18 އޮކްޓޯބަރ 2019 - 10:01

މެންޗެސްޓާ (އޮކްޓޫބަރު 18) - ވޭތުވެދިޔަ 30 އަހަރުތެރޭ މެންޗެސްޓާ ޔުނައިޓެޑުން އެންމެ ދަށްކޮށް ފެށި ސީޒަނުގެ ގޮތުގައި މި ސީޒަން ވެފައިވީ ނަމަވެސް އެ ޓީމުގައި އޭނާގެ ވަޒީފާ ދެމެހެއްޓޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފި އެވެ.
ލީގުގެ ފުރަތަމަ އަށް މެޗުން ޔުނައިޓެޑަށް ނުވަ ޕޮއިންޓް ލިބިފައިވާއިރު، މިހާ ދަށްކޮށް އެ ޓީމުން ސީޒަނެއް ފެށީ 1989-1990 ވަނަ އަހަރުގެ ލީގުގަ އެވެ. ރެލިގޭޝަން ޒޯނަށް ވުރެ ދެ ޕޮއިންޓް ކުރީގައި ޔުނައިޓެޑް އޮތްއިރު، މިއީ އިނގިރޭސި ޕްރިމިއާ ލީގު ފެށި ފަހުން ޔުނައިޓެޑްގެ އެންމެ ދަށް ސީޒަނެވެ.
ޔުނައިޓެޑްގެ ކޯޗުކަމާ ވަގުތީ ގޮތުން މިދިޔަ ޑިސެމްބަރު މަހު ހަވާލުވުމަށް ފަހު ފުރަތަމަ މެޗުތަކުގައި ރަނގަޅު ނަތީޖާތަކެއް ސޯލްޝެއާ ނެރުނެވެ. އެކަމަކު އެއްބަސްވުން ދާއިމީކުރުމަށް ފަހު ފެންނަނީ ވަރަށް ބޮޑަށް ފޯމު ގެއްލިފައިވާ ތަނެވެ. އިނގިރޭސި ބައެއް މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި ލީގުގައި އާދިއްތަ ދުވަހު އަމިއްލަ ދަނޑުގައި ލިވަޕޫލް އަތުން ޔުނައިޓެޑް ބަލިވެއްޖެނަމަ ސޯލްޝެއާ އަށް ޔުނައިޓެޑްގެ ކޯޗުކަން ގެއްލުމުގެ ފުރުސަތު ބޮޑެވެ.
ސޯލްޝެއާ ބުނީ ޔުނައިޓެޑްގެ ބޯޑުން އޭނާ އަށް އިތުބާރުކުރާކަން އަބަދު މީޑިއާގައި ބުނަން ނުޖެހޭ ކަމަށާއި ޔުނައިޓެޑާ އެކު އޭނާގެ ވިސްނުން ހުރީ ދިގު މުއްދަތުގެ ޕްރޮޖެކްޓަކަށް ކަމަށެވެ.
"ކްލަބްގެ ވެރިންނާއި ޗީފް އެގްޒެކްޓިވް އެޑް (ވުޑްވާޑް)އާ އެކު އަހަރެން ވާހަކަ ދައްކައިފިން. އަހަރެން މިހުރީ ތިން އަހަރުގެ ކޮންޓްރެކްޓެއްގައި. މަސައްކަތް މި ކުރެވެނީ ދިގު މުއްދަތުގެ ޕްރޮޖެކްޓަކަށް،" ސްކައިސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ސޯލްޝެއާ ބުންޏެވެ. "އަހަންނަށް 100 ޕަސެންޓް ޔަގީން މި ޓީމުގެ ޕްލޭން އޮތީ ރަނގަޅަށްކަން. މެޗެއް ދެ މެޗަކުން ނަތީޖާ ގޯސްވުމަކީ ކޮންމެ ފަހަރަކު އަހަރެންގެ މުސްތަގުބަލާ މެދު އޮތް ޔަގީންކަން ދޭން ޖެހޭ ސަބަބެއް ކަމަށް ނުދެކެން."
ޔުނައިޓެޑަށް މި ފަހަރުގެ ސީޒަނުގައި އެންމެ ބޮޑަށް މައްސަލަ ދިމާވަނީ އެޓޭކްގަ އެވެ. އިންޓަ މިލާނަށް އަލެކްސިސް ސަންޗޭޒާއި ރޮމެލޫ ލުކާކޫ ދޫކޮށްލުމަށް ފަހު ބަދަލުގައި ކުޅުންތެރިން ނުގެނައުމަކީ ސޯލްޝެއާ ހެދި ގޯހެއް ކަމަށް އިނގިރޭސި ތަޖުރިބާކާރުން ބުނެ އެވެ. އެކަމަކު ސޯލްޝެއާ ބުނީ ސަންޗޭޒާއި ލުކާކޫ ދޫކޮށްލަން ނިންމީ ރަނގަޅަށް ކަމަށެވެ.
މި ފަހަރުގެ ސީޒަނަށް ޔުނައިޓެޑުން ވަނީ 148 މިލިއަން ޑޮލަރު ހަރަދުކޮށްފަ އެވެ. ސޯލްޝެއާ ބުނީ ޓީމު ވަރުގަދަ ކުރުމުގެ މަސައްކަތް ކުރިއަށް އޮތް ކޮންމެ ޓްރާންސްފާ މާކެޓެއްގައި ކުރާނެ ކަމަށާއި ޖެނުއަރީ ޓްރާންސްފާގައި ވެސް ޔުނައިޓެޑުން ހަރަދުކުރާނެ ކަމަށެވެ.
ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗަށް ނުކުންނައިރު ޔުނައިޓެޑްގެ މުހިއްމު ބައެއް ކުޅުންތެރިން ހުރީ އަނިޔާގަ އެވެ. ރިޕޯޓްތައް ބުނާގޮތުން ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗުގައި ގޯލްކީޕަރު ޑޭވިޑް ޑެހެއާ އާއި ޕައުލް ޕޮގްބާ އަށް ނުކުޅެވޭނެ އެވެ. އެކަމަކު އެންތަނީ މާޝިއަލް އާއި އާރޮން ވަން ބިސާކާ އަށް ކުޅެވުމުގެ ކޮންމެވެސް ފުރުސަތެއް އެބައޮތެވެ.