އަޅުގަނޑުމެންގެ ވިސްނުމުގައި މި ސަރުކާރު ހިންގަން ބޭނުން: ނަޝީދު
އަޅުގަނޑުމެންގެ ވިސްނުމުގައި މި ސަރުކާރު ހިންގަން ބޭނުން: ނަޝީދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު "އަޅުގަނޑުމެންގެ ވިސްނުމުގައި" ހިންގަން ބޭނުންވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

ސަރުކާރު ހިންގާ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ރައީސްކަމަށް ނަޝީދު ދެ ވަނަ ދައުރަކަށް ކުރިމަތިލެއްވުމާ ގުޅިގެން އެ ޕާޓީގެ ސަޕޯޓަރުންގެ ތާއީދު ހޯއްދެވުމަށް ދަރުބާރުގޭގައި ބޭއްވި ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ މެނިފެސްޓޯއެއް އޮތް އިރު، އެ ޕާޓީގެ މެމްބަރުން ހިތު އަޅާ ކަންކަމާއި ކުރެހި މަންޒަރުތަކާއި އުންމީދު ކުރާ ގިނަ ކަންކަން އެބަހުރި ކަމަށެވެ. އެއީ އެހެން ބަޔަކަށް ކުރަން ދަތި މަސައްކަތްތަކެއް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވަނީ ކެބިނެޓުގެ އެމްޑީޕީ ބައެއް ވަޒީރުން ފިޔަވައި ދެން ތިއްބެވި ވަޒީރުން "ނުފަރިތަ" ކަމަށް ވިދާޅުވެ، އެ ބޭފުޅުންނަށް ވަނީ ފާޑުވިދާޅުވެފަ އެވެ.

"އަޅުގަނޑު މި ދަންނަވާ ވާހަކަ އަކީ ތިޔަބޭފުޅުން އެބައެދެއޭ ތިޔަބޭފުޅުން ސަރުކާރު ހިންގުމަށް. ތިޔަބޭފުޅުން ބޭނުންވާ މިސްރާބަށް ދިއުމަށް،" ތިން އަހަރެއްހާ ދުވަހު ރާއްޖޭގެ ވެރިކަން ކުރެއްވި ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އެގޮތަށް ވިދާޅުވުމާ އެކު، ހޯލްގައި ތިބި މީހުން ފޯރިއާ އެކު އަތްތިލަ ބަޑި ޖަހަން ފެށި އެވެ.

"އަޅުގަނޑަކަށް ރައީސުލްޖުމްހޫރިއްޔާ އެއް ނޯޅޭނެ. އަޅުގަނޑަށް ކަށަވަރު ރައީސުލްޖުމްހޫރިއްޔާއެއް މި ޕާޓީގެ ވިންދާއި އިހްސާސްތަކާއި އުންމީދުތަކާ އިދިކޮޅަށް ފުށުއަރާނެ ގޮތަށް (އެމަނިކުފާނު) ނުގެންދަވާނެ،" ނަޝީދު ވިދާޅުވި އެވެ.

ރާއްޖެ އަށް ބަދަލު އަންނަން ޖެހޭ ކަން ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވީ ކޯޓުތަކާއި މިނިވަން މުއައްސަސާތަކުގައި ތިއްބެވި ބޭފުޅުންނަށް ވެސް ބަދަލު އަންނަން ޖެހޭ ކަމަށެވެ. އެމްޑީޕީ ނުކުމެ އޮތީ ރާއްޖޭގެ ރައްޔިތުންނަށް އިންސާފު ކަށަވަރުކޮށްދޭން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ވާދަވެރިން އަބަދުވެސް ރޭވުންތައް ރޭވިޔަސް، އެ ޕާޓީގެ ސާބިތު ކަމަށް ގުޑުވައިނުލެވޭނެ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކިތަންމެ އެއްޗެއް ވިދާޅުވެ، ހިޔާލު ތަފާތުވުން އުފައްދަން މަސައްކަތް ކުރެއްވިޔަސް އެކަން ކާމިޔާބު ނުވާނެ ކަމަށް އެމްޑީޕީ ބައިބައިވެގެން ނުދާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

މީގެ އިތުރުން "އެއް ހަރަކުން ދެ ފަހަރު ކައްޓެއް" ނުޖެހޭނެ ކަމަށް ވިދާޅުވެ ނަޝީދު ވަނީ އެމްޑީޕީން ބައިބައި ކުރަން އެއްވެސް ޕާޓީއަކަށް ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

މި ސަރުކާރަށް ތައުރީފް ކުރައްވައި ނަޝީދު ވިދާޅުވި ގޮތުގައި މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހު އެންމެ ފުރަތަމަ ވެސް ކުރި ކަމަކީ މަސައްކަތުގެ ދުރު ރާސްތާ ޕްލޭނެއް ތައްޔާރު ކުރުމެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މި ސަރުކާރަކީ އެންމެ ކާމިޔާބު ސަރުކާރަށް ވެގެން ދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، އެމްޑީޕީން ކުރަން ޖެހޭ ކަމަކީ ސަރުކާރުގެ އެކި މަގާމުތަކުގައި ތިބި ބޭފުޅުންނަށް އެހީތެރިވުން ކަމަށެވެ.. އެމްޑީޕީގެ ސަރުކާރެއް އޮވެ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެ ޕާޓީ އަށް ލިބިފައި އޮތްއިރު އިސްލާހްކުރުމަށް އެމްޑީޕީން ބޭނުންވާ ކަމެއް މިހާރު ނުކުރެވި ނޯންނާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ސަރުކާރު ބަދަލުވުމަށް އެއްގޮތަކަށް ވެސް ބޭނުން ނުވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.