18 އޮކްޓޯބަރ 2019 - 10:01

މެޑްރިޑް (އޮކްޓޫބަރު 18) - ސްޕެނިޝް ލީގުގެ ބައެއް މެޗުތައް އެމެރިކާގައި ކުޅެން ކުރި ހިޔާލު، މައްސަލަ ބޮޑުވެގެން ހުއްޓާލާފައިވަނިކޮށް އަލުން އެ މަޝްވަރާތައް ފަށައި ބައެއް ކްލަބްތަކުން އެކަމަށް ތާއީދުކުރާ ކަމަށް ސްޕެނިޝް ލީގު އިންތިޒާމްކުރާ އެލްއެފްޕީން ބުނެފި އެވެ.
ސްޕެނިޝް ލީގުގެ ބައެއް މެޗުތައް އެމެރިކާގައި ކުޅުމަށް މިދިޔަ އަހަރު މަޝްވަރާކޮށް ކުރިއަށް އޮތް 15 އަހަރަށް ބަހާލައިގެން ސީޒަނަކު އެއް މެޗު އެމެރިކާގައި ކުޅެން ރޭވި ނަމަވެސް އެކަން އޭރު ހުއްޓާލަން ޖެހުނީ ސްޕެއިނުގެ ފުޓްބޯޅަ ކުޅުންތެރިންގެ ޔޫނިއަން އާއި ސްޕެއިނުގެ މަޝްހޫރު ބައެއް ކްލަބްތަކުގެ އިތުރުން ފީފާ އިން އެކަމުގެ ތެރެއަށް ވަނުމުންނެވެ. އެކަމާ ދެކޮޅަށް އޭރު ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވެސް ވަނީ ވާހަކަ ދައްކަވައިފަ އެވެ. އެއާ އެކު އެމެރިކާގެ ފުޓްބޯޅަ ފެޑެރޭޝަނުން ވެސް އެކަމާ ދެކޮޅަށް ވާހަަކަ ދެއްކި އެވެ.
އެކަމަކު މާލީ ގޮތުންނާއި އެހެނިހެން ގޮތުން ވެސް ވާނެ ފައިދާތަކަށް ބެލުމަށް ފަހު ސްޕެއިންގެ ބައެއް ކްލަބްތަކުން ވަނީ އެމެރިކާގައި މެޗުތައް ކުޅެން ބޭނުންވާ ކަމަށް ބުނެ އެކަން އެލްއެފްޕީ އަށް އަލުން އަންގައިފަ އެވެ. އެ ގޮތުން އެތުލެޓިކޯ މެޑްރިޑާއި ވިޔަރެއާލް އަންނަ ޑިސެމްބަރު މަހު ހަ ވަނަ ދުވަހު ކުޅެން ރާވާފައިވާ މެޗު މިއާމީގައި ހުންނަ ޑޮލްޕިންސް ހާޑް ރޮކް ސްޓޭޑިއަމްގައި ކުޅެން ވަނީ ޕްރޮޕޯސަލެއް ހުށަހަޅައިފަ އެވެ.
އެ ދެ ކްލަބްގެ މި ހުށަހެޅުމާ އެކު އެލްއެފްޕީން ވަނީ އެކަމުގައި ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ހުއްދަ އަކަށް އެދިފަ އެވެ.
ލަލީގާގެ ރައީސް ހަވިއޭ ޓެބާސް ވިދާޅުވީ އެތުލެޓިކޯ އާއި ވިޔަރެއާލުން މި ކަމަށް އެއްބަސްވެ ކުރިއަށް ނުކުރުމަކީ އުފާކުރާކަމެއް ކަމަށާއި މީގެ ސަބަބުން ބައިނަލްއަގުވާމީ ގޮތުން ސްޕެނިޝް ލީގު ބްރޭންޑަކަށް ހެދުމަށް ކުރާ މަސައްކަތް ފަސޭހަވެގެންދާނެ ކަމަށެވެ.
"ބޯޑަރުގެ އެކޮޅުގައި އެހެން ގައުމުތަކުގައި އެންއެފްއެލް (އެމެރިކަން ފުޓްބޯލް) އާއި އެންބީއޭ (ބާސްކެޓް) ވެސް އެބަކުޅޭ. ފުޓްބޯޅައިން ވެސް މި ފަދަ ފުރުސަތުތައް އޮންނަން ޖެހޭ. މިއީ މި ކުޅިވަރު ޕްރޮމޯޓްކުރަން ކުރެވޭ ކަމެއް،" ޓެބާސް ވިދާޅުވި އެވެ.
އެތުލެޓިކޯގެ ޗީފް އެގްޒެކްޓިވް މިގޭލް އެންހެލް ޖިލް މަރިން ވިދާޅުވީ އެހެން ގައުމުތަކުގައި ތިބި ސްޕެއިން ފުޓްބޯޅައިގެ ސަޕޯޓަރުންނާ ވީހާވެސް ގާތަށް މެޗުތައް ގެންގޮސްދޭން މަަސައްކަތްކުރަންޖެހޭ ކަމަށާއި އެ ފަދަ ތަފާތު ނިންމުމަކަށް މަރުހަބާ ކިޔަން އެދޭ ކަމަށެވެ.
ލަލީގާގެ މެޗުތައް އެމެރިކާގައި ކުޅެން މިކުރާ މަސައްކަތަށް ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަންގެ ރުހުން ލިބުނަސް އެ ހިސާބުން ހުރިހާ ކަމެއް ފުރިހަމަނުވާނެ އެވެ. އެއީ އެކަމަށް ޔުއެފާގެ އިތުރުން އުތުރު އެމެރިކާ އާއި ދެކުނު އެމެރިކާގައި ހަދާފައިވާ ފުޓްބޯޅަ ފެޑެރޭޝަންތަކުގެ ރުހުން ހޯދަންޖެހޭނެތީ އެވެ.
ބާސެލޯނާ ސަރަހައްދުގައި ހަމަނުޖެހުންތަކެއް ހިނގަމުންދާ ދުވަސްވަރަކަށްވާތީ މި މަހު 26 ވަނަ ދުވަހު އެ ސިޓީގައި ބާސެލޯނާ އާއި ރެއާލް މެޑްރިޑް ބައްދަލުކުރާ އެލް ކްލަސިކޯ މެޗު ފަސް ކުރަން ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ނިންމައިފަ އެވެ. އެލްއެފްޕީން ހުށަހެޅީ މި މަހު 26 ވަނަ ދުވަހުގެ މެޗު ރެއާލް ދަނޑުގައި ކުޅޭގޮތަށް ބަދަލުކުރާށެވެ. އެހެން ނަމަވެސް ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަނުން އެ ގޮތަށް ބޭނުމެއްނުވި އެވެ. މިހާރު އޮތްގޮތުން ސީޒަނުގެ ފުރަތަމަ ކްލަސިކޯ ކުޅޭނެ ކަމަށް ބެލެވެނީ އަންނަ ޑިސެމްބަރު މަހު ހަތެއް ނޫނީ 18 ވަނަ ދުވަހު އެވެ.