ޒީ-ޓީވީން ޕާކިސްތާން ޝޯތައް ދެއްކުން ހުއްޓާލަނީ
ޒީ-ޓީވީން ޕާކިސްތާން ޝޯތައް ދެއްކުން ހުއްޓާލަނީ

އިންޑިއާގައި މަސައްކަތްކުރާ ޕާކިސްތާނު އެކްޓަރުންނަށް އިންޑިއާގެ ސިޔާސީ ފަރާތްތަކުން އިންޒާރުދެމުން ދަނިކޮށް ޒީ-ނެޓްވާކްގެ ޒިންދަގީ ޗެނަލް އިން ޕާކިސްތާން ސިލްސިލާތައް ދެއްކުން ހުއްޓާލާން އުޅޭކަމުގެ އިޝާރާތެއް ޒީ ނެޓްވޯކް ހެޑް ސުބާޝް ޗަންދުރަ ދީފި އެވެ.

ސުބާޝް ކޮށްފައިވާ ޓުވިޓެއްގައި ބުނެފައިވަނީ އދ. ގައި ޕާކިސްތާނުގެ ބޮޑުވަޒީރު އިންޑިއާއާ ދެކޮޅަށް ދެއްކި ހަރުކަށިކަމަށް ހިތާމަކުރާ ކަމަށާއި ޒީގެ ޒިންދަގީ ޗެނަލް އިން ދައްކަމުންދާ ޕާކިސްތާން ޕްރޮގްރާމްތައް ހުއްޓާލަން ވިސްނަމުންދާ ކަމަށެވެ. އަދި ޕާކިސްތާނު އާޓިސްޓުން ވަގުތުން ގައުމަށް ދާން ޖެހޭނެކަމަށް ދެކޭ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީ އާއި އިތުރު ސިޔާސީ ޕާޓީތަކުން ވެސް މިހާރު ޕާކިސްތާނު އެކްޓަރުންނަށް އެ ގައުމުން އަވަހަށް ފުރުމަށް ދަނީ އިންޒާރުތައް ދެމުންނެވެ. އަދި ޕާކިސްތާނު އެކްޓަރުން އުޅޭ ނަމަ ބޮލީވުޑް ފިލްމެއް ވިޔަސް އިންޑިއާގައި އަޅުވައިގެން ނުވާނެކަމަށް ވެސް އެފަރާތުން ދަނީ ބުނަމުންނެވެ.

ޕާކިސްތާނު އާޓިސްޓުން އިންޑިއާގައި މަސައްކަތްކުރުން މަނާކުރާ ޚަބަރު ފެތުރުމާ އެކު އެ ފަދަ އާޓިސްޓުންނާ ދެކޮޅަށް ވަރަށް ވަރުގަދަ ކެމްޕޭންތަކެއް ސޯޝަލް މީޑީއާގައި ވެސް މިހާރު ވަނީ ފެށިފަ އެވެ. މިކަމާ ދެކޮޅުހަދާ ވާހަކަ ދައްކަނީ މަދު ބައެކެވެ. އެމީހުން ބުނަނީ ސަރުކާރުން ކުރާ ކަމަކާ ހެދި އާޓިސްޓުންނަށް އަދަބު ދެވިގެން ނުވާނެ ކަމަށެވެ.

އިންޑިއާގެ ޒިންދަގީ ޗެނަލްއަކީ ހިންދީ-އުރުދޫ އެންޓަޓައިންމަންޓް ޗެނަލް އެކެވެ. މި ޗެނަލުން ދައްކާ ޕްރޮގްރާމްތައް މިސްރާއި ތުރުކީ ފަދަ ގައުމުތަކުގައި ދައްކަ އެވެ.

ޕާކިސްތާނުގެ މަޝްހޫރު ސިލްސިލާތައް ކަމަށްވާ "ހަމްސަފަރް" އާއި "ޒިންދަގީ ގުލްޒާރު ހޭ" ފަދަ ސިލްސިލާތަކަށް އިންޑިއާގައި ވަރަށް ބޮޑު މަގުބޫލުކަމެއް ލިބިފައިވެ އެވެ. މި ދެ ސިލްސިލާ އަކީ ވެސް ފަވާދު ޚާން ބަތަލުގެ ބައި ކުޅެފައިވާ ސިލްސިލާ ތަކެވެ. "ހަމްސަފަރް"ގައި ފަވާދާ އެކު މާހިރާ ޚާން ބަތަލާގެ ބައި ކުޅެފައިވާއިރު "ޒިންދަގީ ގުލްޒާރުހޭ"ގެ ބަތަލާއަކީ ސަނަމް ސައީދެވެ.

ޕާކިސްތާނުން ވެސް އިންޑިއާ ފިލްމުތަކާއި ސިލްސިލަތައް ދެއްކުން މުޅިން މަނާ ކުރުމަށް އެ ގައުމުގެ ބައެއް ސިޔާސީ ޕާޓީތަކުން މިހާރު ވަނީ މަސައްކަތް ފަށާފައި ކަމަށް ވަނީ އަޑު އަރައިފަ އެވެ.