ފައިސާ ވެސް ދެއްކޭނެ އެވެ. އަދި އެޕޮއިންޓްމެންޓުގެ އަޕްޑޭޓު ވެސް އެޕުން ބަލައިލެވޭނެ އެވެ.
ދިރާގުން ބުނީ އެ ކުންފުނިން މި އެޕް ތައްޔާރުކުރުމުގައި ހޮސްޕިޓަލްތަކުގެ އެޕޮއިންޓްމަންޓް ހައްދާ ނިޒާމް ދިރާސާ ކޮށްފައިވާ ކަމަށާއި ދިރާގުގެ އެޕުން އެޕޮއިންޓްމަންޓްތައް މެނޭޖުކުރަން ފަސޭހަވާނެ ކަމަށެވެ.
މި އެޕްލިކޭޝަނާ ގުޅޭ މައުލޫމާތު މެޑިކަލް އެކްސްޕޯގައި ދިރާގުން ބަހައްޓާފައިވާ ސްޓޯލުން ލިބޭނެ އެވެ.