18 އޮކްޓޯބަރ 2019 - 07:59

އަގު ބޮޑުވުމުގެ ސަބަބުން އައިފޯން ގެންގުޅުމުގެ ނަސީބު ނުލިބި ތިބި މީހުންނަށް އޮތީ އުފާވެރި ޚަބަރެކެވެ. އެއީ އަންނަ އަހަރުގެ ކުރީކޮޅު އައިފޯނުގެ އަގު ހެޔޮ މޮޑެލެއް ނެރެން ތައްޔާރުވަމުން އަންނާތީ އެވެ.
ޓެކް ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނެފައިވާ ގޮތުގައި އަގުހެޔޮކޮށް އެޕަލް އިން ނެރޭނީ އައިފޯން އެސްއީ 2 އެވެ. މީގެ އަގު ފެށެނީ 399 ޑޮލަރު (6,144ރ.) ކަމަށްވެ އެވެ.
މި މޮޑެލްގެ ތިން ކުލައެއް ލޮބޭނެ އެވެ. އެއީ ސިލްވާ، ސްޕޭސް ގްރޭ އަދި ރަތެވެ. ފޯނުގެ ފީޗާތަކަށް ބަލާއިރު އޭ13 ޗިޕަކާ އެކު 3ޖީބީ ރެމެއް އެކުލެވޭނެ އެވެ. މީގައި 3ޑީ ޓަޗް ފީޗާތައް ނުހިމެނުނު ނަމަވެސް ޓަޗް އައިޑީ ފިންގަޕްރިންޓް އިންނާނެ އެވެ. ފޭސް އައިޑީއެއް ނީންނާނެ އެވެ.
އައިފޯން އެސްއީ 2 ވައްތަރުވާނީ އައިފޯން 8 އާ އެވެ.
ރިޕޯޓްތައް ބުނާގޮތުން އައިފޯން އެސްއީ 2 ނެރޭނެ ސީދާ ތާރީހެއް އަދި ކަށަވަރު ނުވި ނަމަވެސް، ފޯނު ނެރޭނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ބާއްވާ އިވެންޓެއްގެ ތެރޭގަ އެވެ.