19 އޮކްޓޯބަރ 2019 - 06:12

މީގެ ހަތަރު އަހަރު ކުރިން ބޮލީވުޑަށް ތައާރަފުވި އެކްޓަރު ސޫރަޖް ޕަންޗޯލީގެ ދެވަނަ ފިލްމު ""ސެޓެލައިޓް ޝަންކަރު" ގެ ޓްރެއިލާ ދައްކާލައިފި އެވެ.
އަންނަ މަހުގެ 15 ގައި ސިނަމާތަކަށް ގެންނަ މި ފިލްމުގައި ޒުވާން އެކްޓަރު ފެނިގެންދާނީ އަސްކަރީ އޮފިސަރެއްގެ ރޯލުންނެވެ. "ސެޓެލައިޓް ޝަންކަރް" އަކީ އިރުފާން ކަމަލް ޑައިރެކްޓްކޮށްފައިވާ އެކްޝަން ޑްރާމާއެކެވެ.
ސޫރަޖާ އެކު ފިލްމުން ފެންނާނެ ކާސްޓުންގެ ތެރޭގައި މޭގާ އާކާޝް، އަނިލް ކޭ ރޭޖީ، ޕަލޯމީ ގޯޝް އަދި ރާޖް އަރުޖުން ހިމެނެ އެވެ.
މީގެ އިތުރުން "ސެޓްލައިޓް ޝަންކަރް" އިން ސޫރަޖްގެ އަލަތު ފިލްމު 2015 ގެ "ހީރޯ" ގެ ޕްރޮޑިއުސަރު ސަލްމާން ޚާން ހާއްސަ ފެނިލުމަކުން ފެންނާނެ އެވެ. އޭނާ ވަނީ ފިލްމުގެ ޓްރެއިލާ ވެސް ޓްވީޓްކޮށް އެވެ.
ފިލްމީ ތަރިން ކަމަށްވާ އަދިތިޔާ ޕަންޗޯލީ އާއި ޒަރީނާ ވައްހާބްގެ ދަރިފުޅު ސޫރަޖްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ކެޓްރީނާ ކެއިފްގެ ކޮއްކޮ އީޒަބެލް ކެއިފާ އެކު ކުޅޭ "ޓައިމް ޓް ޑާންސް" ހިމެނެ އެވެ.
ކުރީގެ އެކްޓަރު އަމްރިޝް ޕޫރީގެ ކާފަ ދަރިފުޅު ވަރުދާން ޕޫރީ ބޮލީވުޑަށް ތައާރަފުވާ ފިލްމުގެ ނަން ބަދަލުކޮށް، އޭގެ މޯޝަން ޕޯސްޓަރެއް ވެސް ދައްކާލައިފި އެވެ.
ކުރިން "ޕާގަލް" ގެ ނަން ދީފައިވާ ފިލްމަށް މިހާރު ދީފައި ވަނީ "ޔޭ ސާލީ އާޝިގީ" އެވެ. މި ސައިކޮލޮޖިކަލް ތުރިލާގެ ނަން ބަދަލުކުރީ ސެންޓްރަލް ބޯޑް އޮފް ފިލްމު ސެޓިފިކޭޝަން (ސީބީއެފްސީ) ގެ އެންގުމަކަށެވެ.
ޗިރާގް ރޫޕަރެލް ޑައިރެކްޓްކޮށްފައިވާ "ޔޭ ސާލީ އާޝިގީ" ގައި ވަރުދާންއާ އެކު އާ ބަތަލާއަކު ވެސް ތައާރަފުކުރާނެ އެވެ. އެއީ ޝިވަލީކާ އޮބެރޯއީ އެވެ.
މި ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 22 ގަ އެވެ.
މި މަހުގެ 25 ގައި ރިލީޒްކުރާ ފިލްމު "ހައުސްފުލް 4" ގެ އާ ލަވައެއް ދައްކާލައިފި އެވެ.
ފަރުހާދު ސަމްޖީ ލިޔެ، ޑައިރެކްޓްކޮށްފައިވާ ކޮމެޑީ ފިލްމުގެ ލަވަތަކުގެ ތެރެއިން ބެލުންތެރިންނަށް މި ފަހަރު ދޫކޮށްލީ "ބޫތު" ކިޔާ ލަވައެކެވެ. މި ލަވައި ކިޔާފައި ވަނީ މިކާ ސިންގް އާއި ޑައިރެކްޓަރު ފަރުހާދެވެ. ލަވައިގެ ޅެން ވެސް ހަދާފައި ވަނީ ފަރުހާދެވެ.
ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކޮށްފައިވާ "ހައުސްފުލް 4" ގެ ތަރިންނަކީ އަކްޝޭ ކުމާރު، ކްރިތީ ސެނަން، ބޮބީ ޑިއޯލް، ކްރިތީ ކަރްބަންދާ، ރިތޭޝް ދޭޝްމުކް އަދި ޕޫޖާ ހެގްޅޭ އެވެ. މި ފިލްމަކީ ސާޖިދު ގެނެސްދޭ "ހައުސްފުލް" ފްރެންޗައިޒްގެ ހަތަރު ވަނަ ފިލްމެވެ.
އަންނަ ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހު ރިލީޒްކުރާ ފިލްމު "ޕަތީ ޕަތުނީ އޯރް" ގެ އާ ޕޯސްޓަރުތަކެއް ދައްކާލައިފި އެވެ.
ޓީ ސީރީޒުން ޕްރޮޑިއުސްކޮށް، މުދައްސަރު އަޒީޒު ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ތަރިންނަކީ ކާތިކް އާރިޔާން އާއި ބޫމީ ޕެޑްނޭކަރްގެ އިތުރުން މިދިޔަ މެއި މަހު ރިލީޒްކުރި "ސްޓޫޑަންޓް އޮފް ދި އިޔާ 2" އިން ތައާރަފުވި ބަތަލާ އަނަންޔާ ޕާންޑޭ އެވެ.
"ޕަތީ ޕަތުނީ އޯރް ވޯ" އަކީ ހަމަ އެ ނަމުގައި 1978 ގައި ރިލީޒްކުރި ފިލްމެއްގެ ރިމެކެކެވެ. ބަލްދޭވް ރާޖް ޗޯޕްޅާ ޑައިރެކްޓްކުރި އެ ފިލްމުގެ ތަރިންނަކީ ސަންޖީވް ކުމާރާއި ރަންޖީތާ ކޯރްގެ އިތުރުން ދާދި ފަހުން މަރުވި ވިދިޔާ ސިންހާ އެވެ.
މި ފިލްމަކީ ކައިވެނީގެ ބޭރުން ފިރިއަކު އޮފީސް ސެކްރެޓަރީއަކާ އެކު ހިންގާ ސިއްރު ލޯބީގެ ގުޅުމެއްގެ ސަބަބުން ދިމާވާ ހާދިސާތަކެއް ކިޔައިދޭ ފިލްމެކެވެ.
"ޕަތީ ޕަތުނީ އޯރް ވޯ" ގެ ޓްރެއިލާ އަށް ގިނަ ބަޔަކު މިހާރު އަންނަނީ އިންތިޒާރުކުރަމުންނެވެ.