25 ސެޕްޓެމްބަރ 2016 - 15:48

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ ދައުވަތަކަށް، އޮމާންގެ ޝޫރާ މަޖިލީހުގެ ރައީސް ހާލިދު ބިން ހިލާލް އަލް މާވަލީ މިއަދު ރާއްޖެ ވަޑައިގެންފި އެވެ.
ރަސްމީ ދަތުރުފުޅެއްގައި ހާލިދު ރާއްޖެ ވަޑައިގަތުމުން، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ) އިން މަރުހަބާ ދެންނެވީ މަސީހާއި މަޖިލިހުގެ އިދާރާގެ އިސްވެރިންނެވެ.
މަޖިލީހުގެ އިދާރާއިން ބުނި ގޮތުގައި ފަސް ދުވަހުގެ މުއްދަތަކަށް އޮމާންގެ މަޖިލީހުގެ ރައީސް ރާއްޖެ އަށް ކުރައްވާ ދަތުރުފުޅުގައި މަސީހުގެ އިތުރުން އިސްލާމިކް މިނިސްޓަރު އަހުމަދު ޒިޔާދާއި އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދާ ބައްދަލު ކުރައްވާނެ އެވެ.
އަދި އިސްލާމިކް ޔުނިވާސިޓީ އާއި އިސްލާމީ މަރުކަޒަށް ހާލިދު ޒިޔާރަތް ކުރައްވާނެ ކަމަށް ވެސް މަޖިލީހުން ބުންޏެވެ.
މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ހާލިދު ފުރާވަޑައިގަންނަވާނީ އަންނަ ބުރާސްފަތިދުވަހު އެވެ.
ޑިމޮކްރަޓިކް އުސޫލުން އިންތިހާބު ކޮށްފައިވާ އޮމާންގެ ގާނޫނު ހަދާ މަޖިލީހުގައި 84 މެމްބަރުން ހިމެނިވަޑައިގަންނަވަ އެވެ. ޙާލިދު ވަނީ މަޖިލީހުގެ ރައީސްކަން ގިނަ ދުވަސްތަކެއް ވަންދެން ކުރައްވައިފަ އެވެ.