25 ސެޕްޓެމްބަރ 2016 - 12:44

ކޮލަމްބޯ (ސެޕްޓެމްބަރު 25) - ސްރީ ލަންކާގެ ބައެއް ސްކޫލްތަކަށް ކުދިން ބަލާ ބެލެނިވެރިން ދާއިރު ވަކި ގޮތަކަށް ހެދުން އަޅައިގެން ތިބެން ނޭންގޭނެ ކަމަށް އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވެއްޖެ އެވެ.

އެޑިއުކޭޝަން މިނިސްޓަރު އަކިލާ ވިރާޖް ކަރިޔަވަސަމް މިހެން ވިދާޅުވެފައި ވަނީ ލަންކާގެ އަމިއްލަ ބައެއް ސްކޫލްތަކަށް ކުދިން ގެންދާއިރާއި ބަލާ ދާއިރު ބެލެނިވެރިން ވަކި ގޮތަކަށް ހެދުން އަޅަން ޖެހޭ ކަމަށް ބުނެ ޕޯސްޓަރުތަކެއް އެ ސްކޫލްތަކުގައި ބެހެއްޓި މައްސަލައިގެ ބަހުސް ހޫނުވެފައި ވަނިކޮށެވެ. ސްކޫލްތަކުގައި ބެހެއްޓި ނޯޓިސްގައި ބުނެފައި ވަނީ ކުދިން ބަލާ އަންނަ އިރު ބެލެނިވެރިން ތިބެން ޖެހޭނީ ސާރީ ނުވަތަ ދޫ ހެދުމެއް ލައިގެން ކަމަށެވެ. އަދި ސްކާޓާއި އަތް ކަނޑާފައި ހުންނަ ހެދުން ނުލެވޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
މިނިސްޓަރު ކަރިޔަވަސަމް ވިދާޅުވީ ޑްރެސް ކޯޑް މައްސަލާގައި ވަރަށް ގިނަ ބެލެނިވެރިން އޭނާ އަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ.
"ޑްރެސް ކޯޑުގެ ސަބަބުން ވަރަށް ގިނަ ބެލެނިވެރިންނަށް އުނދަގޫވޭ. އޮފީސްތަކަށް ދާ ގިނަ ބެލެނިވެރިން ސާރީއެއް ނާޅާ. ބައެއް މީހުން ތިބެނީ ޔުނިފޯމުގައި. ސްކޫލަށް ދަރިފުޅު ގެންދިއުމަށް ސާރީ ލާފައި އަނެއްކާ ހެދުން ބަދަލުކޮށްގެން އޮފީހަށް ދިއުން އެއީ ފަސޭހަ ކަމެއް ނޫން،" މިނިސްޓަރު ކަރިޔަވަސަމް ބީބީސީ އަށް ވިދާޅުވި އެވެ. "ބެލެނިވެރިން ހެދުން އަޅަންވީ ގޮތް ސްކޫލްތަކަށް ނުނިންމޭނެ."
ކަރިޔަވަސަމް ވިދާޅުވީ ބެލެނިވެރިން ވަކި ގޮތަކަށް ހެދުން އަޅަން މަޖްބޫރު ނުކުރެވޭނެ ކަމަށް ބުނެ ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް ސާކިއުލާއެއް މިހާރު ފޮނުވާފައިވާ ކަމަށެވެ.
"ސްކޫލުތަކަށް ދާއިރު ހެދުން އަޅަންވީ ގޮތް ބެލެނިވެރިންނަށް އެނގޭނެ. ސްކޫލް މާހައުލާ ގުޅޭ ކޮންމެ ހެދުމެއް ވެސް ރަނގަޅުވާނެ،" ކަރިޔަވަސަމް ވިދާޅުވި އެވެ. "ދުނިޔެ މިވަނީ ބަދަލުވެފައި. އެގޮތަށް އަޅުގަނޑުމެން ވެސް ހޭނެންވާނެ. އާއްމުންނަށް އުނދަގޫ ކުރުމުގެ ބަދަލުގައި ފަސޭހަވާނެ ގަވާއިދުތައް ހަދަން ޖެހޭނީ."
ބެލެނިވެރިން ވަކިގޮތަކަށް ހެދުން އަޅަން ޖެހޭނެ ކަމަށް ބުނެ މިދިޔަ ހަފުތާގައި ނޯޓިސް ނެރެފައި ވަނީ ކޮލަމްބޯގެ ސެއިންޓް ޖޯސެފް ކޮލެޖާއި ސެއިންޓް ޕީޓާސް ކޮލެޖުންނެވެ. ބެލެނިވެރިންނަށް ނުލެވޭނެ 16 ހެދުމެއް ޕޯސްޓަރުގައި ވަނީ ފާހަގަކޮށްފަ އެވެ.
ޑްރެސް ކޯޑުގެ ދިފާއުގައި ޚިޔާލު ފާޅުކުރި ޓީޗަރަކު ބުނީ އެގޮތަށް ވަކި ކޯޑެއް ހަމަޖައްސަން ޖެހުނީ ފިރިހެން ކުދިންގެ ސްކޫލްތަކަށް ދާ އަންހެން ބެލެނިވެރިން އެކަށީގެން ނުވާ ގޮތަކަށް ހެދުން އަޅައިގެން ތިބޭތީ ކަމަށެވެ.