18 އޮކްޓޯބަރ 2019 - 10:00

އެންމެ ކުޑައިރުއްސުރެ ވެސް އިންޑިއާގެ ކްރިކެޓް ކެޕްޓަން ވިރާތު ކޯލީގެ ޝައުގުވެރިކަން ފުޓްބޯޅަ އަށް ހުރެ އެވެ. އިންޑިއާ އަކީ ކްރިކެޓަށް މަރުދޭ ގައުމެކެވެ. ވިރާތުގެ އާއިލާގައި އޮތީ ވެސް އެ ޖޯޝެވެ. އެކަމަކު އޭރުގައި ވެސް ވިރާތު ހިތުގައި ފުޓްބޯޅަ އަށް އޮތް މުހިއްމުކަން ވަކި ކުޑައެއް ނޫނެވެ. އެކަމަށް ބާރުލިބޭ އެންމެ ބޮޑު ސަބަބަކީ އޭނާ ކުރިމަގު ބައްޓަން ކުރާ ހުރިހާ ކަމެއްގައި ފުޓްބޯޅައާ ގުޅުން ހުރި ގިނަ ކަންތައްތަކެއް ހިމެނޭތީ އެވެ.

ދިއްލީ 15 އަހަރުން ދަށުގެ ކްރިކެޓް ޓީމަށް އެންމެ ފުރަތަމަ ކުޅެން ފަށައި އެ ޓީމުގައި އޭނާ ހޯދަމުން އައި ކުރިއެރުން ފެނި 2006 ވަނަ އަހަރު އިންޑިއާގެ 19 އަހަރުން ދަށުގެ ޓީމުގައި އޭނާ ހިމެނި އެވެ. އެ އަހަރު ގިނަ ބަޔެއްގެ ސަމާލުކަމަށް އުމުރުން 18 އަހަރުގެ ވިރާތު އައީ އޭނާގެ ބައްޕަ މަރުވި ދުވަހު އޮތް މެޗުގައި ކުޅެ 90 ލަނޑު އެއް ކުރުމުންނެވެ. އަދި އޭނާ ނުބައިވުމާ އެކު ބައްޕަގެ ޖަނާޒާގެ ކަންތައްތަކުގައި ބައިވެރިވި އެވެ. އެކަމާ ބެހޭގޮތުން ވިރާތު ބުނީ "ބައްޕަ ހުރިނަމަ ބޭނުންވާނީ އޭނާ މެޗުގައި ކުޅުން" ކަމަށެވެ.
އޭގެ ދެ އަހަރު ފަހުން 2008 ވަނަ އަހަރު ވިރާތުގެ ކެޕްޓަންކަމުގައި އިންޑިއާ އިން 19 އަހަރުން ދަށުގެ ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބުކުރި އެވެ. އެ އަހަރު އިންޑިއާ ސީނިއާ ޓީމުގައި ހިމެނުނު ވިރާތު ވަނީ ފަހުން 2011 ވަނަ އަހަރު ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމުގައި ވެސް ހިމެނިފަ އެވެ. ގިނަ ރެކޯޑްތަކެއް މުގުރާލި ވިރާތު އިންޑިއާގެ ކެޕްޓަނަކަށް ހަމަޖެއްސީ 2013 ވަނަ އަހަރު އެވެ.
ކްރިކެޓްގެ ދުނިޔޭގައި ފިޔަ ޖަހަމުންދިޔަ ނަމަވެސް ވިރާތު ފުޓްބޯޅަ އަށް އޮތް ޝައުގުވެރިކަން އިތުރަށް މީހުންނަށް ފާހަގަވާން ފެށީ 2014 ވަނަ އަހަރު ގޯއާ އެފްސީގެ އެއް ހިއްސާދާރަށް އޭނާ ވި ހިސާބުންނެވެ. ގޯއާ ޓީމުގައި މަސައްކަތްކުރަމުން ވިރާތު ދާދި ފަހުން ވަނީ އެތުލީޓް ޑިވެލޮޕްމަންޓް ޕްރޮގްރާމް ނަމުގައި ޕްރޮޖެކްޓެއް ފަށައިފަ އެވެ.
"އަހަރެން ބޭނުމީ މި ޕްރޮގްރާމްގެ ތެރެއިން ކުޅުންތެރިން އުފެދި ގޯއާ ޓީމަށް ވެސް ކުޅެ އަދި ގައުމީ ޓީމަށް ވެސް ކުޅެން. އެއީ އަހަރެންގެ ޝައުގުވެރިކަން ހުރި އެންމެ ބޮޑު ކަންތައްތައް. އަހަރެންގެ ހަކަތަ މި ކަމަށް ހުސްކުރަނީ ވެސް އެ ޝައުގުވެރިކަމަށްޓަކައި،" ޓައިމްސް އޮފް އިންޑިއާ އަށް ދިން ހާއްސަ އިންޓަވިއުއެއްގައި އޭނާ ބުންޏެވެ.
