17 އޮކްޓޯބަރ 2019 - 16:29

އަމިއްލަ އެދުމަށް ވުރެ ރައްޔިތުންގެ ބޭނުންތަކަށް ފުލުހުން އިސްކަން ދޭން ޖެހޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ފުލުހުންނަށް ޝަރަފްގެ ނިޝާނާއި ކުލަ ދިނުމަށް އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ފުލުހުންގެ މުއައްސަސާގެ ތެރެއިން ކުރިއަރައިގެން ދާން ވާނީ ރައްޔިތުންގެ އެދުމާއި އުންމީދުތައް އިސްކުރާ ބައެއްގެ ގޮތުގައި ކަމަށެވެ. އަދި ފުލުހުންގެ މުއައްސަސާގެ އިތުބާރު ދެމެހެއްޓުމުގެ މުހިއްމުކަމާ މެދު ވެސް މިނިސްޓަރު ވާހަކަދެއްކެވި އެވެ.
މި ރަސްމިއްޔާތުގައި ޕްރޮމޯޓްވި ފުލުހުންނަށް އިޝާރާތްކުރައްވާ މިނިސްޓަރު އެދިވަޑައިގަތީ، އެ އެކަންތައްތައް ދަމަހައްޓަން އެ ބޭފުޅުން ހާއްސަ ސަމާލުކަމެއް ދެއްވުމަށެވެ.
"މި ސިފަ އަށަގަންނުވައިގެން ކުރިއަށްދާ ނަމަ އަޅުގަނޑުމެންގެ ތެރޭގައި އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ކިބައިން ރައްޔިތުން އުއްމީދުކުރާ ޝަރަފްވެރި، އަބުރުވެރި، އިއްޒަތްތެރި މުއައްސަސާއެއްގެ ގޮތުގައި މި މުއައްސަސާ ވެގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ފުލުހުންގެ މުއައްސަސާ ހިންގަނީ ރައްޔިތުންގެ ފައިސާ އިން ކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ރައްޔިތުންގެ ސަލާމަތާއި ސުލްހަ މަސަލަސްކަން ދަމަހައްޓަން ފުލުހުންގެ އޮންނަ ޒިންމާ ބޮޑު ކަމަށެވެ. އަދި ދަތި ހާލަތެއް ދިމާވާވާ ވަގުތު އެންމެ ފުރަތަމަ ރައްޔިތުން އެހީއަށް އެދެނީ ފުލުހުންގެ ފަރާތުން ކަމަށް ވުމުން، ރައްޔިތުންގެ ބޭނުންތަކަށް އަވަހަށް ރެސްޕޮންޑްކުރަން ޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ކޮންމެ ފުލުހަކު ވެސް ވިސްނަންޖެހެނީ ތިމާއާ ކިހާވަރެއްގެ ޒިންމާއެއް، މަސްއޫލިއްޔަތެއްތޯ ހަވާލުކުރެވިފައިވަނީ. ޝަރަފާއެކުގައި މި ޒިންމާ އެންމެ ހެޔޮގޮތުގައި އަދާކޮށްދެވޭނީ އަޅުގަނޑުމެންގެ މުއައްސަސާ އަށް،" މިނިސްޓަރު ވިދާޅުވި އެވެ.