18 އޮކްޓޯބަރ 2019 - 12:37

ދެކުނު އޭޝިއާގެ ގައުމުތަކުގައި ފުޓްބޯޅަ ކުރިއަރުވަން ކުރާ މަސައްކަތުގައި ފީފާގެ އެހީތެރިކަން އިތުކުރާނެ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެ އެވެ.

ބަންގްލަދޭޝްގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ދައުވަތަކަށް އިއްޔެ އެ ގައުމަށް ވަޑައިގެން އިންފަންޓީނޯ ވަނީ އެ ގައުމުގެ ބޮޑު ވަޒީރު ޝެއިޚް ހަސީނާއާ ބައްދަލުކުރައްވައިފަ އެވެ. އަދި ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ކާޒީ ސަލާހުއްދީންއާ ބައްދަލުކުރައްވައި އެ ގައުމާއި ދެކުނު އޭޝިއާގެ ފުޓްބޯޅަ ކުރިއެރުވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރެއްވި އެވެ.
އިންފަންޓީނޯ ވިދާޅުވީ "ލިވިން ފުޓްބޯލް"ގެ ޝިއާރުގެ ދަށުން ފުޓްބޯޅައިގެ ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށާއި ދެކުނު އޭޝިއާގައި ފުޓްބޯޅަ އަށް އޮތް ފޯރި ގެއްލެން ނޭދޭ ކަމަށެވެ.
"އަހަރެމެން މަޝްވަރާކުރިން ފުޓްބޯޅަ ކުރިއެރުވުމުގައި ބަންގްލަދޭޝް އާއި ދެކުނު އޭޝިއާގައި ކުރެވޭނެ ކަންތައްތަކާ ބެހޭގޮތުން. މި ތަނުގައި މި އޮތް ފޯރި ފެނިފައި އަހަންނަށް ވެސް ލިބެނީ ހިތްވަރު. މިކަން ނެތިގެންދާން ނޭދެން. ފީފާއިން ބަންގްލަދޭޝް އާއި ދެކުނު އޭޝިއާގެ ފުޓްބޯޅައާ ވަރަށް ގާތުން މަސައްކަތްކުރާނަން،" އިންފަންޓީނޯ ވިދާޅުވި އެވެ.
"އަހަރެމެން އާ ހިޔާލުތައް ހިފައިގެން އަންނާނަން. އެއީ ޒުވާން ފިރިހެން އަދި އަންހެން އަދި ސީނިއާ އަންހެން އަދި ފިރިހެން ކުޅުންތެރިންނަށް."
ދެކުނު އޭޝިއާގައި ފުޓްބޯޅަ ކުރިއަރުވަން ޖެހޭ އެންމެ ބޮޑު ސަބަބަކީ އާބާދީ އަށް ބަލާއިރު ވެސް ގިނަ ބަޔަކު ދިރިއުޅޭ ސަރަަހައްދަކަށްވާއިރު، ފުޓްބޯޅައިގެ ލޯބީގައި މަސައްކަތްކުރާ ގިނަ ބަޔަކު ތިބުން ކަމަށް އިންފަންޓީނޯ ފާހަގަކުރެއްވި އެވެ.
"ފުޓްބޯޅަ އެބަޖެހޭ އެންމެންނާ ގުޅިފައި އޮންނަ ކުޅިވަރެއްގެ ގޮތުގައި ދެމި އޮންނަން. އެކަން މި ސަރަހައްދުގައި ބޮޑަށް ކުރަންޖެހޭ،" އިންފަންޓީނޯ ވިދާޅުވި އެވެ.
ބަންގްލަދޭޝްގައި ފުޓްބޯޅަ ކުރިއަރުވަން ކުރަމުން އަންނަ މަސައްކަތަށް އިންފަންޓީނޯ ވަނީ ތައުރީފުކޮށްފަ އެވެ.
މިއީ ފީފާގެ ރައީސަކު ބަންގްލަދޭޝަށް ކުރައްވާ ހަތަރު ވަނަ ޒިޔާރަތެވެ. މީގެ ކުރިން ޔޮއާއޯ ހަވޮލޯންޖް 1980 އާއި 1981 ގައި އަދި ސެޕް ބްލެޓާ 2006 އާއި 2012 ގައި އެ ގައުމަށް ޒިޔާރަތްކުރެއްވި އެވެ.
ފޯރިގަދަ އަދި ވަރުގަދަ ލީގެއް އަށްޑިހައިގެ ތެރޭގައި ބަންގްލަދޭޝްގައި އޮތް ނަމަވެސް ފަހަކަށް އައިސް ކްރިކެޓުގެ ފޯރީގެ ހިޔަނި ފުޓްބޯޅަ އަށް ވަނީ އެޅިފަ އެވެ. އެކަމަކު އާބާދީ ބޮޑު ގައުމުތަކުގައި ފުޓްބޯޅަ އާލާކުރަން ފީފާ އިން ކުރާ މަސައްކަތުގެ ތެރެއިން ބަންގްލަދޭޝާ މެދު ހާއްސަ ނަޒަރަކުން ފީފާ އިން ދެކޭ ކަމަށް ބެލެވެ އެވެ. ފީފާ އިން އަންނަނީ އިންޑިއާގައި ވެސް ފުޓްބޯޅައިގެ ފޯރިގަދަކުރަން އެހީތެރިވަމުންނެވެ.