އުމުރުން 30 އަހަރުގެ ވިރާތު ބުނީ އިންޑިއާގައި ކްރިކެޓަށް ވެސް ބޮޑު ލީގެއް އޮއްވައި އޭނާ ގޯއާގެ ފުޓްބޯޅަ ޓީމަށް ހަރަދުކުރަން ބޭނުންވީ ފުޓްބޯޅަ އަށް އެ ސިޓީގައި އޮތް ލޯބި ފެނިފައި ކަމަށެވެ. އަދި ވަކި ކުޅިވަރަކަށް އޮތް ލޯބި ބަދަލުކުރުމަކީ އޭނާ ކުޅިވަރުގެ މީހެއްގެ ގޮތުގައި ހުރެ ކުރުން އެންމެ ރަނގަޅު ކަމަކަށްނުވާނެ ކަަމަށް ބުންޏެވެ.
"އެއްވެސް ކުޅިވަރަކަށް އޮތް ސަޕޯޓް ކުޑަކުރާކަށް ނުވާނެ. ކުޅިވަރަކީ ގައުމެއް ތަރައްގީ ކުރުމުގައި ވެސް މުހިއްމު ރޯލެއް ކުޅޭ ކަމެއް. ސަޕޯޓަރުންނަކީ އޭގެ އެންމެ މުހިއްމު ބައި. ކުރިއަރުވަންޏާ ކޮންމެ ކުޅިވަރެއް ވެސް ކުރިއަރުވަންވީ. ކްރިކެޓަށް އޮތް ސަޕޯޓަކީ ފުޓްބޯޅަ ކުރިއަރުވަން އޮތް ހުރަހަކަށްވެގެން ނުވާނެ. ސަޕޯޓަރުންގެ މެދުގައި އެ ކުޅިވަރަކަށް އޮތް ފޯރި ދިރުވަންވީ. ފާޑުކިިޔުމާއި ހުރިހާ ކަމަކީ ކުޅިވަރު ކުރިއެރުވުމުގައި އަންނާނެ ކަންތައްތައް. މުހިއްމީ ކުރާ ރަނގަޅު މަސައްކަތް ހުއްޓާނުލުން. ފުޓްބޯޅަ ވެސް ކްރިކެޓް ވެސް އެހެން ކުޅިވަރުތައް ވެސް ކުރިއަރުވަންވީ. ބަލަންޖެހޭނީ އެކަމަށް އެތަނެއްގައި އެ ބައެއްގެ މެދުގައި އޮތް ސަޕޯޓަށް،" ވިރާތު ބުންޏެވެ.
އިންޑިއާގެ ކްރިކެޓް ކުޅުންތެރިން ވެސް ބައެއް ކަންކަމުގައި އެހެން ކުޅިވަރު ތަރިންގެ ކިބައިން މިސާލު ނަގަ އެވެ. ވިރާތު ބުނީ ފުޓްބޯޅަ ތަރިންގެ ފަރާތުން އެންމެ ބޮޑަށް ބަލާ އެއް ކަމަކީ ޑިސިޕްލިން އާއި އެކަަމަށް ބަހައްޓާ އަހައްމިއްޔަތުކަމެވެ.
"ކޮންމެ ކުޅިވަރެއް ކުޅުނު ކަމުގައި ވިޔަސް އެންމެ މުހިއްމު ކަމަކީ ދަނޑަށް އަރާއިރު އެންމެ ފުރިހަމަ އަށް ތައްޔާރުވެ ހުރުން. އެ ޑިސިޕްލިންގައި ނުކުންނަން ބަލާއިރު އަހަރެމެން ބަލަނީ ފުޓްބޯޅަ ކުޅުންތެރިންނަށް. އިންޑިއާ ފުޓްބޯޅަ ކުޅުންތެރިން ވަރަށް ޕްރޮފެޝަނަލް. ފިޒިކަލީ ތައްޔާރުވުމާއި ކެއުމުގެ ކަންތައްތައް ބައްޓަންކުރާގޮތް. އަރާމްކުރުމުގައި ގެންގުޅޭ އުސޫލު. މި ކަންކަމަށް ސަމާލުކަން ދޭންވީ ގޮތް ފުޓްބޯޅަ ކުޅުންތެރިންގެ ފަރާތުން ފެނޭ،" ވިރާތު ބުންޏެވެ.
ފުޓްބޯޅަ ކުޅުންތެރިންގެ ތެރެއިން ވިރާތު އެންމެ ސަޕޯޓްކުރާ ދެ ކުޅުންތެރިއަކީ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ބްރެޒިލްގެ ކުރީގެ ފޯވާޑް ރޮނާލްޑޯ ނަޒާރިއޯ އެވެ. ވިރާތަށް އެންމެ ކަމުދަނީ މިހާރުގެ ރޮނާލްޑޯ އެވެ. އެއީ އެތުލީޓެއްގެ ސިފައިގައި އަމިއްލަ މަސައްކަތުން ކުޅިވަރުގެ ތެރެއިން ގިނަ ފާޑުކިޔުންތަކާ އެކު ވެސް ރޮނާލްޑޯ ކުރާ މަސައްކަތުގެ ސަބަބުންނެވެ.