17 އޮކްޓޯބަރ 2019 - 13:09

ޖަފްނާ (އޮކްޓޯބަރު 17) - ސްރީ ލަންކާގައި 37 އަހަރަށް ދިގުދެމިގެން ދިޔަ ދާޚިލީ ހަނގުރާމަ އެންމެ ވަރުގަދައަށް ހިނގި އެ ގައުމުގެ އުތުރުގެ ޖަފްނާގައި ބައިނަލްއަގުވާމީ އެއާޕޯޓެއް މިއަދު ހުޅުވައިފި އެވެ.

ސްރީ ލަންކާގެ ބައިނަލްއަގުވާމީ ތިން ވަނަ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސް މައިތުރިޕާލާ ސިރިސޭނާ އާއި ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ އެވެ. އެ ރަސްމިއްޔާތުގައި ވަނީ ޓްރާންސްޕޯޓް މިނިސްޓަރު އަރުޖުނާ ރަނަތުންގާ ވެސް ބައިވެރިވެވަޑައިގެންފަ އެވެ.

ޖަފްނާގެ އާ އެއާޕޯޓަށް ފުރަތަމަ ޖެއްސީ އިންޑިއާގެ އެލަޔަންސް އެއާގެ ބޯޓެކެވެ. އޭޓީއާރް 72-600 މަރުކާގެ ބޯޓުތައް ބޭނުންކޮށްގެން އެލަޔަންސް އެއާ އިން އިންޑިއާގެ ޗެންނާއީ އާއި ޖަފްނާއާ ދެމެދު ހަފުތާއަކު ހަތް ފްލައިޓް އޮޕަރޭޓް ކުރާނެ އެވެ.
މިނިސްޓަރު ރަނަތުންގާ ވިދާޅުވީ ޖަފްނާ އިން ރާއްޖެ އާއި މެލޭޝިއާ އަށް ވަރަށް އަވަހަށް ދަތުރުތައް ފަށާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.
ޖަފްނާ ސިޓީއާ 20 ކިލޯމީޓަރު ދުރުގައި ހަދާފައިވާ އެއާޕޯޓުގެ ރަންވޭގެ ދިގު މިނުގައި 2.3 ކިލޯމީޓަރު ހުރެ އެވެ.
ސްރީ ލަންކާގެ ފުރަތަމަ ބައިނަލްއަގުވާމީ އެއާޕޯޓަކީ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓެވެ. ބައިނަލްއަގުވާމީ ދެ ވަނަ އެއާޕޯޓުގެ ގޮތުގައި ހުޅުވީ ޗައިނާގެ އެހީގައި ހެދި މައްތަލަ އެއާޕޯޓެވެ.
ޑޮމެސްޓިކް ފްލައިޓްތައް އޮޕަރޭޓް ކުރުމަށާއި މިލިޓަރީ އެއާޕޯޓެއްގެ ގޮތުގައި ކުރިން ބޭނުން ކުރި ޖަފްނާ އެއާޕޯޓް ބައިނަލްއަގުވާމީ އެއާޕޯޓަކަށް ތަރައްގީ ކުރުމަށް އެހީވެދިނީ އިންޑިއާ އިންނެވެ. އެއާޕޯޓަށް ހޭދަވި 2.25 ބިލިއަން ރުޕީސްގެ ތެރޭން 1.95 ބިލިއަން ޚަރަދު ކުރީ ލަންކާ ސަރުކާރުންނެވެ. އިންޑިއާ ސަރުކާރުން ދިނީ 300 މިލިއަން ރުޕީސް އެވެ.