އޭއެފްސީން ރާއްޖެ އާއި ފަަލަަސްތީނުގެ އަގުވަޒަންކޮށްފި
އޭއެފްސީން ރާއްޖެ އާއި ފަަލަަސްތީނުގެ އަގުވަޒަންކޮށްފި

ގްރާސްރޫޓް ލެވެލްގައި ފުޓްބޯޅަ ކުރިއަރުވަން ކުރާ މަސައްކަތުގައި ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަނާއި ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ކުރާ މަސައްކަތަށް އޭޝިއާގެ މައި ފުޓްބޯޅަ އިދާރާ އޭއެފްސީން ބްރޯންޒް މެމްބާޝިޕް ދީފި އެވެ.

އޭއެފްސީން މިއަދު ބުނީ ގްރާސްރޫޓް ޗާޓަރުން ބަލާ މިންގަނޑުތަކަށް ފަހު އެ ލެވެލްގައި ފުޓްބޯޅަ ކުރިއަރުވާ އެސޯސިއޭޝަންތަކުގެ އަގުވަޒަންކުރެ އެވެ. އެ ގޮތުން ބްރޯންޒް މެމްބާޝިޕް ރާއްޖެ އާއި ފަަލަސްތީނަށް ދޭން ނިންމީ ޒުވާން ކުޅުންތެރިންނަށް ފުޓްބޯޅަ ކުރިއަރުވަން ކުރާ މަސައްކަތްތަކަށް ބެލުމަށް ފަހު އެވެ.

އަގުވަޒަންކުރުމުގައި އޭއެފްސީން 20 ކެޓަގަރީ އަކަށް ބަލަ އެވެ. އޭގެ ތެރޭގައި މުބާރާތްތަކާއި ފެއާޕްލޭ، ޕާޓްނާޝިޕް އަދި ޕާސަނަލް ޑިވެލޮޕްމަންޓް ހިމެނެ އެވެ. ރާއްޖެ އާއި ފަލަސްތީނުގެ އަގުވަޒަންކުރަން ނިންމީ މި ހުރިހާ ކެޓަގަރީއެއް ފުރިހަމަވުމުންނެވެ.

ރާއްޖޭން ފުޓްބޯޅަ ކުރިއެރުވުމުގައި ގްރާސްރޫޓް ލެވެލްގައި ގިނަ ޕްރޮގްރާމްތަކެއް ހިންގަމުން އަންނައިރު އަންހެން އަދި ފިރިހެން އެކެޑަމީ ކުރިއަށްގެންދެ އެވެ. އަދި ރާއްޖޭން ގްރާސްރޫޓް ލެވެލްގައި ފުޓްބޯޅަ ކުރިއެރުވުމުގައި ރާއްޖޭން ގެންގުޅޭ ފިލޯސަފީ ކަމަށްވާ "ފުޓްބޯލް ޓު އޯލް އެޓް އޯލް ލެވެލްސް" ގެ ތެރެއިން ކުރަމުންދާ މަސައްކަތް އޭއެފްސީން ފާހަގަކުރެ އެވެ. އަދި ދުޅަހެޔޮ ސިއްހަތެއްގައި ޒުވާން ކުޅުންތެރިން ކުރިއެރުވުމުގައި ވެސް އެފްއޭއެމުން މަސައްކަތްކުރާ ކަމަށް އޭއެފްސީން ފާހަގަކޮށްފައިވެ އެވެ.

އޭއެފްސީން ބުނެފައިވާ ގޮތުގައި އައްޑޫ ސިޓީގައި ބޭއްވި ގްރާސްރޫޓް ޕްރޮގްރާމްގައި 10 ސްކޫލުގެ ތެރެއިން ހަ ސްކޫލް ބައިވެރިވެފައިވާ ކަމަށާއި ޕްރީ ސްކޫލްގެ 10 ސްކޫލްގެ ތެރެއިން ހަތަރު ސްކޫލެއްގައި ބައިވެރިވެފައިވާ ކަމަށެވެ. އަދި މި ޕްރޮގްރާމްގައި އޭއެފްސީގެ ގްރާސްރޫޓް ކޯޗިން ލެވެލްގެ ހަތް ކޯޗުން ބައިވެރިވެފައިވާކަން އޭއެފްސީން ވަނީ ފާހަގަކޮށްފަ އެވެ.