މެޑިކަލް އެކްސްޕޯ ފަށައިފި؛ ސްޓޯލްތަކުން ޒަމާނީ ހިދުމަތް
މެޑިކަލް އެކްސްޕޯ ފަށައިފި؛ ސްޓޯލްތަކުން ޒަމާނީ ހިދުމަތް

ރާއްޖޭގައި ބާއްވާ ސިއްހީ ދާއިރާގެ އެންމެ ބޮޑު އެކްސްޕޯ ކަމަށްވާ "މޯލްޑިވްސް މެޑިކަލް އެކްސްޕޯ" މިއަދު ފަށައިފި އެވެ.

މެޑިކަލް އެކްސްޕޯ ފަށައިފި؛ ސްޓޯލްތަކުން ޒަމާނީ ހިދުމަތް
މެޑިކަލް އެކްސްޕޯ ފަށައިފި؛ ސްޓޯލްތަކުން ޒަމާނީ ހިދުމަތް

މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ދަރުބާރުގޭގައި ބާއްވާ މި އެކްސްޕޯ ހުޅުއްވައިދެއްވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރެވެ. އެމްވީ މެޑިކަލްސް އިން އިންތިޒާމްކުރާ މި އެކްސްޕޯގައި ރާއްޖޭގެ އިތުރުން އަވަށްޓެރި ބައެއް ގައުމުތަކުގެ ސިއްހީ ހިދުމަތް ދޭ ބައެއް ތަންތަނުން ވަނީ ބައިވެރިވެފަ އެވެ.

އެމްވީ މެޑިކަލްސް އިން ބުނީ މި އެކްސްޕޯ އަކީ ސިއްހީ ދާއިރާ ކުރިއެރުވުމަށްޓަކައި ދުނިޔޭގެ ފެންވަރުގެ ޓެކްނޮލޮޖީތައް ބޭނުންކޮށްގެން ހިދުމަތް ދިނުމަށް ކުންފުނިތައް އަހުލުވެރިކުރުމުގެ ގޮތުން ބާއްވާ އެކްސްޕޯއެއް ކަމަށެވެ. އަދި މި ހިދުމަތްތަކުގެ މައުލޫމާތު ރައްޔިތުންނާ ހަމައަށް އެކްސްޕޯގައި ފޯރުކޮށްދެވޭނެ ކަމަށް ވެސް އެމްވީ މެޑިކަލްސް އިން ބުންޏެވެ.

މި އެކްސްޕޯ އަށް ޒިޔާރަތްކުރާ މީހުންނަށް ސްޓޯލްތަކުން ހިލޭ ހިދުމަތްތައް ލިބޭނެ އެވެ. އެގޮތުން، އުރަމަތީ ކެންސަރަށް ސްކްރީން ކުރުމާއި ހަކުރު ޓެސްޓު ހެދުމާއި ސިއްހަތަށް ފައިދާ ހުރި ކާނާއާ ގުޅޭ މައުލޫމާތު ވެސް ދޭނެ އެވެ.

ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރު ވިދާޅުވީ މިފަދަ އެކްސްޕޯތައް ބޭއްވުމަކީ ރާއްޖޭގައި މެޑިކަލް ޓޫރިޒަމް ކުރިއެރުވުމަށް ލިބޭނެ އިތުރު ފުރުސަތެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ދުނިޔޭގެ ފެންވަރުގެ އެގްޒިބިޝަންތައް ފެނިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ޝާހު ވިދާޅުވި އެވެ.

"ދިވެހިރާއްޖެ އަކީ މެޑިކަލް ޓޫރިޒަމް ކަހަލަ އިންޑަސްޓްރީއެއް އުފެދިގެންދާނެ ގައުމެއް. އެހެންވީމާ އެ ދާއިރާ ކުރިއެރުވުމަށް މަސައްކަތް ކުރުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.

މި އެކްސްޕޯ އާންމުންނަށް ހުޅުވާލާފައި ހުންނާނީ ކޮންމެ ދުވަހަކު ހަވީރު 4:00 އިން 11:00 އާ ހަމައަށެވެ.