17 އޮކްޓޯބަރ 2019 - 15:12

މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ގާއިމް ކުރާ ޔުނިފައިޑް ޕޭމެންޓް ގޭޓްވޭގެ ނިޒާމް އަހަރެއްގެ ތެރޭގައި ބޭނުން ކުރަން ފަށާނެ ކަމަށް ގަވަރުނަރު އަލީ ހާޝިމް މިއަދު ވިދާޅުވެއްޖެ އެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މާސްޓާ ކާޑާއި އެމްޕޮސްގެ އިތުރުން ބިޒްނަސް ޑެބިޓް ކާޑު ތައާރަފް ކުރުމަށް ކްރޮސްރޯޑުގައި ބޭއްވި ރަސްމިއްޔާތުގައި އާ ގަވަރުނަރު ވިދާޅުވީ، މި ނިޒާމުގެ އެހީގައި އެއް ބޭންކުން އަނެއް ބޭންކަށް ކުރާ މުއާމަލާތްތައް އަވަސް ވާނެ ކަމަށެވެ.

ޔުނިފައިޑް ޕޭމެންޓުން ރައްކާތެރިކަމާ އެކު، ވަގުތުން ފައިސާ ދެއްކޭނެ އެވެ. އެއާ އެކު، ނަގުދު ފައިސާ އަށް ބަރޯސާ ނުވެ، ޑިޖިޓަލް ނިޒާމެއްގެ ތެރެއިން ފައިސާ ދެއްކޭނެ އެވެ.
މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ހާޝިމް ވިދާޅުވީ، މި ނިޒާމް ގާއިމް ކުރުމަށްޓަކައި ގާނޫނީ ގޮތުން ގެންނަން ޖެހޭ ބަދަލުތަކުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
"...މިއާ އެކު އޮންލައިން ޓްރާންސެކްޝަން އަވަސް ވެސް ވާނެ. މިހާރު ވެސް ބީއެމްއެލް ފަދަ ބޭންކްތަކުން ބަލަނީ ކުރިއަށް ވުރެ ވެސް އަވަސް ކުރުމަށް. އެހެންވީމާ ބެންޗްމާކް ހަނިވަމުން ދަނީ. އެ އަށް ވުރެ ވެސް އަދި ހަނި ކުރަން ބޭނުން. ބޭނުން ދުވާލަކު ހަ ފަހަރު ވިޔަސް ޓްރާންސެކްޝަންތައް އަޕްޑޭޓް ވާން،" ބީއެމްއެލްގެ ހަފުލާގެ އަރިމަތިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން، އެމްޑީޕީގެ ތިން އަހަރުގެ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ކުރިން ކުރެއްވި އަލީ ހާޝިމް ވިދާޅުވި އެވެ.
ޔުނިފައިޑް ޕޭމެންޓް ނިޒާމުގެ ތެރެއިން ފުރަތަމަ ހުޅުވާލަނީ ރުފިޔާ އިން ހިންގާ ޓްރާންސެކްޝަންތަކެވެ. އެހެން ކަމުން ބީއެލްއެލް އިން ތައާރަފްކޮށްފައިވާ މާސްޓާ ކާޑާއި ވިސާ އާއި އެމެރިކަން އެކްސްޕްރެސްގެ ބޭނުން އަދި ކުރަން ޖެހޭނެ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ.
އަލީ ހާޝިމް ވިދާޅުވީ، ޕޭޕާލް ފަދަ ދުނިޔޭގެ މަޝްހޫރު އޮންލައިން ޕޭމެންޓް ސިސްޓަމްތަކަށް ރާއްޖޭގައި ފުރުސަތު ހުޅުވާލުމަށްޓަކައި ގާނޫނާއި ގަވައިދުތައް އިސްލާހު ކުރަން ޖެހޭ ކަމަށާއި ޑިޖިޓަލް ޓްރާންސެކްޝަންތަކާ ގުޅޭ ގަވައިދެއް ވެސް އޮންނަން ޖެހޭ ކަމަށެވެ.
ޕޭމެންޓް ސިސްޓަމެއް ތަރައްގީ ކުރުމުގެ މަސައްކަތް ފެށީ ކުރީގެ ގަވަރުނަރު އަހުމަދު ނަސީރެވެ. މި ނިޒާމު އެކުލަވައިލުމުގައި އެހެން ގައުމުތަކުގައި ވެސް ފައިސާގެ މުއާމަލާތްތައް ހިންގާ ގޮތްތައް ބަލާފައިވެ އެވެ.