17 އޮކްޓޯބަރ 2019 - 22:00

މާލޭގައި ބިދޭސީން ދިރިއުޅޭ ގެެއެއްގައި މީހަކު ރަހީނުކޮށްގެން އުޅެނިކޮށް ފުލުހުން އެ މީހާ ސަލާމަތްކޮށްފި އެވެ.
ފުލުހުން ބުނީ ބަންގަލަދޭޝް މީހަކު ރަހީނުކޮށް އެ މީހާގެ އަތުން ފައިސާ ހޯދަން އުޅޭ ކަމުގެ މައުލޫމާތު ލިބުނީ މިއަދު ހަވީރު ފަހެއް ޖަހާކަން ހާއިރު ކަމަށާއި އެ މައުލޫމާތު ލިބުމުން ފުލުހުން ގޮސް އެ މީހާ ސަލާމަތްކޮށްފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން ބަންގްްލަދޭޝްގެ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.
ރަހީނުކުރި މީހާއަށް އަނިޔާކޮށްފައިވާކަން ނުވަތަ ނޫންކަމެއް އަދި ނޭނގެ އެވެ. އެ މައްސަލަ ފުލުހުން މިހާރު ގެންދަނީ ތަހުގީގުކުރަމުންނެވެ.
މާލޭގެ ގެއެއްގައި ބިދޭސީއަކު ރަހީނުކޮށްގެން އުޅުނު މައްސަލައެއް މިދިޔަ ސެޕްޓެމްބަރު މަހު ވެސް ފުލުހުން ބެލި އެވެ. ރަހީނު ކުރި މީހާ އެ ފަހަރު ސަލާމަތްވީ އަމިއްލަ އަށެވެ. ފުލުހުން އޭރު ބުނިގޮތުގައި، ރަހީނުކުރި މީހުންގެ ކިބައިން ސަލާމަތް ވުމުން، އެ މީހުންނަށް ފިލައިގެން ގޮސް އެ މީހާ ވަނީ ފުލުސް އޮފީހަށް ހާޒިރުވެ، އެކަން ހިނގި ގޮތް ތަފްސީލުކޮށް ކިޔައިދީފަ އެވެ.