17 އޮކްޓޯބަރ 2019 - 11:30

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން އާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހަށް ރައީސް ފޮނުއްވާ ނަންފުޅުތަކަށް އާންމުންގެ ޚިޔާލު ހޯދަން މަޖިލީހުން ހުޅުވާލައިފި އެވެ.
ޓެކްސް ނެގުމާ ބެހޭ އިދާރާ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އައްޔަންކުރަންޖެހޭ ކޮމިޝަނާ ޖެނެރަލްގެ މަގާމަށް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަޖިލީހަށް ފޮނުއްވީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކުރީގެ ޑިރެކްޓަރު ފަތުހުﷲ ޖަމީލާއި ކަސްޓަމްސްގެ އެސިސްޓެންޓް ކޮމިޝަނަރު އިސްމާއިލް ނާޝިދެވެ.
ޑެޕިއުޓީ ކޮމިޝަނާ ކަމަށް ކުރިމަތިލެއްވި ބޭފުޅުންނަކީ މުހައްމަދު ސިރާޖް މުނީރާއި އަސްމާ ޝަފީއު އާއި އިސްމާއިލް ސާޖިދުގެ އިތުރުން އަހުމަދު ޝަރީފާއި އަހުމަދު ވާފިރުގެ އިތުރުން ހަމްދީ އަގީލެވެ. އެ ބޭފުޅުންގެ ނަންފުޅުތައް ވެސް ރައީސް ވަނީ މަޖިލީހަށް ފޮނުއްވައިފަ އެވެ.
މަޖިލީހުން ކުރި އިއުލާނެއްގައިވަނީ ރައީސް ފޮނުއްވި ނަންފުޅުތަކާ މެދު އާންމުންގެ ޚިޔާލު ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ. އަދި އެ ނަންތަކާ މެދު ޝަކުވާއެއް އޮވެއްޖެ ނަމަ، އީމެއިލް ނުވަތަ ލިޔުމެއް މެދުވެރިކޮށް ވެސް ހުށަހެޅޭނެ ކަމަށް އެ އިއުލާނުގައިވެ އެވެ.