ރީތި ކައިޓްސްގެ އެމްބެސަޑަރަކަށް އައްކަޅޭ
ރީތި ކައިޓްސްގެ އެމްބެސަޑަރަކަށް އައްކަޅޭ

ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުގައި ކައިޓް ސާފިންގެ ކުޅިވަރު ޕްރޮމޯޓް ކުރުމުގައި ކުރިއެރުންތަކެއް ހޯދަމުން އަންނަ ރީތި ކައިޓްސްގެ އެމްބަސަޑަރަކަށް ރާއްޖޭގެ ވޮލީބޯޅައިގެ މަގުބޫލު ތަރިއެއް ކަމަށްވާ އަޝްފާގު އާދަމް (އައްކަޅޭ) ހަމަޖައްސައިފި އެވެ.

ރީތި ކައިޓްސްގެ އެމްބެސަޑަރަކަށް އައްކަޅޭ
ރީތި ކައިޓްސްގެ އެމްބެސަޑަރަކަށް އައްކަޅޭ

ގައުމީ ވޮލީ ޓީމަށް 12 އަހަރު ކުޅުނު އައްކަޅޭ އަކީ މި ފަަހަރުގެ އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތުގެ ރަނަރަޕްކަން ރީތި ރަށަށް ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިޔެކެވެ. ގައުމީ ޓީމުގައި މި ވަގުތު ނުހިމެނުނު ކަމުގައި ވިޔަސް އޭނާ އަންނަނީ ހުރިހާ މުބާރާތްތަކުގައި ކުޅެމުންނެވެ. ބީޗް ވޮލީ ބޯޅައިގައި ވެސް ފާހަގަކޮށްލެވޭ އައްކަޅޭ އަކީ ގައުމީ ޗެމްޕިއަނެކެވެ.

ރީތި ކައިޓްސް އިން ބުނީ އައްކަޅޭ އެމްބެސަޑަރަކަށް ހަމަޖެއްސީ ގިނަ ގޮތްގޮތުން ވިސްނުމަށް ފަހު އޭނާ އަކީ ރާއްޖޭގެ ކުޅިވަރުގައި މަގުބޫލު ފަރާތަކަށްވުމާއި މި ކުޅިވަރު އިތުރަށް ޕްރޮމޯޓް ކުރުމަށެވެ.

"ހަގީގަތުގައި އައްކަޅޭ ވެސް ބޭނުންވޭ މި ކަމުގައި ބައިވެރިވަން. ރިސޯޓަށް އައިސް ހުރިއިރު އޭނާގެ ޝައުގުވެރިކަން މިކަމަށް ހުއްޓުނީ. ދެން މީގައި ދޭން ބޭނުންވާ މެސެޖަކީ އެހެން ކުޅިވަރުގައި އުޅޭ ފަރާތްތަކަށް ވެސް މީގެ ބައިވެރިވެވޭނެކަން. މިއީ ކޮންމެ މީހަކަށް ވެސް އޮތް ކުޅިވަރެއްކަން،" ރީތި ކައިޓްސް އިން ބުންޏެވެ.

ރީތި ކައިޓްސް ޕްރޮމޯޓް ކުރުމުގައި ވެސް އައްކަޅޭ ބައިވެރިވާއިރު، އޭނާ ހިމެނޭގޮތަށް އެކި ޕްރޮގްރާމްތައް ވެސް ވަނީ ހިންގަން ނިންމައިފަ އެވެ.

ރީތި ރަށުގެ ސްޓާފުންނާއި މެނޭޖްމަންޓްގެ ހިއްސާއާ އެކު 2016 ވަނަ އަހަރު ފެށި ރީތި ކައިޓްސް އިން އަންނަނީ ތަފާތު ޕްރޮގްރާމްތައް ހިންގަމުންނެވެ. އެ ގޮތުން މިހާތަނަށް ވަނީ ތިން ޕްރޮގްރާމެއް ހިންގައިފަ އެވެ. އޭގެ ތެރޭގައި ކ. ގާފަރަށް ކައިޓްގައި ގޮސް އެ ރަށުގައި އެންވާރްމަންޓާއި ލައިފްގާޑް ޕްރޮގްރާމެއް ހިންގުމާއި ރީތި ކައިޓްސް އާއި ހުޅުމާލޭ ވޯޓަ ސްޕޯޓްސް ގުޅިގެން ސްރީލަންކާގެ ކަލްޕިޓިޔާގައި ހިންގި ހަތް ދުވަހުގެ ކައިޓް ކޭމްޕް އެކެވެ. މީގެ އިތުރުން ވެސް އެކި އިޖުތިމާއީ ހަރަކާތްތައް ވަނީ ހިންގައިފަ އެވެ.

ޒުވާން އެތުލީޓުންނަށް ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ރީތި ކައިޓްސް އިން ވަނީ ބ. ފެހެންދޫގައި އަރަމުން އަންނަ ކައިޓް ސާފަރު ސިނާން ލަތީފް ސްޕޮންސަކޮށްފަ އެވެ. އޭނާ އަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭން ރީތި ކައިޓްސް އިން ވަނީ ނިންމައިފަ އެވެ.